ގާނޫނީ ވަކީލުން ރެގިއުލޭޓްކޮށް ބެލެހެއްޓުމަށް އުފައްދާފައިވާ ބާ ކައުންސިލުގެ މެންބަރު ކަމަށް ކުރިމަތިލާން ހުޅުވާލި މުއްދަތު އިތުރުކޮށްފިއެވެ.

ރާއްޖޭގެ ބާ ކައުންސިލުގެ ދާއިމީ ސަބް ކޮމިޓީތަކުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު މިދިޔަ މާޗު މަހު ވަނީ ހުޅުވާލައިފައެވެ.

ބާ ކައުންސިލުން ބުނީ އެ އިއުލާނަށް އެކަށީގެންވާ ތަރުޚީބެއް ލިބިފައިނުވާތީ މުއްދަތު އިތުރުކޮށް އެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލާފައިވާ ކަމަށެވެ.

ބާ ކައުންސިލުން އިއުލާން ކޮށްފައި ވަނީ އެ ކައުންސިލްގެ އިސްތިއުނާފު ކޮމިޓީއަށް މެންބަރަކާއި އެތިކްސް ކޮމިޓީއަށް ހަތަރު މެންބަރުންނާއި ލައިސެންސިން ކޮމިޓީއަށް ތިން މެންބަރުންނާއި ޤާނޫނީ ތައުލީމު ކޮމިޓީއަށް ދެ މެންބަރުންނާ އަދި ލޯ ރިފޯމް އެންޑް ރިސާޗް ކޮމިޓީއަށް ދެ މެމްބަރަކު ހޯދާށެވެ.

މެންބަރު ކަމަށް ކުރިމަތި ލާ ފަރާތްތަކަކީ މަދުވެގެން ފަސް އަހަރު ދުވަހުގެ ގާނޫނީ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް ވާންޖެހެއެވެ. އަދި، ގާނޫނީ ވަކީލުކަމުގެ ހުއްދަ އޮތް މީހަކަށް ވުމުގެ އިތުރުން، އެ ދާއިރާގައި ކޮށްފައިވާ މަސައްކަތުގެ ތެރޭގައި އެ މީހާގެ ނަޒާހަތްތެރި ކަމާ މެދު ސުވާލު އުފެދޭ ފަދަ މައްސަލައެއް ޝަރުއީ ކޯޓަކަށް ނުވަތަ އެ ކައުންސިލަށް ސާބިތުވެފައިވާ މީހެއް ކަމުގައި ވެގެން ނުވާނެއެވެ.

މެންބަރު ކަމަށް ކުރިމަތިލާން ސުންގަޑިއެއް ކަނޑައަޅާފަައެއް ނެތެވެ.

ނަމަވެސް އެ މަގާމުތަކަށް އެކަށީގެންވާ ގާބިލު މީހުން ލިބުމާއި ހަމައަށް ފުރުސަތު ހުޅުވާފައި ބާއްވާނެ ކަމަށް ބާ ކައުންސިލުން ބުނެއެވެ.