ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ މެދުގައި ބިނާކުރަނިވި މަޝްވަރާތަކެއް ބޭއްވުމަށް އިންޑިޔާ އިން އެހީތެރިވެދޭނެ ކަމަށް އެ ގައުމުގެ އެކްސްޓާނަލް މިނިސްޓްރީން ބުނެފި އެވެ.

އިންޑިޔާގެ ދަ އިންޑިއަން އެކްސްޕްރެސް ނޫހުން މިއަދު ބުނީ ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އިންޑިޔާގެ ބޮޑުވަޒީރު މަންމޯހަން ސިންގްއާ އިއްޔެ ބައްދަލުކުރައްވާފައިވާ ކަމަށާއި ރާއްޖޭގެ ސިޔާސީ އެންމެހާ ފަރާތްތަކާ ގުޅިގެން ބިނާކުރަނިވި މަޝްވަރާތަކެއް ބޭއްވުމަށް އިންޑިޔާ އިން އުއްމީދުކުރާ ކަމަށެވެ.

"ކަމާ ގުޅޭ ހުރިހާ ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރުމުން ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ މެދުގައި ބިނާކުރަނިވި މަޝްވަރާތަކެއް ބޭއްވޭނެ ކަމަށާއި އެކަމުގެ ސަބަބުން ފެބްރުއަރީ 16 ވަނަ ދުވަހު އެކުލަވާލާފައިވާ މަގުޗާޓާ އެއްގޮތަށް ރާއްޖެ އަށް ހަމަޖެހުން ގެނެވޭނެ ކަމަށް އިންޑިޔާ އިން އުއްމީދު ކުރެ އެވެ." އިންޑީޔާގެ އެކްސްޓާނަލް މިނިސްޓްރީގެ ބަޔާނުގައިވާ ކަމަށް ދަ އިންޑިޔަން އެކްސްޕްރެސްގައިވެ އެވެ.

އެ ނޫހުން އަދި ބުނީ ރާއްޖޭގެ މަޝްރަހާ މެދު އިންޑިޔާގެ ސިޔާސަތު އެ ގަމުގެ ޑިފެންސް އެޑްވައިޒަރު ޝިވްސަންކަރު މެނޯން އާއި ފޮރިން ސެކްރެޓަރީ ރަންޖަން މަތާއީ ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދުއާ އެކު ބޭއްވެވި ބައްދަލުވުންތަކުގައި ހާމަކުރައްވާފައިވާ ކަމަށެވެ.

ރައީސް ނަޝީދު އިންޑިޔާގެ ބޮޑުވަޒީރު މަންމޯހަން ސިންގްއާ ވެސް ބައްދަލުކުރައްވާފައިވާ ކަމަށް އެ ނޫހުން ބުންޏެވެ.
ރައީސް ނަޝީދު އިންޑިޔާ އަށް ދަތުރުފުޅެއް ކުރެއްވީ އަވަސް އިންތިހާބަކަށް އިންޑިޔާގެ ތާއީދު ހޯއްދެވުމަށެވެ.

ފެބްރުއަރީ ހަތް ވަނަ ދުވަހު ރާއްޖޭގެ ވެރިކަން ބަދަލުވި ފަހުން މިހާތަނަށް ވެސް އިންޑިޔާ އިން ބުނަމުން އަންނަނީ ރާއްޖޭގެ މައްސަލައަށް ހައްލެއް ހޯދޭނީ ސިޔާސީ ޕާޓީތަކުގެ މެދުގައިވާހަކަތައް ބާއްވައިގެން ކަމަށެވެ.