27 Apr 2023, 10:16
އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ސިޓީ އަތުން ބަލިވެ، އެއްވަނައިގައި އޮތް އާސެނަލަށް ލީގު ޗެމްޕިއަންކަން ހޯދުމުގެ އަމިއްލަ ބާރު ގެއްލިއްޖެއެވެ.
އަމިއްލަ ދަނޑުގައި އާސެނަލާ ދެކޮޅަށް ރޭ ކުޅުނު ލީގު މެޗުން ސިޓީ މޮޅުވީ 4-1 ގެ ނަތީޖާއަކުންނެވެ. އެ ނަތީޖާއާއެކު ލީގު ޗެމްޕިއަންކަން ހޯދުމުގެ އަމިއްލަ ބާރު، ސިޓީއަށް ވަނީ ލިބިފައެވެ.
ޕްރިމިއާ ލީގު ތާވަލުގެ އެއްވަނައިގައި އޮތް އާސެނަލާއި ދެވަނައިގައި އޮތް ސިޓީއާ ދެމެދު މިހާރު އޮތީ އެންމެ ދެ ޕޮއިންޓުގެ ފަރަގެކެވެ. އާސެނަލަށް އަމިއްލަ ބާރު ގެއްލެނީ އެޓީމުން ސިޓީއަށްވުރެ އިތުރަށް ދެ މެޗު ކުޅެފައި އޮތުމުންނެވެ. އާސެނަލުން 33 މެޗުން 75 ޕޮއިންޓް ހޯދާފައިވާ އިރު، ސިޓީން ވަނީ 31 މެޗުން 73 ޕޮއިންޓް ހޯދައިފައެވެ.
ރޭގެ މެޗު ވެގެންދިޔައީ އާސެނަލް އަދި ސިޓީއަށް ވެސް ލީގުގެ އެންމެ މުހިންމު މެޗަށެވެ. މެޗުގައި އާސެނަލަށް ސިޓީގެ އެޓޭކިން ގޭމް ހުއްޓުވިފައި ނުވާ އިރު، ސިޓީން ލީޑު ހޯދީ މެޗުގެ ހަތްވަނަ މިނެޓުގައި އާލިން ހާލަންޑް ދިން ބޯޅައަކުން ބެލްޖިއަމް މިޑްފީލްޑަރު ކެވިން ޑި ބްރޭނާ ޖެހި ގޯލުންނެވެ.
މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ސިޓީން ވަނީ ލީޑު ފުޅާވެސް ކޮށްފައެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައި ލިބުނު ހިލޭ ޖެހުމަކުން ޑި ބްރޭނާ ނަގައިދިން ހުރަހަކުން ސިޓީއަށް އެ ގޯލު ކާމިޔާބުކޮށްދިނީ އެޓީމުގެ އިނގިރޭސި ޑިފެންޑަރު ޖޯން ސްޓޯންސްއެވެ. އެ ގޯލާއެކު ސިޓީން ފުރަތަމަ ހާފު ނިންމާލީ 2-0 ގެ ނަތީޖާއަކުން ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފުގައި ވެސް އާސެނަލުން ހަމައަކަށް ނޭޅި އުޅެނިކޮށް، ސިޓީން ވަނީ އިތުރު ގޯލެއް ޖަހައިފައެވެ. އާސެނަލްގެ ތޯމަސް ޕާޓޭއަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި، ސިޓީއަށް އެ ގޯލު ކާމިޔާބުކޮށްދިނީ އެޓީމުގެ ފުރަތަމަ ގޯލު ވެސް ކާމިޔާބުކޮށްދިން ޑި ބްރޭނާއެވެ.
މެޗު ނިމެނިކޮށް އާސެނަލްގެ ގޯލެއް ފެނިގެންދިޔަ އިރު، ސިޓީން ވެސް ވަނީ އެޓީމުގެ ހަތަރުވަނަ ގޯލު ޖަހައިފައެވެ. މެޗުގެ 87 ވަނަ މިނެޓުގައި ލިއާންޑްރޯ ޓްރޮސާޑް ދިން ބޯޅައަކުން އާސެނަލްގެ ހަމައެކަނި ގޯލު ރޮބް ހޯލްޑިން ކާމިޔާބުކޮށްދިން އިރު، ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައި ފިލް ފޮޑެން ދިން ބޯޅައަކުން ސިޓީގެ ހަތަރުވަނަ ގޯލު ކާމިޔާބުކޮށްދިނީ އެޓީމުގެ ހުނަރުވެރި ފޯވަޑް ހާލަންޑްއެވެ.
އެ މެޗުން އާސެނަލް ބަލިވި ނަމަވެސް، އެޓީމަށް ވަނީ ގަދަ ހަތަރެއްގެ ޖާގައެއް ކަށަވަރުވެފައެވެ. އެހެންކަމުން އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުގައި އާސެނަލް ފެނިގެންދާނެއެވެ. ޗެމްޕިއަންސް ލީގުގައި އެންމެ ފަހުން އާސެނަލް ފެނުނީ 2016-17 ސީޒަނުގައެވެ.
ރޭ ކުޅުނު އެހެން މެޗުތަކަށް ބަލައިލާ އިރު، ފްރޭންކް ލަމްޕާޑްގެ އިރުޝާދުގެ ދަށުން ކުޅެމުންދާ ޗެލްސީއަށް ވަނީ އިތުރު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހިފައެވެ. ލީގު ތާވަލުގެ 11 ވަނައިގައި އޮތް ޗެލްސީން އަމިއްލަ ދަނޑުގައި ބްރެންޓްފޯޑް އަތުން ބަލިވީ 2-0 ގެ ނަތީޖާއަކުންނެވެ. އެ މެޗުގައި ބްރެންޓްފޯޑްގެ ދެ ގޯލުގެ ތެރެއިން އެއް ގޯލަކީ ޗެލްސީގެ ސެސާ އަޒްޕްލިކުއެޓާ އަތުން ބައިކޮޅަށް ވަން ގޯލެކެވެ. އަދި ބްރެންޓްފޯޑަށް އަނެއް ގޯލު ކާމިޔާބުކޮށްދިނީ ބްރަޔަން އެމްބެއުމޯއެވެ.
ޗެލްސީއާއެކު ގޯސް ސީޒަނަކާ ކުރިމަތިލާ ލިވަޕޫލުން ވަނީ ވެސްޓް ހާމް ޔުނައިޓެޑް ބަލިކޮށް، ލީގު ތާވަލުގެ ހަވަނައަށް ޖެހިލައިފައެވެ. ރަށުން ބޭރުގައި ކުޅުނު އެ މެޗުން ލިވަޕޫލް މޮޅުވީ ފަހަތުން އަރައި، 2-1 ގެ ނަތީޖާއަކުންނެވެ. އެ މެޗުގައި ލިވަޕޫލުގެ ގޯލުތައް ކާމިޔާބުކޮށްދިނީ ކޯޑީ ގަކްޕޯ އާއި ޖޯސިޕް މަޓިޕްއެވެ. އަދި ވެސްޓް ހާމްގެ ގޯލު ކާމިޔާބުކޮށްދިނީ ލޫކަސް ޕަކެޓާއެވެ.