26 Apr 2023, 22:57
މޯލްޑިވްސް މިއުޒިކް އެންޑް އާޓްސް ސެންޓަރުގެ އަށް ދަރިވަރުން ބައިނަލްއަޤްވާމީ އިމްތިހާނުން އެންމެ މަތީ މާކްސް ހޯދައިފިއެވެ.
މިއަށް ކުދިން އެވޯޑް ހޯދާފައިވަނީ ޓްރިނިޓީ ކޮލެޖް ލަންޑަންގެ ރާއްޖޭގައި މިދިޔަ އަހަރާއި 2021 ބޭއްވި ވޯކަލް، ގިޓާ، ޕިއާނޯ އަދި މިޔުޒިކް ތިއަރީންނެވެ.
މި އިމްތިހާނުގައި ބައިވެރިވެ، ރޮކް އެންޑް ޕޮޕް ވޯކަލްސް ގްރޭޑް ހަތެއްގެ ޓޮޕް ސްކޯ ހޯދާފައިވަނީ ޝާލް ޢަބްދުﷲ ޝަރީފެވެ. ވޯކަލްސް ގްރޭޑް ހައެއްގެ ޓޮޕް ސްކޯ ހޯދާފައިވަނީ ޢާއިޝަތު ޒަޔާ ޝަހީމެވެ. އަދި، ގިޓާ ރޮކް އެންޑް ޕޮޕް، ޓޮޕް ސްކޯ ރައްޔާން އިޙްސާން ޝަރީފް ހާސިލުކޮށްފައިވާއިރު، ކްލެސިކަލް ގިޓާގެ ޓޮޕް މާކްސް ހޯދާފައިވަނީ އާމިނަތު ޢުލާ އަޙްމަދެވެ.
މޯލްޑިވްސް މިއުޒިކް އެންޑް އާޓްސް ސެންޓަރުގެ ދަރިވަރުން --- ފޮޓޯ/ މިއުޒިކް ސްކޫލް
ހަމަ އެއާ އެކު، ތިއަރީ އޮފް މިއުޒިކްގެ ޓޮޕް ސްކޯ ތިން ދަރިވަރަކު ވަނީ ހޯދާފައެވެ. އެއީ، އަޝާ މުޙައްމަދާއި ލިޔާ މައުމޫނާއި ރިޔާނާ ކޭޓް ޖޭކޮބްއެވެ. ކްލެސިކަލް ޕިއާނޯގެ ޓޮޕް ސްކޯ ޙާޞިލްކޮށްފައިވަނީ ޢަދިތިޔާ ޕްރަމޯދްއެވެ.
އިމްތިހާނުން އެވޯޑް ޙާސިލުކުރި ދަރިވަރުން ބުނީ މި އަހަރުގެ އިމްތިހާނަކީ އެހާ ފަސޭހަ އިމްތިހާނެއް ނޫން ކަމަށާއި ނަމަވެސް އެވޯޑެއް ލިބޭނެ ކަމަށް އުއްމީދު ކުރި ކަމަށެވެ.
މޯލްޑިވްސް މިއުޒިކް އެންޑް އާޓްސް ސެންޓަރުގެ ޗެއާމަން އަލީ އަބްދުލްކަރީމް (ރުކުމާ އަލީ) ވިދާޅުވީ، މި ފަހަރުގެ އިމްތިހާނުގައި މިއުޒިކް ސްކޫލްގެ 40 ކުދިން ބައިވެރިވެފައިވާ ކަމަށެވެ. އަދި މި ކުދިންނަކީ މިއުޒިކް ތިއަރީ އާއި ޓެކްނިކްސް ވަރަށް ބޮޑަށް އެނގިގެން އިމްތިހާނުތަކާއި ސްޓޭޖް ހަރަކާތްތަކުގައި ބައިވެރިވާ ކުދިން ކަން އޭނާ ފާހަގަކުރެއްވިއެވެ.
"އިމްތިހާން އިވެލުއޭޓްކުރި އިރު މިއަށް ދަރިވަރުންނަށް ވަނީ 92 އިންސައްތައަށް ވުރެން މަތިން މާކްސް ހޯދާފައި. އެއީ މިސަރަހައްދުގެ ދަރިވަރުންގެ މާރކްސް އަށް ބަލާއިރު ވަރަށް މަތީ މާކްސްއެއް. މި އެގްޒޭމް ތަކުގެ މައިގަނޑު އެއްޗަކީ ޕާފޯމަންސް އެގޮތުން މިއަށް ކުދިންނަކީ އެންމެ މަތިން ޕާފޯމަންސް މާކްސް ހޯދި ދަރިވަރުން،" އޭނާ ވިދާޅުވިއެވެ.
މޯލްޑިވްސް މިއުޒިކް އެންޑް އާޓްސް ސެންޓަރުގެ ދަރިވަރުން --- ފޮޓޯ/ މިއުޒިކް ސްކޫލް
ދެހާސް ވިހިވަނަ އަހަރުގެ ކޮވިޑްގެ އެންމެ އުނދަގޫ ދުވަސްވަރު ވެސް ބައިނަލްއަޤްވާމީ ފެންވަރުގައި ހަދާފައިވާ މިފަދަ އިމްތިހާނަކުން މި ސެންޓަރުގެ ފަސް ކުއްޖަކަށް ޓްރިނިޓީ ޓޮޕް ސްކޯރާ އެވޯޑް ވަނީ ލިބިފައެވެ. އެ އިމްތިހާނުގައި ބައިވެރިވެ، ރޮކް އެންޑް ޕޮޕް ވޯކަލްސްގެ ގްރޭޑް ފަހެއްގެ އެވޯޑް ތިން ދަރިވަރަކު ހޯދާފައިވެއެވެ. އެއީ، އައިޝަތު ޖޫނީ ޖިނާހް، އައިޝަތު ޒާޔާ ޝަމީމް އަދި ޝާލް ޢަބްދުﷲ ޝަރީފެވެ. ދެން ހިމެނެނީ އިމްތިޙާނުން ގްރޭޑް ތިނެއްގެ އެވޯޑް ހޯދާފައިވާ ދެ ދަރިވަރެކެވެ. އެއީ މާޝީ މަދީހުއާއި އައިޝަތު އިބާ އަދީފްއެވެ.
މޯލްޑިވްސް މިއުޒިކް އެންޑް އާޓްސް ސެންޓަރުން ސްކޫލް ދަރިވަރުނަށް ހާއްސަކޮށްގެން 2020ވަނަ އަހަރުން ފެށިގެން ގައުމީ ފެންވަރުގެ މަދަހަ މުބާރާތްތަކާއި ލަވަ މުބާރާތާއި ރިއަލިޓީ ޝޯތަށް ކާމިޔާބުކަމާ އެކު އަންނަނީ ބާއްވަމުންނެވެ. އަދި، ކޮންމެ އަހަރަކު ބައިނަލްއަޤްވާމީ ފެންވަރުގައި ބައިވެރިވެވޭ އާޓްސް ދާއިރާގެ އިމްތިހާނުތަށް ވެސް އަންނަނީ ބާއްވަމުންނެނެވެ.
މޯލްޑިވްސް މިއުޒިކް އެންޑް އާޓްސް ސެންޓަރުގެ ދަރިވަރުން --- ފޮޓޯ/ މިއުޒިކް ސްކޫލް
މޯލްޑިވްސް މިޔުޒިކް އެންޑް އާޓް ސެންޓާ އަކީ ރާއްޖޭގައި ހުންނަ ޓްރިނިޓީ ކޮލެޖް ލަންޑަންގެ ކެމްޕަހެވެ.