ވިޔަފާރިވެރިޔާ މުހައްމަދު މޫސާ (އުއްޗު)ގެ ފަރާތުން، މާލޭ ރައްޔިތުންނަށް ހަދިޔާ ކުރި ކަރަޔާއި ކާށި ބަލައި ދިޔަ މީހުން އެ ސަރަހައްދު ފުރާލައިފިއެވެ.

މިއަދު ހެނދުނު 09:30ގައި ސިޓީ ކައުންސިލުގެ ޢާންމު ޚިދުމަތްތަކާއި ބެހޭބައިން އެ ކައުންސިލަށް ލިބިފައިވާ 12 ޓަނުގެ ކަރާޔާއި 15،000 ކާށި ވަނީ ބަހަން ފަށާފައެވެ. އެއާއެކު އެ ސަރަހައްދަށް ގިނަ ބަޔަކު ގޮސްފައިވާއިރު އެތަނުގެ މައި ގޭޓާ ހަމައަށް ކިއު ދަމާލާފައިވެއެވެ.

މާލޭ ސިޓީ ކައުންސިލުން ބުނީ މިހާރު ލިބިފައިވަނީ 12 ޓަނުގެ ކަރާ ނަމަވެސް އަދި އިތުރަށް ވެސް ކަރާ ލިބޭނެ ކަމަށެވެ. ކާއްޓާއި ކަރާ ލިބޭނީ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހިފައިގެން ދިއުމުންނެވެ. ކޮންމެ އައިޑީކާޑަކަށް ލިބޭނީ ދެ ކަރަ އާއި ކާށި ޕެކެކެވެ.

ސިޓީ ކައުންސިލުގެ ޢާންމު ޚިދުމަތްތަކާއި ބެހޭބައިން ކަރަޔާއި ކާށި ބެހުން--- ސަން ފޮޓޯ/ މުޙައްމަދު ހަމްޒާ

ކަރަޔާއި ކާށި ބަހާނީ މިއަދު މެންދުރު 15:00އާ ހަމައަށެވެ. އަދި މިރޭ 21:30 ން 00:00 އަށް ވެސް އެތަކެތި ބަހާނެއެވެ. އޭގެއިތުރުން ހޮނިހިރު ދުވަހުން ފެށިގެން ކޮންމެ ދުވަހެއްގެ ހެނދުނު 08:30 ން މެންދުރު 12:00 އަށާއި މެންދުރުފަހު 13:00 ން ހަވީރު 17:00 އަށް ވެސް ކަރަޔާއި ކާށި ބެހުމަށް ހަމަޖެހިފައިވެއެވެ.

މީގެ ކުރިން ޗަމްޕާ ބްރަދާސްއިން ވަނީ 35،000 ކާށި ވެސް މާލޭ ރައްޔިތުންނަށް ހަދިޔާ ކޮށްފައެވެ. ޗަމްޕާ ބްރަދާސްއިން މާލޭ ރައްޔިތުންނަށް ކާށި ހަދިޔާ ކުރީ، ރާއްޖޭގެ ގިނަ ރުއްތަކަކަށް ބަލި ޖެހި، ދިވެހި ކާށި ލިބުން އިންތިހާއަށް ދަތި ދަނޑިވަޅެއްގައެވެ. އަދި އެ ކަމުގެ ސަބަބުން ބާޒާރުގައި ކާށީގެ އަގު އިންތިހާއަށް މައްޗަށް ގޮސްފައިވާ ދުވަސްވަރެއްގައެވެ

މާލޭ ރައްޔިތުންނަށް މި ތަކެތި ބެހުމުގެ ކަންތައް މާލޭ ސިޓީ ކައުންސިލުން ކުރަނީ ވަރަށް ފުރިހަމައަށް ކަމަށް ކުންފުނިން ފާހަގަކުރެއެވެ.