ވަކި ކުންފުންޏެއްގެ މިލްކުގައިވާ މުދަލަކާ މެދު ގާނޫނަކުން ވަކި ގޮތަކަށް ނިންމި ކަމުގައި ވިޔަސް، އެ މުދަލެއް އެހެން މީހަކަށް ނެގޭނެ ޝަރުއީ ހަމައެއް ނޯންނާނެ ކަމަށް ރައީސް އޮފީހުގެ ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހެއިރު ވިދާޅުވެއްޖެ އެވެ.


މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަންގެ ޤާނޫނުގެ ދަށުން އެ ކުންފުންޏަށް ލިބެންޖެހޭ ދިވެހިރާއްޖޭގެ އަޑާއި ޓީވީއެމާއި އެ ދެ ތަނުގެ މުދަލާއި ފައިސާ އާއި މުވައްޒަފުން އެ ކުންފުންޏަށް އަދިވެސް ލިބިފައިނުވާތީ، އެކަން ހައްލުކޮށްދިނުމަށް އެދި ސަރުކާރާ ކަމާ ބެހޭ ފަރާތްތަކަށް އެ މައްސަލަ އެމްބީސީން ހުށަހަޅާފައި ވާތީ އެކަމާ ބެހޭ ގޮތުން ޒުހެއިރު ވިދާޅުވީ އެމްބީސީ އަކީ ރައްޔިތުންގެ މަޖިލީހުން އުފައްދާފައިވާ ކުންފުންޏެއް ކަމަށާއި ނަމަވެސް އެމްއެންބީސީ އަކީ ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން އުފައްދާފައިވާ ކުންފުންޏެއް ކަމަށެވެ. އަދި ބައެއްގެ މުދަލެއް ހަމަ ކުއްލިއަކަށް ގާނޫނެއް ހަދާ އެހެން މީހެއްގެ މުދަލަކަށް ބަދަލުކޮށްލެވޭނެ ޝަރުޢީ ހަމައެއް ނުވިސްނޭ ކަމަށް ވެސް ޒުހެއިރު ވިދާޅުވި އެވެ.


ޒުހެއިރު ވިދާޅުވީ ގާނޫނު އަސާސީން މުދާ ހޯދާ ލިބިގަތުމުގެ ހައްގު ކޮންމެ ރައްޔިތަކަށް ވެސް ލިބިދީފައިވާ ކަމަށާއި އަދި ކޯޓަކުން ކުރާ ހުކުމަކުން ނޫން ގޮތަކަށް އެއްވެސް މީހެއްގެ މުދަލެއް އެ މީހެއްގެ ރުހުން ނެތި ދައުލަތަށް ނަގައިގެން ނުވާނެ ކަމަށް ގާނޫނުގައި ބުނެފައިވާއިރު އެބާވަތުގެ ކަމެއް އޮތިއްޔާ ދާންޖެހޭނީ ޝަރީޢަތަށް ކަމަށް ވެސް ޒުހެއިރު ވިދާޅުވި އެވެ.


އެމްބީސީގެ ޤާނޫނުގައިވާ ގޮތުގައި، އެ ޤާނޫނު ތަސްދީގުވުމާ އެކު ދިވެހިރާއްޖޭގެ އަޑާއި ޓީވީއެމް އެމްބީސީގެ ދަށަށް ބަދަލުވެގެންދާނެ އެވެ. އަދި އެ ދެ އިދާރާގައި ހުރި މުދަލާއި ފައިސާ އާއި މުވައްޒަފުން ވެސް އެ ކޯޕަރޭޝަންގެ ދަށަށް ބަދަލުވާނެ ކަމަށް ބުނެފައިވެ އެވެ.


އެހެން ނަމަވެސް، ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން އުފައްދަވާފައިވާ އެމްއެންބީސީގެ ދަށުން ޓީވީއެމާއި ދިވެހިރާއްޖޭގެ އަޑު ކުރިއަށް އޮތް ތަނުގައި ވެސް ހިންގަމުންދާ ގޮތަށް ހަމަޖައްސައި، އެމްއެންބީސީން ހިއްސާ ވިއްކަން ނިންމައި، ޓީވީއެމާއި ދިވެހިރާއްޖޭގެ އަޑު އެމްބީސީއާ ހަވާލުކުރުމަށް ސަރުކާރުން ވަނީ ދެކޮޅު ހަދައިފަ އެވެ.  އަދި މުދަލާއި ފައިސާ ހޯދުމަށް ބޭނުންވާ ނަމަ އެމްބީސީން އެކަން ކުރަންޖެހޭނީ ކޯޓަށް ގޮސްގެން ކަމަށް ސަރުކާރުން ވަނީ ތަކުރާރުކޮށް ބުނެފަ އެވެ.


އެހެންކަމުން، އެމްބީސީއަށް ލިބެންޖެހޭ ޓީވީއެމާއި އަޑާ އެ ދެތަނުގެ މުދަލާއި ފައިސާ އަދިވެސް ލިބިފައިނުވާތީ، ކުންފުނީގެ ޤާނޫނީ ވާޖިބު އަދާކުރުމަށް ހުރަސްއެޅިފައިވާ ކަމަށް ބުނެ، މި މައްސަލަ ހައްލުކޮށްދިނުމަށް އެދި ރައީސުލްޖުމްހޫރިއްޔާ އަށާއި އެޓާނީ ޖެނެރަލަށާއި ފިނޭންސް މިނިސްޓަރަށާއި ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ އިތުރުން ހިއުމަން ރައިޓްސް ކޮމިޝަނަށް ވަކިވަކިން ދަންނަވާފައިވާނެ ކަމަށް އެމްބީސީގެ ޗެއާޕަރސަން އިބްރާހިމް އުމަރު މަނިކު އިއްޔެ ވަނީ ވިދާޅުވެފަ އެވެ.


އެމްއެންބީސީގެ ހިއްސާ ވިއްކުމުގައި ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީން ބައިވެރިނުވުމަށް ހޯމާ ދުވަހު އެފަރާތުގައި އެދިފައިވާނެ ކަމަށް ވެސް އިބްރާހިމް އުމަރު މަނިކު ވިދާޅުވި އެވެ.


މިކަމާ ގުޅޭ ގޮތުން އެމްއެންބީސީގެ ބަހެއް ވަނީ އަދި ލިބޭ ގޮތް ނުވެފަ އެވެ.