ބާސެލޯނާ އިން ހޯދުމަށް މަސައްކަތްކުރި ނަމަވެސް، ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ) ގައި މަޑުކުރުމަށް އާޖެންޓީނާ ތަރި ލިއޮނެލް މެސީއަށް އެގައުމުގެ ފުޓުބޯޅަ ލެޖެންޑް މާރިއޯ ކެމްޕެސް ގޮވާލައިފިއެވެ.

ހިލޭ ޓްރާންސްފާއެއްގައި މެސީއަށް ބާސާއާ ގުޅުމުގެ ފުރުސަތު އޮތް ނަމަވެސް، އެކްލަބުގެ މާލީ ހާލަތު ގޯސްކޮށް އޮތުމުން ބާސާއާ ގުޅުމަކީ ގޯހަކަށް ވެގެންދާނެ ކަމަށް ކެމްޕެސް ދެކެއެވެ.

"އަހަރެން ދެކެނީ މެސީ، ބާސާއާ ގުޅުމަކީ ރަނގަޅު ކަމަކަށް ނުވާނެ ކަމަށް. އަހަރެން ގަބޫލުކުރަނީ ފްރާންސްގައި އޭނާ މަޑުކޮށްފިއްޔާ މާ ރަނގަޅުވާނެ ކަމަށް. އޭރުން އޭނާއަށް އަންނަ ވޯލްޑް ކަޕް އަންނަންދެން ހަމަޖެހިލައިގެން ހުރެވޭނެ. ބާސާ އިން މެސީ ދިޔަފަހުން އެކްލަބު އަދިވެސް އެ އުޅެނީ ހަމައަކަށް ނޭޅިގެން. ބާސާގައި އެތައް މައްސަލައެއް އެބައުޅޭ،" 'ސުޕާ ޑިޕޯޓިވޯ ރޭޑިއޯ' އަށް ކެމްޕެސް ދިން އިންޓަވިއުއެއްގައި ބުންޏެވެ.

އާޖެންޓީނާއާއެކު ވޯލްޑް ކަޕް 2022 ކާމިޔާބުކުރި މެސީ ވަނީ ޕީއެސްޖީއާއެކު މިސީޒަނުގައި މިހާތަނަށް 15 ގޯލު ޖަހައި، 15 އެސިސްޓް ހަދައިފައެވެ. ޕީއެސްޖީއަށް ފްރާންސް ލީގު ހޯދައިދިނުމަށް އޭނާ ދަނީ އިސް ދައުރެއް އަދާކުރަމުންނެވެ. ޔޫއެފާ ޗެމްޕިއަންސް ލީގުގައި ގަދަ 16 އިން ބަޔާން މިއުނިކް އަތުން ބަލިވެ، މުބާރާތުން ކެޓުމާއެކު މިހާރު ޕީއެސްޖީގެ އަމާޒަކީ ވެސް ފްރާންސް ލީގު ކާމިޔާބުކުރުމެވެ.

ބާސާއަށް މެސީ އެނބުރި ދާން ބޭނުންނުވާ ނަމަ، ޕީއެސްޖީއާއެކު އޭނާ ހަދާފައިވާ ކޮންޓްރެކްޓް އާކުރުމުގެ ފުރުސަތު ވެސް އޮންނާނެއެވެ.