މާރާމާރީ ހިންގުމަށްފަހު ފިލައިގެން އުޅުމަށް ފަހު ފުލުހުންނާ ހަވާލުވީ އިބްރާހީމް ފައިހް ނިޒާމް, ޝަރީއަތް ނިމެންދެން ބަންދުކޮށްދިނުމަށް ފުލުހުން އެދުނު ނަމަވެސް ކްރިމިނަލް ކޯޓުން އޭނާގެ ބަންދަށް 15 ދުވަސް އިތުރު ކޮށްފިއެވެ.

ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ދައުވާ ފައިހުގެ މައްޗަށް އުފުލާފައިވާއިރު، މިދިޔަ ފެބްރުއަރީ މަހު ފިހާރައެއްގެ ތެރޭގައި ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލި ޒުވާނާގެ މަރުގެ މައްސަލައިގައި ވެސް ފުލުހުން ތުހުމަތު ކުރަނީ ފައިހުއަށް ކަމަށް އެނގިފައިވެއެވެ.

އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކޮށް ފުލުހުން އެދުނީ ޝަރީއަތް ނިމެންދެން ފައިޙް ބަންދުކޮށް ދިނުމަށެވެ. ސަބަބެއް ކަމަށް ފުލުހުން ބުނެފައިވަނީ, އޭނާ ދޫކޮށްލައިފި ނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކާވުމުގެ ފުރުސަތު އޮތް ކަމަށެވެ. އަދި އޭނާގެ މައްޗަށް ކުށުގެ ތުހުމަތުކުރެވުނު ހިސާބުން ފެށިގެން ފިލައިގެން އުޅެފައިވާތީ ބަންދުން ދޫކޮށްލައިފި ނަމަ ކޯޓަށް ހާޒިރުނުވެ ފިލުމުގެ އިހުތިމާލް އޮތް ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

ނަމަވެސް ފައިޙްގެ ބަންދަށް އިއްޔެ ކްރިމިނަލް ކޯޓުން އިތުރުކޮށްދިނީ 15 ދުވަހެވެ. ސަބަބެއް ކަމަށް މުއްދަތު އިތުރުކޮށްދިން ގަޒީ އިސްމާއީލް ޝަފީއު ވިދާޅުވެފައިވަނީ, ފައިޙްގެ މައްޗަށް ދައުވާ އުފުލާފައިވާއިރު ބަންދަށް ގޮތެއް ކަނޑައެޅުމުގެ ބާރު މައްސަލަ ބައްލަވާ ގާޒީއަށް ދިނުމަކީ މުހިންމު ކަމެއް ކަމަށެވެ.

މާފަންނު ބީޖީ ގަރާޖު ކައިރީ ހުރި ފިހާރައެއްގެ ތެރޭގައި އައްޑޫ ސިޓީ ހިތަދޫ، އިޒްމީރު، މުހައްމަދު އަހުމަދު ދީދީ (ނައުޝާދު)އަށް ހަމަލާ ދިނީ ފެބްރުއަރީ މަހުގެ 24ގައެވެ. އެ ހަމަލާގެ ސަބަބުން، ހަމަ އެ މަހުގެ 27 ވަނަ ދުވަހު އޭނާ ވަނީ މަރުވެފައެވެ.

އެނގިފައިވާ ގޮތުގައި ނައުޝާދުގެ މަރުގެ މައްސަލައިގައި ވެސް ފައިޙްފެ މައްޗަށް ތުހުމަތުކޮށް ތަހުގީގު ކުރިއަށް އެބަދެއެވެ. ނައުޝާދު މަރާލި މައްސަލައާ ގުޅިގެން ފައިހް ހޯދަން އިއުލާނު ކޮށްފައިވަނިކޮށް އޭނާ އަމިއްލައަށް ފުލުހުންނާ ހަވާލުވީ މިދިޔަ މަހުގެ 21 ވަނަ ދުވަހެވެ. އޭގެފަހުން އޭނާ ހުރީ ފުލުހުންގެ ބަންދުގައެވެ.

ހަމަ އެ މައްސަލައިގައި މިދިޔަ ފެބްރުއަރީ މަހު 20 އަހަރުގެ ޒުވާނަކު ހައްޔަރުކޮށް، އޭނާ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ވަނީ މިދިޔަ މަހުގެ 13ގައި އަމުރުކޮށްފައެވެ.