27 Apr 2023, 19:07
ޗާގޯސް މައްސަލައިގައި ރާއްޖެއިން ވަކާލާތު ކުރަމުން އައި ގޮތް ކުއްލިއަކަށް މޮރިޝަސްއާ އެއްކޮޅަށް ދިވެހި ސަރުކާރުން ބަދަލުކުރުމާ އެކު އެ ނިންމުމުގައި ގޮތް ނޭނގޭ މުއާމަލާތްތަކެއް ހިނގައިފައިވާ ކަމަށް ބުނެ ކޮށްފައިވާ ތުހުމަތުތަކަށް، މޮރިޝަސްގެ ފޮރިން މިނިސްޓަރު އެލަން ގަނޫ ރައްދު ދެއްވައިފިއެވެ.
މޮރިޝަސްގެ ނޫސްތަކެއްގައި ދާދި ފަހުން ވަނީ، ރާއްޖެއިން ގޮތް ނިންމުމުގައި 500 މިލިއަން އެމެރިކާ ޑޮލަރުގެ ސިއްރު އެއްބަސްވުންތަކެއް ވެފައިވާކަމަށް ތުހުމަތުކޮށްފައެވެ.
އެކަމާ ގުޅިގެން ނޫސްވެރިން ކުރި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު އެލަން ވިދާޅުވި ކަމަށް މޮރިޝަސްގެ ނޫހެއްގައި ވަނީ، އެފަދަ ތުހުމަތެއް އުޅޭކަން އެނގުނީ ނޫސްތަކުން ކަމަށެވެ. އަދި އެކަމާ ބެހޭ ގޮތުން އިތުރަށް ވާހަކަ ދައްކަވާނީ ރައްޔިތުންގެ މަޖިލީހުގައި މެމްބަރުން ދައްކަވާފައިވާ ވާހަކަތަކުގެ ތަފްސީލް ލިބުމުން ކަމަށާއި އޭނާއަކީ ރާއްޖޭގެ ކަންކަމަށް ނުފޫޒު ފޯރުވޭނެ ބޭފުޅެއް ނޫން ކަމަށް ވިދާޅުވިއެވެ.
ރާއްޖޭގެ އިދިކޮޅު ޕާލިމަންޓަރީ ގްރޫޕާ ހަވާލާދީ މޮރިޝަސްގެ ނޫސްތަކުގައި ލިޔެފައިވާ ގޮތުގައި މިއީ ރާއްޖެއަށް 150 މޭލަށްވުރެ ބޮޑު ކަނޑާއި ވައިގެ އިތުރުން ކަނޑު އަޑީގެ ސަރަހައްދެއް ގެއްލޭނެ ކަމެކެވެ. އަދި މާދަމާ އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)ގައި ނިންމާނެ ނިންމުމަށް ވަރަށް ބޮޑަށް އަސަރުކުރާނެ ކަމެއްކަމަށް ވެސް މޮރިޝަސްގެ ނޫސްތަކުގައި ބުނެފައިވެއެވެ.
އެކަމަކު، ދިވެހި ސަރުކާރުން ވަނީ އެ ތުހުމަތުތައް ދޮގުކޮށްފައެވެ. ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދާ މީގެ ކުރިން "ސަން"އިން ސުވާލުކޮށްލުމުން އޭނާ ވިދާޅުވީ ދައުރުވަމުން އައި ސިޓީއަކީ އަސްލެއް ނޫންކަމަށެވެ. އަދި ސަރުކާރުގެ ނިންމުން ބަދަލުކުރުމުގައި އެއްވެސް ގޮތް ނޭނގޭ ގުޅުމެއް ނުހިނގާކަމަށާއި ތުހުމަތުތަކުގައި އެއްވެސް ބުރަދަނެއް ނެތްކަމަށް މިއުވާން ވަނީ ވިދާޅުވިއެވެ.
މީގެ އިތުރުން ޗާގޯސްއާއި ދިވެހިރާއްޖެއާ ދެމެދުގައި ފުށުއަރާ މައްސަލަ ހައްލުކުރުމަށް މި ސަރުކާރުން މަސައްކަތް ކުރަމުން ދަނީ ބައިނަލްއަގުވާމީ ޓްރައިބިއުނަލެއްގައި ކަމަށާއި، ވަކި ސަރުކާރަކާ އެކީ މި ވާހަކަތައް ކުރިއަށް ނުގެންދާކަމަށް ރައީސް ވިދާޅުވެފައިވެއެވެ. އަދި މޮރިޝަސް ސަރުކާރުން އިޓްލޮސްއަށް ހުށަހަޅާފައި އޮތް މައްސަލައިގައިވެސް، މި ސަރުކާރުން އަންނަނީ ދިވެހިރާއްޖޭގެ އެންމެ މަތީ މަޞްލަޙަތު ހިމާޔަތް ކުރަމުންކަމަށް ވެސް ރައީސް ވިދާޅުވެފައިވެއެވެ.