27 Apr 2023, 14:39
ނައިބު ރައީސް ފައިސަލް ނަސީމް، ރައީސުލްޖުމްހޫރިއްޔާ ކަމުގެ ދުސްތޫރީ ހުވާ ކުރައްވާ މަގާމާ ހަވާލުވެވަޑައިގެންފައިވަނިކޮށް، ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު އަލުން މަގާމާ ހަވާލުވެވަޑައިގަތުމުން ދުސްތޫރީ އޮޅުންބޮޅުމެއް އުފެދިފައިވާ ކަމަށް ބުނެ އެކަމަށް ހައްލެއް ހޯދައިދިނުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގަރާރު ބޭރުކޮށްލައިފިއެވެ.
މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެ ގަރާރު ތަޅުމުން ބޭރުކޮށްލާފައިވަނީ ގަރާރު ބަލައިގަތުމަށް ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 48 މެމްބަރުންގެ ތެރެއިން 40 މެމްބަރުން ގަރާރު ބަލައިގަތުމަށް ނުފެންނަ ކަމަށް ވޯޓު ދެއްވުމުންނެވެ. ގަރާރު ބަލައިގަތުމަށް ފެންނަ ކަމަށް ވޯޓު ދެއްވީ ހަތް މެމްބަރުންނެވެ. އެއް މެމްބަރަކު ވަނީ ވަކި ގޮތަކަށް ވޯޓު ދޭން ބޭނުންނުވާ ކަމަށް ބުނެފައެވެ.
މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ތޯރިގް ހުށަހެޅުއްވި ގަރާރުގައި ބުނީ ރައީސްގެ މަގާމާ، ނައިބު ރައީސް ހަވާލުވާނީ ކޮންމެވެސް ސަބަބަކާ ހުރެ ރައީސްގެ މަގާމު ހުސްވުމުން ކަން ގާނޫނުން އެނގެން އެބައޮތް ކަމަށެވެ. އެގޮތުން ނައިބު ރައީސްގެ މަސްއޫލިއްޔަތުކަމަށް ގާނޫނުގައި ބުނެފައިވަނީ ރައީސްގެ މަސްއޫލިއްޔަތުތަކާއި ބާރުތަކުގެ ތެރެއިން، ރައީސް ހަވާލުކުރާ ކަންކަން ކުރުން ކަމަށް ގަރާރުގައި ވެއެވެ.
އޭގެ އިތުރުން، އެއްވެސް ސަބަބަކާ ހުރެ ރައީސް، އޭނާގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ވަގުތީގޮތުން އުޒުރުވެރިވެއްޖެނަމަ، ރައީސްގެ މަސްއޫލިއްޔަތުތައް ވެސް އަދާކުރަން ވާނީ ނައިބު ރައީސްކަން ގާނޫނުގައި ބަޔާން ކޮށްފައިވާ ކަން ގަރާރުގައި ފާހަގަކޮށްފައިވެއެވެ.
ގަރާރުގައި ބުނެފައި ވަނީ ގާނޫނު އަސާސީގެ 124 ވަނަ މާއްދާއިން ފެށިގެން 126 ވަނަ މާއްދާގެ ނިޔަލަށް ހުރި މާއްދާތަކުން، ރައީސްގެ މަގާމާ، ނައިބު ރައީސްގެ މަގާމު ހުސްވުމުން ނުވަތަ އެ ދެބޭފުޅުންނަށް މަގާމުގެ ޒިންމާތައް ވަގުތީ ގޮތުން އަދާކުރުމަށް އުޒުރުވެރިވާ ހާލަތެއް މެދުވެރިވުމުން އަމަލު ކުރަން ޖެހޭ ގޮތް ސާފުވާ ކަމަށެވެ.
އެގޮތުން، ގާނޫނު އަސާސީގެ 126 ވަނަ މާއްދާގައި ބަޔާންކުރަނީ ރައީސް ނެތި، އަދި ވަގުތީ ގޮތުން ރައީސްގެ ޒިންމާތައް އަދާކުރުމަށް ނައިބު ރައީސެއް ވެސް ނެތް ނަމަ، އެ ހާލަތުގައި ރައީސްގެ މަގާމާ ހަވާލުވާ ފަރާތުން ހުވައެއް ކޮށް، އިގުރާރެއްގައި ސޮއި ކުރަން ޖެހޭ ކަން ކަމަށް ގަރާރުގައި ފާހަގަކޮށްފައިވެއެވެ.
ގަރާރުގައި ބުނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްއާއި ނައިބުރައީސްގެ ޒިންމާތައް ބަޔާން ކުރާ ގާނޫނު އަސާސީގެ 82 ވަނަ މާއްދާގެ އެއްވެސް އަކުރެއްގައި ރައީސްގެ ޒިންމާއާ، ނުވަތަ އެ މަގާމާ ވަގުތީ ގޮތުން ހަވާލުވުން ބަޔާން ކޮށްފައި ނުވާ ކަމަށެވެ. އެއާ ޚިލާފަށް، ރައީސްގެ މަގާމުގެ ޒިންމާއާ ވަގުތީ ގޮތުން ހަވާލުވުމަކީ ނައިބު ރައީސްގެ ދުސްތޫރީ ޒިންމާގެ ތެރޭގައި ހިމެނޭ ކަމެއްކަން ގާނޫނު އަސާސީގައި ބަޔާން ކޮށްފައިވާ ކަމަށް ވެސް އެ ގަރާރުގައިވެއެވެ.
ހަމައެހެންމެ ވަގުތީ ގޮތުން ރައީސްގެ މަސްއޫލިއްޔަތު އަދާކުރުމަށް އުޒުވެރިވާ ހާލަތުގައި އަމަލުކުރަންޖެހޭނެ އިޖުރާއަތުތައް ގާނޫގައި ބަޔާން ކޮށްފައިވާ ގޮތަށް ބަލާއިރު، ނައިބު ރައީސް، ރައީސްގެ ޒިންމާތަކާ، އެފަދަ ހާލަތެއްގައި ހަވާލުވުމަށް ހުވައެއް ކުރަން ޖެހޭ ކަމަށް ބަޔާން ކޮށްފައި ނުވާ ކަން ގަރާރުގައި ފާހަގަކޮށްފައިވެއެވެ.
އޭގެ ބަދަލުގައި، ލިޔުމަކުން މަޖިލީހުގެ ރައީސަށް އެކަން އެންގުމަށްފަހު ނައިބު ރައީސްއާ އެ ޒިންމާތައް ހަވާލުކުރުމަށް ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށް ގަރާރުގައި ވެއެވެ. އަދި މަޖިލީހުގެ ރައީސަށް އެކަން އަންގަން އުޒުރުވެރިވާ ހާލަތުގައި ވަޒީރުންގެ މަޖިލީހުގެ އަޣުލަބިއްޔަތު ތާއީދާއެކު އެކަން އަންގާނީ ނައިބު ރައީސް ކަމަށް ގާނޫނުގައި ބަޔާން ކޮށްފައިވާ ކަން ވެސް ގަރާރުގައި ފާހަގަކުރެއެވެ.
ގަރާރުގައި ބުނެފައި ވަނީ، ގާނޫނު އަސާސީގައި އެކަންކަން ސާފު ކޮށް ބަޔާން ކޮށްފައިވީ ނަމަވެސް، މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 25 ވަނަ ދުވަހު، ރައީސް ޞާލިހު ކުރެއްވި އޮޕަރޭޝަނަކާ ގުޅިގެން ހޭފުޅުނައްތައިލަން ޖެހުމުން، ނައިބު ރައީސް، ފައިސަލް ނަސީމް، ގާނޫނު އަސާސީގެ ޖަދުވަލް އެކެއްގައިވާ ރައީސްގެ މަގާމުގެ ހުވާ ކުރައްވާފައިވާ ކަމަށެވެ.
ގާނޫނުގައި ނައިބު ރައީސް، ރައީސްގެ މަގާމާ ހަވާލުވާން ޖެހޭނެ ހަމައެކަނި ހާލަތަކީ ރައީސްގެ މަގާމު ހުސްވާ ހާލަތު ކަމަށް ބަޔާން ކޮށްފައިވާ ކަން އެ ގަރާރުގައި ފާހަގަކޮށްފައިވެއެވެ.
"ވަގުތީ ގޮތުން މަގާމުގެ ޒިންމާ އަދާކުރަން ރައީސް އުޒުރުވެރިވާ ހާލަތުގައި އެ މަގާމުގެ ޒިންމާތަކާ ނައިބު ރައީސް ހަވާލުވާނީ ނައިބު ރައީސްގެ މަގާމުގައި ހުންނަވައިގެން، އެ މަގާމުގެ މަސްއޫލިއްޔަތެއް އަދާކުރުމަށް ކަމަށް ވާއިރު، އެ ހާލަތުގައި ރައީސްގެ މަގާމުގެ ހުވާކުރަން ނުޖެހޭނެ ކަން ގާނޫނު އަސާސީގެ މާއްދާތަކުން ސާފޮ ކޮށް އެނގޭ،" ގަރާރުގައި ވެއެވެ.
ގަރާރުގައި ބުނެފައި ވަނީ މިހާރު ރައީސްއަކީ ފައިސަލް ނަސީމު ކަމަށް ވެސް ދުސްތޫރީ ގޮތުންބަލަން ޖެހޭ ކަމަށް ފެންނަން އޮތް ނަމަވެސް 2018 ވަނަ އަހަރު އިންތިޚާބުކުރެވުނު ރައީސް ޞާލިހު، ރައީސްގެ ޒިންމާތަކާ ފަހުން ހަވާލުވެވަޑައިގެންފައިވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން މިހާރު އުފެދިފައިވާނީ ދުސްތޫރީ އޮޅުންބޮޅުންގަނޑެއްކަމުގައި ފެންނާތީ، އެ މައްސަލައިގައި ފައިސަލާކުރުވަނިވި ސާފު ހައްލެއް، ސުޕްރީމް ކޯޓުން ހޯދައިދޭން ޖެހޭ ކަމަށް ދެކޭކަމަށް ގަރާރުގައި ވެއެވެ. އަދި އެ ހައްލު، ވީ އެންމެ އަވަހަކަށް ހޯދުމަށް އެ ގަރާރުގައި ގޮވާލާފައިވެއެވެ.