ރާއްޖޭގެ ރަށްރަށުގެ ތިމާވެއްޓަށް އަންނަ ބަދަލު ދެނެގަނެވޭނެ ގޮތެއް އަދިވެސް ގާއިމްކުރެވިފައި ނެތީ އެ ކަމަށް އެކަށީގެންވާ ފަންޑު ނުލިބޭތީކަމަށް އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން ބުނެފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަަވަމުން ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ މިހާރު ތިމާވެއްޓަށް އަންނަ ބަދަލު ދެނެގަންނަން ފަސޭހަ ގިނަ ވަސީލަތްތަކެއް އެބަހުރިކަމަށެވެ. އަދި އެފަދަ ބަދަލުތައް ފަސޭހައިން ދެނެގަނެވޭނެކަމަށް ވެސް އަސްލަމް ވިދާޅުވިއެވެ.

މި ކަމާ ގުޅިގެން "ސަން"އިން ސުވާލުކުރުމުން އީޕީއޭގެ ޑިރެކްޓަރު ޖެނެރަލް އިބްރާހީމް ނައީމް ވިދާޅުވީ ރަށްރަށަށް އަންނަ ބަދަލު ދެނެގަތުމަކީ ކުރުން މުހިންމު ކަމެއް ކަމަށެވެ.

އަދި މޫސުމީ ބަދަލުތަކުގެ ސަބަބުން އަންނަ ތަފާތުތައް ދެނެގަނެވޭނީ ކުރިއާލައި މޮނީޓަރުކޮށްގެންކަމަށް ނައީމް ވިދާޅުވިއެވެ.

"ކޯސްޓްލައިނަށް އަންނަ ބަދަލުތައް ބެލުމާއި މި ކަންކަން ދެނެގަނެވޭނީ ފަންޑިންއާއި ވަސީލަތްތައް ގާއިމް ކުރެވިގެން. ބަލައިގެންދޯ މި އިނގޭނީ. ހަމަ މީހަކު ވާހަކަދައްކައިލިއަސް ނޭނގޭނެތާ. ސައިންޓިފިކް ޑޭޓާއިން ކުރީގެ ފޮޓޯއާއި މިހާރުގެ ފޮޓޯއާ އަޅައިކިޔީމާ އެނގޭނީ،" ނައީމް ވިދާޅުވިއެވެ.

ނަމަވެސް އޭނާ ވިދާޅުވީ ރާއްޖޭގައި މިހާތަނަށް ވެސް އެ ކަން ކުރުމަށް އޮތް ދައްޗަކީ އެ ކަމަށް ހިނގާނެ ޚަރަދުތައް ފޫބައްދަން ފަންޑެއް ނެތުންކަމަށެވެ.

އެގޮތުން ފާއިތުވި 10 އަހަރު ވެސް އެފަދަ ކަންކަމަށް ފަންޑު ނުދީ ހިފަހައްޓައިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

"ގާތްގަނޑަކަށް 10 ވަރަކަށް އަހަރުވެއްޖެ ފަންޑިން ހިފެހެއްޓިފައި އޮންނަތާ. ފަންޑިން ވެސް، ވަސީލަތްތަކާއި ހަމަ ހުރިހާ ކަމަކާއެކީ މިއޮތީ ހުއްޓިފައި. މިހާރު ވެސް ހުންނާނެ ވަސީލަތްތައް. އެކަމު އެންމެ ރަނގަޅަށް އެ ކަން ކުރެވޭ ގޮތަކަށް ނޫން ހުރީ،" ނައީމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެފަދަ މަސައްކަތްތައް ކުރެވޭނީ ވަސީލަތްތަކާއި ބަޖެޓު ހަމަޖެހޭ މިންވަރަކުންކަމަށެވެ.

ތަރައްގީގެ ޕްރޮޖެކްޓުތަކާއެކު ބައެއް ރަށްރަށަށް ތިމާވެށީގެ މައްސަލަތައް ކުރިމަތިވުން އާންމެވެ. އެގޮތުން ބިން ހިއްކުމާއި ބަނދަރު ހެދުން ފަދަ މަޝްރޫއުތަކާއި ރަށްގިރުން ފަދަ މައްސަލަތައްވަނީ ގުޅިފައެވެ.