ރާއްޖޭގެ ހަތް ސަރަޙައްދުގައި އުފައްދަވާފައިވާ ހަތް ޤައުމީ އިދާރާ އާއި އެ އިދާރާތަކުގެ ދަށުން ހިނގަމުންދާ ގައުމީ އިދާރާގެ ޔުނިޓްތައް، ރައީސުލްޖުމްހޫރިއްޔާ އުވާލައްވައިފި އެވެ.

ޤައުމީ އިދާރާތަކާއި އެ އިދާރާތަކުގެ ޔުނިޓްތައް އުވާލެއްވީ އެ އޮފީސްތައް ވަކިން އުފެއްދެވުމުގެ ބަދަލުގައި ދިވެހި ރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 8 ވަނަ ބާބާއި ގާނޫނުގައިވާ ގޮތަށް ލާމަރްކަޒީ އުޞޫލުން ރާއްޖޭގެ އަތޮޅުތަކާއި ރަށްތައް ހިންގުމަށް މަގުފަހިކުރެއްވުމަށް ޓަކައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސް އޮފީހުން ބުނީ ޤައުމީ އިދާރާތައް މެދުވެރިކޮށް، ސަރުކާރުގެ މިނިސްޓްރީތަކުން ޚިދްމަތްތައް ދިނުމުގައި މުޢާމަލާތު ކުރުމުގެ މަގު ދިގުވެ، ވިލަރެސް ކުރުމުގައި ބައެއް ދަތިތަކާ ކުރިމަތިވަމުންދާ ކަމަށާއި ކައުންސިލްތަކުން ސީދާ ސަރުކާރުގެ މިނިސްޓްރީތަކާ ގުޅިގެން ކަންކަން ނިންމައި ރައްޔިތުންނާ ވީހާ ވެސް ގާތުން ޚިދްމަތް ދެވޭނެ އިންތިޒާމެއް ހަމަޖެއްސެވުމަކީ، އެ އޮފީސްތައް އުވާލެއްވުމުގެ މުހިންމު އެއް ސަބަބެވެ.

ޤައުމީ އިދާރާތަކާއި އެ އިދާރާތަކުގެ ޔުނިޓްތައް އުވާލެއްވުމާ ގުޅިގެން، އެތަންތަނަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވާފައިވާ މަސައްކަތްތަކާއި ޤައުމީ އިދާރާތަކާއި އެ އިދާރާތަކުގެ ޔުނިޓްތައް މެދުވެރިކުރައްވައިގެން، ސަރުކާރުގެ މިނިސްޓްރީތަކުން ކުރަމުން އައި މަސައްކަތްތައް، ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރްކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގައިވާ ގޮތުގެމަތީން ލޯކަލް ކައުންސިލްތަކާ އެކު ވެވޭ އެއްބަސްވުންތަކެއްގެ ދަށުން ކައުންސިލްތަކާ ޙަވާލުކޮށްގެން ހިންގެވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.