26 Apr 2023, 15:28
ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެމްޑީޕީއާ ދުރުން ޖުމްހޫރީ ޕާޓީ (ޖޭޕީ)އާއެކު މަސައްކަތްކުރުމަށް ނިންމައިފައިވާ ރައީސް މުހައްމަދު ނަޝީދުގެ ފަރާތުން، ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމަށް އިންތިޚާބު ކާމިޔާބުވާ ހާލަތެއްގައި ކުރުމަށް ހުށަހަޅުއްވައިފައިވާ ކަންކަމާމެދު އެ ޕާޓީގެ ތެރޭގައި މާ ބޮޑު ޝައުގެއް ނެތްކަމަށް ގާސިމްގެ އަރިސް ބޭފުޅަކު ވިދާޅުވެއްޖެއެވެ.
ނަޝީދު ވަނީ ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމާއި އެއާ ވިދިގެން ގިނަ ކަންތައްތަކެއް ކުރުމަށް އެއްބަސްވުމަށް މަޝްވަރާކުރުމަށް ހުށަހަޅުއްވައިފައެވެ.
އެ ކަންކަން ހުށަހެޅުއްވުމާ ގުޅިގެން ޖުމްހޫރީ ޕާޓީން ވަނީ ތިން މެމްބަރުން ހިމެނޭ ކޮމިޓީއެއް އެކުލަވައިލާ ހުށަހެޅުންތައް ދިރާސާކުރުމުގެ މަސައްކަތް ފަށައިފައެވެ.
މިހާރު އެ މަސައްކަތް ހިނގަމުން އަންނަތާ ގާތްގަނޑަކަށް ދެ ހަފުތާވަނީ ވެފައެވެ. ނަމަވެސް އެ ކޮމިޓީގެ ރަސްމީ ނިންމުމެއް އަދި އާންމެއް ނުކުރެއެވެ.
އެއާއެކު އެ ޕާޓީގެ ތެރޭ މި ކަމުގެ ރޫހު ހުރި ގޮތާ ގުޅޭގޮތުން "ސަން"އާ ވާހަކަަދައްކަވަމުން ގާސިމްގެ އަރިސް ބޭފުޅަކު ވިދާޅުވީ ޕާޓީގެ ގިނަ މެމްބަރުން އެ ހުށަހެޅުންތަކަށް މާ ބޮޑު ސަމާލުކަމެއް ނުދޭކަމަށެވެ.
"މި ކަންކަމަށް ޕާޓީގެ ގިނަ މެމްބަރުންގެ ތާއީދެއް ނެތް. އެއްވެސް ވަރަކަށް އާންމު މެމްބަރުން ވެސް އަދި އިސް ސަފުގައި އުޅޭ މެމްބަރުން ވެސް ބޭނުންވާ ގޮތެއް ނޫން މިއީ. އެކަމު އަދި ދެން ރަސްމީކޮށް ވަކި ވާހަކަތަކެއް ދައްކާނެ،" އޭނާ ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ ޖުމްހޫރީ ޕާޓީގެ މައިގަނޑު އަސާސަކީ ވެސް ރައްޔިތުންނާ ގާތުން 'ޖުމްހޫރީ ނިޒާމު'ގެ ތެރެއިން މަަސައްކަތްކުރުންކަމަށެވެ.
"އަޅުގަނޑުމެންގެ ޕާޓީގެ ނަމަށް ނިކަން ބައްލަވައިލައްވާ. ނަމުން ވެސް އެބަ އެނގެއެއް ނޫންތޯ،" އޭނާ ވިދާޅުވިއެވެ.
ޖުމްހޫރީ ޕާޓީގެ ކޮމިޓީގައި ހިމެނެނީ ތިން މެމްބަރުންނެވެ. އެއީ ޖޭޕީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހީމާއި، ޖޭޕީގެ ލީޑަރުގެ އެޑްވައިޒަރުގެ މަގާމުގައި ހުންނެވި ކުރީގެ މެމްބަރު ރިޔާޒް ރަޝީދުގެ އިތުރުން ކެންދޫ ދާއިރާގެ މަޖިލިސް މެމްބަރު އަލީ ހުސައިނެވެ.
ނަޝީދުގެ ބައެއް ހުށަހެޅުންތައް:
ރައްޔިތުންގެ މަޖިލީހުގައި ނަގައި ސިއްރު ވޯޓަކުން ފަސް އަހަރުގެ ދައުރަކަށް ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމަށް މީހަކު އިންތިޚާބުކުރުން.
- ގާނޫނު އަސާސީގައި ކަނޑައަޅައި ހާލަތްތަކެއްގައި ރައްޔިތުންގެ މަޖިލިސް އުވައިލުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ދިނުން.
- ވަޒީރުންގެ މަޖިލީހުގައި ބޮޑުވަޒީރެއް އިނުން.
- ރައްޔިތުންގެ މަޖިލީހުން ނަގައި ވޯޓަކުން ބޮޑުވަޒީރު ހޮވުން.
މީގެ އިތުރުން ވެސް ގިނަ ކަންތައްތަކެއް ހިމެނެއެވެ.