27 Apr 2023, 10:37
އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ މަހަކު އެއްފަހަރު ގެނެސްދެއްވާ ރޭޑިއޯ ޓޯކް ޝޯވް "މަންކީ ބާތު"ގައި ބައިވެރިވުމުގެ ފުރުސަތު ބޮލީވުޑްގެ ދެ ފިލްމީ ތަރިއަކަށް ލިބިއްޖެއެވެ.
މީގެ އަށް އަހަރުކުރިން ފެށި މި ޓޯކް ޝޯވްގެ ސަތޭކަވަނަ އެޕިސޯޑުން ފުރުސަތު ލިބިފައިވަނީ ހިންދީ ސިނަމާގެ މަގުބޫލު ދެ ތަރިން ކަމަށްވާ އާމިރް ޚާންއާއި ރަވީނާ ޓަންޑަންއަށެވެ. މި ޝޯވްގައި ބައިވެރިވުމަށް ދެ ތަރިން ވެސް މިހާރު ވަނީ ވެރިކަންކުރާ ރަށް ނިއު ދިއްލީގައެވެ.
ޚަބަރު ލިބޭ ގޮތުގައި ދެ ތަރިންގެ ތެރެއިން ރަވީނާ ޓަންޑަން ބަހުސްކުރާނީ އަންހެނުން ބާރުކުރުވުމާ ބެހޭގޮތުންނެވެ. އާމިރު ޚާންއާއި ރަވީނާ ޓަންޑަންގެ އިތުރުން އިންޑިއާއަށް ކުޅިވަރުގެ ދާއިރާއިން ރީތި ނަން ހޯދަދީފައިވާ ފަރާތްތައް ވެސް މި ޝޯވްގައި ބައިވެރިވާގޮތަށް ވަނީ ހަމަޖެހިފައެވެ. ހަމައެއާއެކު ރޭޑިއޯ ބްރޯޑްކާސްޓިންގް ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކާއެކު ބައެއް ވިޔަފާރިވެރިން ވެސް މި ޓޯކް ޝޯވްގައި ބައިވެރިވާނެ ކަމަށް އިންޑިއަން އެކްޕްރެސް ނޫހުންވަނީ ބުނެފައެވެ.
"މަންކީ ބާތު" ޓޯކް ޝޯވްއަކީ، އިންޑިއާގެ މުޖްތަމަޢުގައި ހިނގާ ތަފާތު އެކި ނާޒުކު މައްސަލަތަކުގެ މައްޗަށް ބަހުސްކުރެވޭ ޝޯވްއެކެވެ. ބޮޑު ވަޒީރު ނަރެންދްރަ މޯދީ ބައިވެރިވެޑައިގަންނަވާ މިޝޯވް ގެނެސްދެނީ އާއްމުންގެ ބައިވެރިވުމާ ވެސް އެކުއެވެ.
މި ޝޯވްއިން ލިބުނު ފުރުސަތާބެހޭގޮތުން އާމިރް ޚާން ބުނެފައިވަނީ، އާއްމު ރައްޔިތުންނާ އޮންނަ ގުޅުން ބަދަހިކުރުމަށް މިފަދަ ޝޯވްތައް ކުރިޔަށް ގެންދިއުމަކީ ވަރަށް މުހިއްމުކަމެއްކަމުގައެވެ. މިޝޯވްތަކުގެ ސަބަބުން އާއްމުންގެ ވިސްނުމާ ޚިޔާލު ހުރިގޮތް ދެނެގަނެވި ކަންކަން އިސްލާހުކުރުމަށް މަގުފަހިވެގެންދާނެކަމަށް ގަބޫލުކުރާކަމުގައި އެކްޓަރުވަނީ ބުނެފައެވެ.
އާމިރް ޚާން އާއި ބަތަލާ ރަވީނާއަކީ މީގެ ކުރިން ވެސް ތަފާތު އެކި ޕްލެޓްފޯމްތަކުގައި އިންޑިއާގެ މުޖުތަމައުގައި ހިނގާ ނޭދެވޭ މައްސަލަތަކުގެ މައްޗަށް ބަހުސްކޮށްފައިވާ ދެ ތަރިންނެވެ. މިފަދަ މައްސަލަތަކުގެ މައްޗަށް އުފައްދާފައިވާ ފިލްމުތަކުން ބަތަލާ ރަވީނާ ފެނިފައިވާއިރު، އާމިރު ޚާން ވަނީ "ސަތްޔަމޭވް ޖަޔަތޭ"ގެ ނަމުގައި އާއްމުން ބައިވެރިކޮށްގެ ޓީވީ ޝޯވްއެއް ވެސް ގެނެސްދީފައެވެ. މި ޓޯކް ޝޯވްގެ ތިން ސީޒަން ކާމިޔާބުކަމާއެކު ޓެލެކާސްޓްކޮށްފައިވާއިރު މިއީ ވަރަށްގިނަ ބައެއްގެ މެދުގައި މަގުބޫލުކަން ހޯދި ޝޯވްއެކެވެ.