26 Apr 2023, 23:24
ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިތިގަސްމަގުގައި އެމްޕީއެލް ފްލެޓުތައް ކައިރިން ކާރަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި މީހާގެ ހާލު އަންނަނީ ރަނގަޅުވަމުން ކަމަށް އޭޑީކޭ ހޮސްޕިޓަލުން ބުނެފިއެވެ.
އެ އެކްސިޑެންޓް ހިނގާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ހެނދުނެވެ. ފުލުހުން ބުނީ އެ ކަމުގެ މައުލޫމާތު ފުލުހަށް ރިޕޯޓުކޮށްފައި ވަނީ އެ ދުވަހު 11:45 ހާއިރު ކަމަށެވެ.
އެ ހާދިސާގައި ސައިކަލު ދުއްވަން އިން މީހާއަށް އެކިވަރުގެ އަނިޔާ ލިބުމުން އޭނާއަށް ފުރަތަމަ ފަރުވާ ދިނީ ހުޅުމާލެ ހޮސްޕިޓަލުގައެވެ. ނަމަވެސް އޭނާގެ ސިކުނޑިއަށް ލޭ އެޅިފައި ހުރުމުން އޭޑީކޭއަށް ވަނީ ބަދަލުކޮށްފައެވެ.
އޭގެ ފަހުން މިދިޔަ އާދިއްތަ ދުވަހު އޭޑީކޭ ހޮސްޕިޓަލުން ބުނީ، އަނިޔާވި މީހާގެ ހާލު އޭރު ވެސް ސީރިއަސް ކަމަށެވެ. އަދި, އޭނާއަށް ފަރުވާދެނީ ވެސް އައިސީޔޫގައި ކަމަށް އެ ހޮސްޕިޓަލުން އޭރު ބުންޏެވެ.
އެ ކަމުގެ އެންމެ ފަހުގެ މައުލޫމާތު ދެއްވަމުން، އޭޑީކޭ ހޮސްޕިޓަލުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް މިރޭ "ސަން"އަށް ވިދާޅުވީ، އޭނާގެ ހާލު މިހާރު އަންނަނީ ރަނގަޅުވަމުން ކަމަށެވެ. ނަމަވެސް އަދިވެސް އޭނާއަށް ފަރުވާދެމުން ދަނީ އައިސީޔޫގައި ކަމަށް އޭނާ ވިދާޅުވިއެވެ.
"އައިސީޔޫގައި ފަރުވާދެނީ، މިހާރު ސްޓޭބަލް،" އޭނާ ވިދާޅުވިއެވެ.
ކްސިޑެންޓުގެ މައުލޫމާތު ހިއްސާކޮށް ސޯޝަލް މީޑިއާގައި މީހަކު ބުނެފައިވަނީ ސައިކަލު ދުއްވަން އިން މީހާއަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށެވެ. އެގޮތުން އެކްސިޑެންޓަށް ފަހު އޭނާގެ ހޭ ވެސް ނެތް ކަމަށާއި ބޮލުންނާއި ނޭފަތުން ލޭވެސް އައިސްފައިވާ ކަމަށެވެ.
މި މަހު ކުރީކޮޅު ވެސް ހަމަ އެ ސަރަހައްދުގައި އެކްސިޑެންޓެއް ހިނގާފައިވެއެވެ. އެމްޕީއެލް ފްލެޓް ކައިރީ ސައިކަލަކާއި ޕިކަޕެއް އެކްސިޑެންޓުވެ، ހިނގި އެ ހާދިސާގައި އަނިޔާވި 59 އަހަރުގެ ފިރިހެން މީހާ ވަނީ ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް މަރުވެފައެވެ.