24 Apr 2012, 11:45
ގާނޫނު އަސާސީ އިސްލާހު ނުކޮށް އަވަސް އިންތިހާބަކަށް ދެވެން ނެތް ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ މެންބަރު، ފޯއްމުލަކު މެދު ދާއިރާގެ ޝިފާގު މުފީދު ވިދާޅުވެއްޖެ އެވެ.
މި އަހަރުގެ ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހު ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވި ގޮތް ތަހުގީގު ކުރުމަށް އުފައްދާފައިވާ ނެޝަނަލް އިންކުއަރީސް ކޮމިޝަން މިނިވަން ކުރުމަށާއި ރާއްޖޭގައި އަވަސް އިންތިހާބެއް ބޭއްވުމަށް ގޮވާލައި ކޮމަންވެލްތުގެ މިނިސްޓީރިއަލް އެކްޝަން ގުރޫޕް (ސީމެގު)ން ނެރެފައިވާ ބަޔާނަކީ އެ ޖަމްއިއްޔާ އިން އަމަލު ކުރާ އުސޫލުތަކާއި ރާއްޖޭގެ ގާނޫނު އަސާސީގެ ރޫހާ ހިލާފަށް ދިވެހި ސަރުކާރަށް ނުފޫޒު ފޯރުވުމަށް ނެރެފައިވާ ބަޔާނެއް ކަމަށް ބުނެ އެކަން ކުށްވެރި ކުރުމަށް ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދު މިއަދު ހުށަހެޅި ކުއްލި މައްސަލައިގެ ބަހުސްގައި ވާހަކަ ދައްކަވަމުން ޝިފާގު ވިދާޅުވީ، ކޮމަންވެލްތުން ނެރެފައިވާ ރިޕޯޓްގައި ކަންބޮޑުވާ ކަންތައްތަކެއް އެބަހުރި ކަމަށެވެ.
އެމްޑީޕީގެ ގިނަ މެންބަރުން އަވަސް އިންތިހާބެއް ބޭއްވުމަށް ގާނޫނު އަސާސީ އަށް ކޮންމެހެން އިސްލާހު ގެންނަން ނުޖެހޭ ގޮތަށް ވާހަކަ ދެއްކެވި ނަމަވެސް، ޝިފާގު ވިދާޅުވީ އޭނާ ނިސްބަތްވެ ވަޑައިގަންނަވާ އެމްޑީޕީއަކީ ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ އަށްވާ އިރު އެ ޕާޓީން އަވަސް އިންތިހާބަކަށް ވަކާލާތު ކުރަނީ ފަސް އަހަރުގެ ފުރިހަމަ ރިޔާސީ ދައުރެއް ލިބޭ ގޮތަށް ކަމަށެވެ. އެހެންކަމަށްވާ ނަމަ ގާނޫނު އަސާސީ އިސްލާހުކޮށްގެން ނޫން ގޮތަކަށް އެކަންކުރެވެން ނޯންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ކޮމަންވެލްތުގެ ރިޕޯޓްގައި ކަންބޮޑުވާ ކަންތައްތަކެއް އެބަހުރި. އަވަސް އިންތިހާބަކަށް އަޅުގަނޑުމެން ދާންވީ. އެހެން ނަމަވެސް އަވަސް އިންތިހާބަކަށްދާ އިރު އަޅުގަނޑުމެން ބޭނުން ވަނީ ކޮން ގޮތެއްތޯ އެންމެ ބޮޑު ސިޔާސީ ޕާޓީ ކަމުގައިވާ އެމްޑީޕީގެ ސްޕޯކްސް ޕާސަން ވިދާޅުވަނީ ފުރިހަމަ ރިޔާސީ ދައުރެއް ލިބޭގޮތަށޭ އިންތިހާބެއް ބާއްވަން ޖެހޭނީ. އަޅުގަނޑު ހިތުން ދެން ހުރި ސިޔާސީ ޕާޓީތަކުގެ ވިސްނުން ވެސް ހުރީ އެގޮތަށް. އެގޮތަށް އެކަން އޮތީ ކަމަށް ވެއްޖެއްޔާމު އަޅުގަނޑުމެންނަށް ގަނޫނު އަސާސީ އިސްލާހުކޮށްގެން ނޫނިއްޔާމު އެކަން ކުރެވޭކަށް ނެތް،" ޝިފާގު ވިދާޅުވި އެވެ.
އޭނާ އަދި ވިދާޅުވީ އަވަސް އިންތިހާބެއް ބޭއްވުމަށް ގާނޫނު އަސާސީ އިސްލާހު ކުރަން ޖެހެނީ، ރައީސުލްޖުމްހޫރިއްޔާގެ މަގާމާއި ރައީސުލްޖުމްހޫރިއްޔާގެ ނާއިބުގެ މަގާމު ހުސްވުމާ ގުޅިގެން ރިޔާސީ އިންތިހާބެއް ބާއްވަން ޖެހޭ ގޮތް ކަނޑައަޅާފައިވާ، ގާނޫނު އަސާސީގެ 125 ވަނަ މާއްދާގެ (ނ)އަށް ކަމަށެވެ. ނަމަވެސް އެ އިސްލާހާ އެކު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާން ޖެހޭ އިރު އެ ވޯޓާ ނުލައި ގާނޫނު އަސާސީ އަށް އިސްލާހު ނުގެނެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެހެންކަމުން އަވަސް އިންތިހާބަކަށް ދާން ޖެހޭ އިރު އެކަމުގައި ކުރަން ހުރި ކަންތައް އެނގޭނެ ރިޕޯޓެއް މަޖިލީހުން އެކުލަވާލައި ކޮމަންވެލަތަށް ހުށަހެޅުމަށް ވެސް މަޖިލީޙުގެ ރައީސް އަބުދުﷲ ޝާޙިދަށް އޭނާ ގޮވައިލެއްވި އެވެ.
"ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ގޮސްގެން ނޫނިއްޔާމު އެކަން ]ގާނޫނު އަސާސީ އިސްލާހު[ ކުރެވޭކަށް ނެތް. ރައީސް ކޮމަންވެލްތުން އެބުނާ މުއްދަތުގެ ތެރޭގައި އަޅުގަނޑުމެންނަށް އެކަން ކުރެވިދާނެތޯ ނޫންތޯ އެއީ މި އިއްޒަތްތެރި މަޖިލީހުން މިއަދު ވިސްނާންވީ ކަމެއް. އަޅުގަނޑަށްފެނޭ މި މަޖިލީހުން ރިޕޯޓެއް ތައްޔާރުކޮށް އެވިދާޅުވާ ގޮތަށް އަވަސް އިންތިހާބަކަށް އަޅުގަނޑުމެން ދާކަމުގައި ވަނީވިއްޔާމު، މި ގާނޫނު އަސާސީ އިސްލާހުކުރަން ޖެހޭ ކަމާއި ސިޔާސީ ޕާޓީތަކުގެ ފިކުރު ހުރީ މިގޮތަށް ކަމާއި އަދި މިކަން ކުރުމަށް ޓަކައި އަޅުގަނޑުމެން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ގޮސްގެން ރައްޔިތުން ނިންމާ ގޮތެއްގެ މަތިން ނޫނިއްޔާމު ގާނޫނު އަސާސީ ބަދަލު ނުކުރެވޭނެކަން ބަޔާންކޮށް ކޮމަންވެލްތަށް، ސީމެގަށް މި މަޖިލީޙުން ރިޕޯޓެއް ފޮނުވުމަށް،" ޝިފަގު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ވެރިކަމުގެ ބާރުތައް ފުރޮޅިގެން ދިޔަ ގޮތާ މެދު ރައްޔިތުންގެ މެދުގައި ސުވާލުތަކެއް އުފެދިފައިވާ ކަމަށެވެ. އަދި އެކަމަށް ޖަވާބު ލިބެން ޖެހޭ ކަމަށާއި އެކަން ކަމަށް ޖަވާބު ލިބޭނީ ރާއްޖޭގެ ބޮޑެތި ސިޔާސީ ޕާޓީތައް އެއްބާރުލުންދީގެން ކުރެވޭ ތަހްގީގަކުން ކަމަށެވެ. ނަމަވެސް އޭނާ ނިސްބަތްވެވަޑައިގަންނަވާ އެމްޑީޕީ ހިމެނޭ ގޮތަށް ސީޔާސީ ގޮތުން ބާރު ހިންގާ ފަރާތްތަކުން އެކަމަށް އެއްބަރުލުންދީފައިނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެ ސުވާލުގެ ޖަވާބު ރައްޔިތުންނަށް އެބަ ލިބެންޖެހެއޭ. އެހެންވީމާ ބާރުތައް ބަދަލުވެގެންދިޔައީ ކޮން ގޮތަކުންތޯ އަޅުގަނޑުމެން އެބަ ޖެހޭ ތަހުގީގެއް ކުރަން. އަދި ހަމަ އެއާ އެކީގައި އަށެއް ފެބްރުއަރީގައި ހިނގައި ދިޔަ އަނިޔާވެރި އަދި ހިތާވެރި ކަންތައްތައް ވެސް އަޅުގަނޑުމެން ތަހުގީގެއް އެބަ ހިންގަންޖެހެއޭ. އެހެންނަމަވެސް އެ ތަހުގީގު ކުރެވޭނީ ރާއްޖޭގައި ތިބި ސިޔާސީ ޕާޓީތަކާއި ހާއްސަކޮށް ސިޔާސީ ގޮތުން ބާރު ހިންގޭ ފަރާތްތަކުގެ އެއްބަރުލުން ލިބިގެން. އަޅުގަނޑކަށް ނުފެނޭ ބޮޑެތި ސިޔާސީ ޕާޓީތަކުން މިކަމުގައި އެއްބާރުލުން ދޭތަނެއް. އަޅުގަނޑު ނިސްބަތްވާ އެމްޑީޕީ ވެސް އޭގައި ހިމެނޭގޮތުން." ޝިފާގު ވިދާޅުވި އެވެ.