26 Apr 2023, 23:05
ސައްހަ ނޫން ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން މުދާ އެތެރެކޮށް މަންފާ ހޯދި މައްސަލައިގައި މއ. ހަނީސަކްލް، ހުސައިން ޝިފާއުގެ މައްޗަށް ޖުމުލަ 23 ދައުވާއެއް ކުރަން ކްރިމިނަލް ކޯޓަށް މިއަދު ފޮނުވައިފިއެވެ.
ހުސައިން ޝިފާއުގެ މައްޗަށް ކުރާ ދައުވާތަކުގެ ތެރޭގައި ޤާނޫނުލްޢުޤޫބާތުގެ 310ވަނަ މާއްދާގެ ދަށުން، އެނގިހުރެ ސައްހަނޫން ލިޔުމެއް ދިނުމުގެ ކުށުގެ ނުވަ ދައުވާއަކާއި ޤާނޫނުލްޢުޤޫބާތުގެ 212ވަނަ މާއްދާގެ ދަށުން، މަކަރާއި ހީލަތް ހެދުމުގެ ކުށުގެ ހަތް ދައުވާއާއި މަނީ ލޯންޑްރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ޤާނޫނު 53ވަނަ މާއްދާގެ ދަށުން، މަނީ ލޯންޑްރިންގެ ކުށުގެ ހަތް ދައުވާއެވެ.
މި ދަޢުވާތައް ޝިފާޢުގެ ސާބިތުވެއްޖެނަމަ މަދުވެގެން 38 އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނީ ޙުސައިން ޝިފާއު، އިތުރު މީހަކާ ބައިވެރިވެގެން އިކޮނަމިކް މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރިއެއް ކަމަށްވާ "ކިންގްޑަމް އޮފް ފުރުޓްސް" މެދުވެރިކޮށް ރާއްޖެއިން ބޭރުގެ ކުންފުނިތަކުގެ މުދާ ރާއްޖެ އެތެރެކޮށް އެ މުދަލަށް ބޭރު ކުންފުނިތަކުން ދައްކަންޖެހޭ ފައިސާ ދެއްކުމުގައި މަކަރާއި ހީލަތް ހަދާފައިވާ ކަމަށެވެ.
ޕީޖީން ބުނީ ޝިފާޢު އެ ކުށުގެ ޢަމަލު ހިންގާފައިވަނީ ރާއްޖެއިން ބޭރުގެ އެކި ކުންފުނިތަކުން އޭނާ ގަނެފައިވާ ތަކެއްޗަށް ފައިސާ ދިންކަމަށް ދެއްކުމުގެ ގޮތުން ސައްހަނޫން ލިޔުން އުފައްދައި ހުށަހަޅައިގެން ކަމަށެވެ.
މި މައްސަލައިގައި ހިމެނޭ ޖުމްލަ ފައިސާގެ އަދަދަކީ 123،844.54 އެމެރިކާ ޑޮލަރެވެ. ދިވެހި ރުފިޔާއިންނަމަ 1،909،682 މިލިއަން ރުފިޔާއެވެ.
މި ފައިސާ ދައުލަތަށް ނަގައިދިނުމަށް ވެސް ޕީޖީން ވަނީ އެދިފައެވެ.
މީގެ ކުރިން ވެސް މަކަރާއި ހީލަތުގެ މައްސަލަތަކުގައި ހިމެނިފައިވާ ހުސައިން ޝިފާއު، މި ފަހަރު ވަގު ޓީޓީ ބޭނުންކޮށްގެން ތިން މިލިއަނަށް ވުރެ ގިނަ ރުފިޔާގެ މޭވާ އާއި ތަރުކާރީ އެތެރެކޮށްފައިވާ ކަމަށް ފުލުހުން ވަނީ މީގެ ކުރިން ކޯޓުގައި ބުނެފައެވެ.