27 Apr 2023, 13:33
އެމެރިކާއާއި ޔޫރަޕްގެ އަސްކަރީ އަދި އިގްތިސާދީ ބޮޑެތި އެހީތަކާއެކުވެސް ޔުކްރެއިން ހަނގުރާމައިގައި ރަޝިއާގެ މައްޗަށް ގަދަވެވޭވަރުގެ ކާމިޔާބީއެއް ޔުކްރެއިންނަށް ނުހޯދޭނެކަން އެމެރިކާއަށް މިހާރު ކަށަވަރުވަމުންދާކަމަށާއި މިއާއެކު ޔުކްރެއިން ބަލި ގަބޫލުރަންޖެހިދާނެ ކަމަށް ބަލައި އެމެރިކާ ވިސްނުން ބަދަލުކުރަމުން ގެންދާކަމަށް ނަންހާމަކުރަން ނޭދޭ އެމެރިކާގެ މަސްދަރަކުން ބުނެފިއެވެ.
މިމަސްދަރާ ހަވާލާދީ އެމެރިކާގެ މިޑީއާ ރިޕޯޓްތައް ބުނާގޮތުން އެމެރިކާއާއި ނޭޓޯގެ އެހެން ގައުމުތަކުން ފާއިތުވި ހަތަރު މަސް ތެރޭގައި ޔުކްރެއިންއަށް ފޯރުކޮށްދިން ގިނަ ބަރު ހަތިޔާރުތަކާއި އަސްކަރީ މަތީ ފެންވަރުގެ ތަމްރީންތަކާއި ޖާސޫސީ މައުލޫމާތުގެ އެހީގައިވެސް ރަޝިއާ ޖެހިލުންވާފަދަ އެއްވެސް ހަމަލާއެއް ޔުކްރެއިންއަށް ދެވިފައެއް ނުވެއެވެ. އަދި ރަޝިއާގެ މައްޗަށް އެއްވެސް ކުރިއެރުމެއް ފާއިތުވި ހަތަރު މަސްތެރޭގައި ޔުކްރެއިންއަށް ހޯދިފައެއް ނުވެއެވެ. މިމައްސަލާގައި އެމެރިކާގެ މަސްއޫލުވެރިންވަނީ އާދަޔާ ޚިލާފަށް ކަންބޮޑުވެފައެވެ.
މި ރިޕޯޓްތައް ބުނާގޮތުން ޔުކްރެއިން ހަނގުރާމައިގެ ކަންތައް މިހާރުދަނީ ކުރިން އެމެރިކާ ހީކުރިގޮތާ މުޅިން ޚިލާފަށެވެ. ހުޅަނގުގެ ބަރުހަތިޔާރާއެކުވެސް ޔުކްރެއިންއަށް ހަނގުރާމައިގެ މައިދާނުގައި ރަޝިއާ އެއްވެސް ވަރަކަށް މިހާރު ފަހަތަށް ޖައްސައެއް ނުލެވެއެވެ. މަޑުމަޑުން ނަމަވެސް ހަނގުރާމައިގާ ކުރިއެރުން ހޯދަމުން ގެންދަނީވެސް ރަޝިއާއެވެ.
ހުޅަނގުން ޔުކްރެއިންއަށް ފޮނުވާ ބަރުހަތިޔާރުގެ ބޮޑުބައެއް ޔުކްރެއިން ސިފައިން ބޭނުންކުރަން ފެށުމުގެ ކުރިން ހަމަލާދީ ރަޝިއާއިން އެތަކެތި ހަލާކުކުރަމުން ގެންދިޔުމަކީވެސް އެމެރިކާއަށް ލިބޭ ބޮޑު މާޔޫސްކަމެކެވެ.
އަނެއްކޮޅުން ރަޝިއާގެ އެތެރޭން ރައީސް ޕޫޓިންއާ ދެކޮޅަށް ކަމެއްކުރެވޭނެ ކަމުގެ އުންމީދުއޮތްކަމަށް ބުނެ އެމެރިކާގެ ޖާސޫސީ އިދާރާތަކުން ރައީސް ބައިޑެން ދިން މައުލޫމާތުވެސް ސައްހަ ނޫންކަންވަނީ ހާމަވެފައެވެ. އަދި ރަޝިއާއާ ދެކޮޅަށް އެޅި ދަތިކުރުމުގެ ފިޔަވަޅުތަކުންވެސް ރަޝިއާއަށް މާބޮޑު އަސަރެއް ނުކުރިއެވެ.
މިއާއެކު ހުޅަނގު އެދޭގޮތަށް ޔުކްރެއިން ހަނގުރާމަ، ނުގޮސް ޔުކްރެއިނުން ރަޝިއާއަށް އަމާންދޭންޖެހޭ ހިސާބަށް ނޫނީ ރަޝިއާގެ ޝާރުތުތައް ގަބޫލުކޮށްގެން ސުލްހައިގެ އެއްބަސްވުމެއްގައި ސޮއިކުރަން ޔުކްރެއިންއަށް އެންމެފަހުން މަޖުބޫރުވާ ހިސާބަށް ހާލަތު ގޮސްފާނެކަމުގެ ކަންބޮޑުވުން އެމެރިކާއަށް މިހާރު އެބައޮތެވެ.
މި ހަގީގަތްތަކުގެ އަލީގައި ޔުކްރެއިން ހަނގުރާމައާމެދު އެމެރިކާ ގެންގުޅޭ ސިޔާސަތަށް ބަދަލުތަކެއް ގެންނަން އުޅޭކަމަށް ނަންހާމަކުރަން ނޭދޭ އެމެރިކާގެ މަސްދަރުން ބުނެއެވެ. ތަޖުރިބާކާރުން ބޮޑަށް ބުރަވަނީ، އެމެރިކާގެ ސިޔާސަތަށް ގެންނާނެކަމަށް ބެލެވޭ ބަދަލަކީ އަފްޣާނިސްތާންއާ މެދު އެމެރިކާ ގެންގުޅުނު ސިޔާސަތު ޔުކްރެއިން އާމެދުވެސް ގެންގުޅުމެވެ.
އަފްޣާނިސްތާންގައި އެމެރިކާ ގެންގުޅުނު ސިޔާސަތު ޔުކްރެއިންގައި ގެންގުޅުމަކީ އަފްޣާން ވެރިކަމަށް (ޑިމޮކްރަސީގެ ދަޅައެއްގެ ތެރެއިން) އެމެރިކާ އެގައުމުގެ ވެރިކަމަށް ގެނަސްގެންއުޅުނު އެމެރިކާގެ ޕަޕެޓް އަޝްރަފް ޣަނީއާމެދު މުއާމަލާތްކުރި ގޮތަށް ޔުކްރެއިންގެ ރައީސް ޒެލެންސްކީއާމެދު މުއާމަލާތް ކުރުންކަމަށް ވުމަކީ އެކަށީގެންވާ ކަމެކެވެ.
އެމެރިކާ އޮތީ އަފްޣާނިސްތާނުން އެމެރިކާ ފޭބިނަމަވެސް މަދުވެގެން އަހަރެއްހާ ދުވަހަށްފަހުގައި ނޫނީ ތާލިބާނުންނަށް ކާބުލް ނުހިފޭނެކަމާއި އަހަރެއްހާ ދުވަހަށްފަހު ތާލިބާނުން ކާބުލްއަށް އަރައިގަތް ނަމަވެސް އަޝްރަފް ޣަނީއަށް އެމެރިކާއިން ހިމާޔަތާއި ރައްކާތެރިކަންދޭނެ ކަމުގެ ޔަގީންކަން އޭނާއަށް ދީފައެވެ. ނަމަވެސް ކަންތައްވެގެން ދިޔައީ އެމެރިކާ ލަފާކުރި އަދި ރޭވިގޮތަކަށް ނޫނެވެ. 180 ޑިގްރީއަށް އިދިކޮޅަށެވެ.
އެމެރިކާ ސިފައިން އަފްޣާނިސްތާނުން ނުފައިބަނީސް ތާލިބާނުން ކާބުލްއަށް ހަތިޔާރާއެކު ވަދެގެންފިއެވެ. އެއާއެކު އަފްޣާން ލަޝްކަރު ރޫޅި އަޝްރަފްޣަނީ ފިއްލަވަން ޖެހިވަޑައިގަތެވެ. އެމެރިކާގެ ބާރުތައް އަފްޣާނިސްތާނުގައި އޮތްނަމަވެސް އޭނާއަށް ހިމާޔަތެއްވެސް ނުދިނެވެ.
އެ ހާލަތުގައި އަޝްރަފް ޣަނީ ހިމާޔަތްކުރަން ކާބުލްގެ އެތެރޭގައި އެމެރިކާ ތާލިބާނުންނާ ހަނގުރާމަ ކުރަންޖެހޭނީ ގެރިއްލާ ހަނގުރާމައަކަށްވާތީ ތާލިބާންފަދަ އިމާރާތްތަކާއި މަގުތަކާއި ގޯޅިތަކުގައި ހަނގުރާމަކުރުމުގެ ގާބިލްކަން އިންތިހާއަށް ލިބިފައިވާ ޖަމާއަތަކާއެކު ހަނގުރާމަ ކޮށްގެން އެމެރިކާއަށް ކާމިޔާބު ލިބޭނެ ކަމަށް ނުބެލެވޭތީ އެމެރިކާ ނިންމީ ތާލިބާނުންނާ ކުރިމަތިލުމަކަށް ނުގޮސް އަޝްރަފްޣަނީ ގުރުބާން ކޮށްލުމަށެވެ.
އެމެރިކާ 20 އަހަރުވަންދެން ތަމްރީންކޮށް އެމެރިކާގެ ބަރުހަތިޔާރުން ހަތިޔާރުއަޅާފައިވާ އަފްޣާނިސްތާނުގެ ބޮޑު ލަޝްކަރު، ތާލިބާނުން ކާބުލްއަށް އަރާއިރަށް ރޫޅި ވިއްސިވިހާލި ވެގެންދާނެކަމަށް އެމެރިކާ ލަފާކޮށްފައިވެސް ނުވެއެވެ.
އެމެރިކާގެ މަސްއޫލުވެރިންވަނީ ތާލިބާނުންގެ އަތްމައްޗަށް އަފްޣާނިސްތާން ނުވެއްޓޭނެ ކަމަށާއި އެމެރިކާ ބިނާކޮށްދިން އަޝްރަފްޣަނީގެ ލަޝްކަރަށް މަދުވެގެން އަހަރެއްހާ ދުވަހު ތާލިބާނުންގެ ކުރިމަތީގައި ހިފަހައްޓާ ލެވޭނެކަމަށް ބުނެ ޣަނީ އާއި އަފްޣާން އޭރުގެ މަސްއޫލުވެރިންގެ ކުރިމަތީގައި ބޮޑެތި ދޮގުތަކެއް ހަދާފައެވެ.
ތަޖުރިބާކާރުން ވިދާޅުވާގޮތުގައި ޔުކްރޭންގެ ހާލަތު މިހާރު އޮތީ އަފްޣާނިސްތާނުން އެމެރިކާ ފައިބަން އުޅުނު ދުވަސްވަރު އޮތް ހާލަތާ ދާދި އެއްހާލަތެއްގައެވެ. ޔުކްރެއިން ސިފައިންވަނީ ހަގީގަތުގައި ބަލިކަށިވެފައެވެ.
އެމެރިކާ އާއި ނޭޓޯގެ އެތައް ސަތޭކަ ބިލިޔަން ޑޮލަރެއްގެ ބަރުހަތިޔާރާއި އިގްތިސާދީ އެހީތެރިކަމާއެކުވެސް ރަޝިއާ ކަންބޮޑުވާވަރުގެ އެއްވެސް ހަމަލާއެއް ޔުކްރެއިން ސިފައިންނަށް ރަޝިއާއާ ދެކޮޅަށް ނުދެވެއެވެ.
އެމެރިކާއާއި ނޭޓޯގެ އެހެން ގައުމުތަކުން ގެންދަނީ ޔުކްރެއިންއަށް ދެވެންއޮތް ވަރަކަށް ހަތިޔާރާއި އަސްކަރީ ޖާސޫސީ މައުލޫމާތު ފޯރުކޮށްދެމުންނެވެ. ނަމަވެސް ރަޝިއާގެ ކުރިމަތީގައި ޔުކްރެއިން މަޑުމަޑުން ބަލިކަށިވަމުންދާ މަންޒަރު ނޫން އެހެން މަންޒަރެއް މިހާރު ފެންނާކަށް ނެތެވެ.
އެމެރިކާގެ އާރާއި ބާރު ދުނިޔޭގައި ކުޑަވަމުންދާތީ ރަޝިއާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ މާބޮޑު އަސަރެއްވެސް ރަޝިއާއަކަށް ނުކުރެއެވެ. އެއީ އެމެރިކާގެ ސޮފްޓް ޕަވާ މިހާރު ކުޑަކަމުން އެފިޔަވަޅުތަކަށް ދުނިޔޭގެ ގިނަ ގައުމުތަކުން އެފިޔަވަޅުތަކަށް އަމަލުނުކުރާތީއެވެ.