24 Apr 2012, 10:09
ޓެލްއަވީވް (އޭޕްރީލް23): މިސްރުގެ ގުދްރަތީ ގޭސް އިސްރާއީލަށް އެކްސްޕޯޓް ކުރުމާ ބެހޭ އެއްބަސްވުން އުވާލުމަށް މިސްރުން ނިންމުން އިސްރާއީލަށް ސިހުން ލިބިއްޖެވެ. އިސްރާއީލުގައި އިއްޔެ ޝާއިޢުކުރި މީޑިޔާ ރިޕޯޓްތައް ބުނެފައި ވަނީ މިއީ ދެޤައުމުގެ ދެމެދުގައި ސޮއިކޮށްފައި ސުލްޙައިގެ މުޢާހަދާ އުވާލުމުގެ ފުރަތަމަ މަރްޙަލާއަށް ވުމުގެ ބިރުއެބައޮތް ކަމަށާއި މިސްރުގެ މިނިންމުމާމެދު ކަންބޮޑުވާން ޖެހޭ ކަމުގަ އެވެ.
އިސްރާއީލުގެ ބައެއް މަސްއޫލުވެރިން މިސްރުގެ މިނިންމުން ވިޔަފާރީގެ ނިންމުމެއްގެ ގޮތުގައި ސިފަކުރެއްވި ނަމަވެސް މިނިންމުމުގައި ސިޔާސީ ކުލަވަރުޖެހިފައިވުމަކީ އެކަށީގެންވާ ކަމެއްކަމަށް އިސްރާއީލުގެ ޚާރިޖީ ވަޒީރު އިވިގެޑޯރު ލިބަމެން ވަނީ އިޝާރާތް ކުރައްވާފަ އެވެ. އިސްރާއީލުގެ މާލީވަޒީރު ޔޫފާލް ޝަތައިނިތްސް ވަނީ މިސްރުގެ މިނިންމުމަކީ ސިޔާސީ ނިންމުމެއް ކަމަށް ފާޅުގައި ވިދާޅުވެ ފައެވެ. މިކަމުގެ ސަބަބުން އިސްރާއީލަށް ސްޓްރެޓީޖިކް ބިރުތަކާ އަލުން ކުރިމަތިލާން ޖެހޭނެ ކަމަށް ވެސް އޭނާވިދާޅުވި އެވެ. މިސްރުގެ މިނިންމުމުގެ މައްސަލާގައި ބޮޑަށް ކަންބޮޑުވަނީ އިސްރާއީލުގެރައްޔިތުން ކަމަށް ޚަބަރު ލިބެ އެވެ.
ގޭހުގެ އެއްބަސްވުން އުވާލިކަން އިޢްލާންކުރައްވަމުން މިސްރުގެ ގުދްރަތީ ގޭސް އިސްރާއީލަށް އެކްސްޕޯޓް ކުރާ ކުންފުނީގެ މެނެޖިންގް ޑިރެކްޓަރު މުޙައްމަދު ޝުޢައިބު ވިދާޅުވީ އެއްބަސްވުން އުވާލީ މި އެއްބަސްވުމުގައި ސޮއިކޮށްފައިވާ އީސްޓް މެޑިޓެރޭނިޔަން ކުންފުނިން އެއްބަސްވުމާ ތަކުރާރުކޮށް ޚިލާފްވަމުންދާތީ އެވެ. މީގެއިތުރުން އިސްރާއީލަށް އެކްސްޕޯޓްކުރާ މިސްރުގެ ގޭހުގެ އަގު ދުނިޔޭގެ ބާޒުގައި ގޭސްލިބެން ހުރި އަގުތަކަށް ވުރެ ދަށްވުމަކީ ވެސް މިއެއްބަސްވުން އުވާލުމަށް މިސްރު ބޭނުންވިކަމެއް ކަމަށް ޚަބަރުލިބެ އެވެ. ނަމަވެސް މިސްރުން މިކަމަށް އިޝާރާތް ކޮށްފައެއްނުވެ އެވެ.
މިސްރުގެ ގޭސް އިސްރާއީލަށް އެތެރެކުރުމުގައި ސީދާގޮތެއްގައި ޙަރަކާތްތެރިވާ އަންޕާލް އެމެރިކަން އިޒްރޭލް ކުންފުންޏަކީ އީސްޓް މެޑިޓެރޭނިޔަން ކުންފުނީގެ ތެރެއިން އުފައްދާފައިވާ ޖޮއިންޓް ވެންޗަރ ކުންފުންޏެކެވެ. މިސްރުގެ ގޭސް ހެޔޮއަގުގައި އިސްރާއީލަށް އެކްސްޕޯޓްކުރުމުގެ އެއްބަސްވުމުގެ ފަހަތުގައި ވަނީ އެމެރިކާ އާއި އިސްރާއީލުގެ ސިޔާސީ ބޭނުންތައްކަމަށް މިސްރުގެ ކުރީގެ އިދިކޮޅު ބައެއް ސިޔާސީފަރާތްތަކުން ތުހުމަތު ކޮށްފައިވެ އެވެ. އަދި މިސްރުގެ ގޭސް އަގުހެޔޮކޮށް އިސްރާއީލަށް ފޯރުކޮށްދިނުމުން އަހަރަކު އެތައް ސަތޭކަ މިލިޔަން ޑޮލަރެއްގެ ގެއްލުން މިސްރަށްވާ ކަމަށް ވެސް މިސްރުގެ ސިޔާސީ ފަރާތްތަކުން ތުހުމަތުކޮށްފައިވެ އެވެ. ނަމަވެސް ކުރީގެ ރައީސް ޙުސްނީ މުބާރަކްގެ ސަރުކާރުން އެދުވަސްވަރު މިކަންތައްތައް ދޮގުކޮށްފައިވެ އެވެ.
މިސްރުގެ ގޭސް އިސްރާއީލަށް އެތެރެކުރުމުގައި ސީދާގޮތެއްގައި ޙަރަކާތްތެރިވާ އަންޕާލް ކުންފުނިން ވަނީ މިއެއްބަސްވުން އުވާލުމަށް މިސްރު ނިންމި ނިންމުމަކީ ޣައިރު ޤާނޫނީ ނިންމުމެއް ކަމަށް ސިފަކޮށްފަ އެވެ. މިސްރުގެ ގުދްރަތީ ގޭސް އިސްރާއީލަށް އެކްސްޕޯޓްކުރުމަށް ބޭނުންކުރާ ގޭސްހޮޅިތައް އެތަށްފަހަރަކު ވަނީ ގޮއްވާލާފަ އެވެ. މިގޮއްވުންތަކުގެ ފަހަތުގައި ވަނީ މިކަމާދެކޮޅުހަދާ މިސްރުގެ އެކިޖަމާއަތްތައް ކަމަށް ޚަބަރުލިބެ އެވެ.
ދެ ހާސް ފަސް ވަނަ އަހަރު ސޮއިކުރި މި އެއްބަސްވުމުގެ ދަށުން އިސްރާއީލަށް ބޭނުންވާ 40 ޕަސެންޓް ގޭސް ފޯރުކޮށްދެނީ މިސްރުންނެވެ. ގޭހުގެ އެއްބަސްވުން މިސްރުން އުވާލި މައްސަލާގައި މިސްރުގެ ޢަސްކަރީ ވެރިޔާ ޖެނެރަލް މުޙައްމަދު ޙުސައިން ތަންތާވީ ވިދާޅުވީ މިއީ ސިޔާސީ ކަމެއްނޫން ކަމަށާއި ވިޔަފާރީގެ ކަމެއް ކަމުގަ އެވެ. (އަލްޖަޒީރާ)