26 Apr 2023, 14:41
އދ. މަޖިލިސް (26 އެޕްރީލް 2023): ދުނިޔޭގެ ގައުމުތައް ގުޅިގެން ހިންގާ ބައިނަލްއަގްވާމީ ނިޒާމެއްގެ ބަދަލުގައި އެމެރިކާ ބޭނުންވަނީ އެގައުމު އެކަނި ކޮންޓްރޯލްކުރާ ބައިނަލްއަގްވާމީ ނިޒާމެއްކަމަށް ރަޝިއާގެ ޚާރިޖީ ވަޒީރު ސަރްގީ ލާވްރޯވް ވިދާޅުވެއްޖެއެވެ.
ރަޝިއާއިން ރިޔާސަތު ބެލެހެއްޓި އދ. ގެ ސަލާމަތީ މަޖިލީހުގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ލާވްރޯވް ވިދާޅުވީ އެމެރިކާގެ އެކަނި ކޮންޓްރޯލް އޮންނަ ބައިނަލްއަގްވާމީ ނިޒާމު ހިންގަން އެމެރިކާ ބޭނުންވަނީ ނޭޓޯގެ އެހީގައި ކަމަށާއި އެއީ ދުނިޔެއަށް އަތްގަދަކުރުމަށް އެމެރިކާ އަށް އެންމެ ރަނގަނޅު ނިޒާމުކަމަށް ވިޔަސް އެއީ ދުނިޔޭގެ އެހެން ގައުމުތައް ބޭނުންވާގޮތް ނޫންކަމުގައެވެ.
ދުނިޔޭގެ ގިނަ ގައުމުތައް މިހާރު ބޭނުންވަނީ އެމެރިކާ އެކަނި ކޮންޓްރޯލް ކުރާ އަދި ނޭޓޯ ޑޮމިނޭޓްކޮށްފައިވާ ނިޒާމެއް ނޫންކަން ހާމަކުރައްވަމުން ލާވްރޯވް ވިދާޅުވީ ދުނިޔެ އެމެރިކާއަށް ވުރެ ބޮޑުކަމަށާއި އެހެންކަމުން ދުނިޔެ ބޭނުންވަނީ ގިނަ ބާރުތަކެއްގެ މައްޗަށް އެކުލެވޭ ނިޒާމެއް ކަމަށެވެ.
ލާވްރޯވް ފާހަގަ ކުރެއްވިގޮތުގައި އދ. ގެ ނިޒާމާއި އދ. ގެ ޗާޓަރަކީ ގައުމުތަކަށް ވަރަށްބޮޑު ހިމާޔަތެއްދޭ އެއްޗެކެވެ. އެހެންކަމުން ދުނިޔޭގައި ފުލުހެއްގެ ބައި އަދާކުރަން (އަސްކަރީ ބާރު ދައްކައި ގައުމުތަކަށް ބުލީކުރުމަށް) އެމެރިކާ ކުރާ މަސައްކަތްތަކަށް ހުރަސްއެޅުމުގައި އދ. ގެ ޗާޓާރު ވަރަށް ބޮޑު ދައުރެއް އަދާކުރާ ކަމުގައެވެ. އދ. ނެތްނަމަ ބާރުގެބޭނުންކޮށްގެން އެމެރިކާ ދުނިޔޭގައި ކުޅެންބޭނުންވާ އިސްތިއުމާރީ ކުޅިގަނޑު ވަރަށް ބޮޑުކޮށްލީސްކަމަށްވެސް ލާވްރޯވް ތުހުމަތު ކުރެއްވިއެވެ.
ލާވްރޯވް ވިދާޅުވީ އެމެރިކާ އެކަނި ކޮންޓްރޯލްކުރާ ބައިނަލްއަގްވާމީ ނިޒާމަކަށް މިހާރު ފުރުސަތެއްނެތެވެ.
އަނެއްކޮޅުން އދ. ގެ މައި މަރުކަޒު އެމެރިކާގައި ހުރުމަކީވެސް އދ. ގެ މެންބަރު ގައުމުތަކަށް އެމެރިކާގެ އުނދަގޫ ކުރިމަތިވާ ކަމެއްކަމަށާއި އެންމެ ރަނގަނޅު ގޮތަކީ އދ. ގެ މައިމަރުކަޒު އެމެރިކާއިން ބޭރުކުރުންކަމަށް ލާވްރޯވް ވިދާޅުވިއެވެ. ލާވްރޯވްގެ ވާހަކަފުޅުގައި އިސްރާއީލުވެސް ވަރަށް ބޮޑަށް ކުށްވެރިކުރެއްވިއެވެ. އެއީ ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ އުދުވާނީ ހަމަލާތަކާ ގުޅިގެންނެވެ. އިސްރާއީލު ކުށްވެރިކުރަން ފެށުމުން އިސްރާއީލުގެ މަންދޫބު ވަނީ އެވާހަކަތައް ހަޖަމު ނުކުރެވިގެން ސަލާމަތީ މަޖިލީހުގެ ބައްދަލުވުމުން ނުކުމެފައެވެ.
ލާވްރޯވްގެ ވާހަކަތަކަށް ސަލާމަތީ މަޖިލީހުގައި ހިމެނޭ އެމެރިކާއާއި ޔޫރަޕްގެ ބޮޑެތި ބާރުތަކުގެ މަންދޫބުން ވަރަށް ވަރުގަދައަށް ރައްދު ދެއްވިއެވެ. މިގޮތުން ރަޝިއާ ޔުކްރެއިން އަށް އަސްކަރީގޮތުން އަރައިގަތުމަކީ އދ. ގެ ޗާޓަރާއި އދ. ގެ އުސޫލުތައް މުގުރާލުންކަމަށް ހުޅަނގުގެ ބާރުތަކުން ސިފަކުރިއެވެ. އަދި އެމެރިކާވަނީ އެގައުމުން ކޮންޓްރޯލްކުރާ ބައިނަލްއަގްވާމީ ނިޒާމު ރޫޅާލުމަށް މަސައްކަތްކުރާ ކަމުގެ ތުހުމަތުވެސް ރަޝިއާގެ މައްޗަށް ކޮށްފައެވެ.
އދ. ގެ އެކި ބައްދަލުވުންތަކަށް ވަޑައިގަންނަވާ އީރާން ފަދަ އެމެރިކާއާ ސިޔާސީގޮތުން އިދިކޮޅު ގައުމުތަކުގެ ޚާރިޖީ ވަޒީރުންފަދަ އިސް ޑިޕްލޮމެޓުންނަށް ވިސާދިނުން ލަސްކުރުން އަދި އަރިހުގައި ވަޑައިގަންނަވާ ބޭފުޅުންނަށް ވިސާ ދިނުމަށް ދެކޮޅު ހެދުންފަދަ ކަންކަން އެމެރިކާ ކުރެއެވެ. އެއީ އެމެރިކާއިން އެގައުމުތަކަށް ޖެއްސުންކުރުމަށް ހިންގާ އަމަލުތަކެއްގެ ގޮތުގައި އެގައުމުތަކުން ސިފަކުރެއެވެ.
މިފަހަރު ރަޝިއާގެ ޚާރިޖީ ވަޒީރު ލާވްރޯވް އދ. ގެ ސަލާމަތީ މަޖިލީހުގެ ބައްދަލުވުމަށް ވަޑައިގަތުމަށް ކުރެއްވި ދަތުރުގައިވެސް އެމެރިކާ ސަރުކާރުން ވަނީ އޭނާއާއެކު ބައިވެރިވާ ރަޝިއާގެ މީޑިއާ ޓީމުގެ މެންބަރުންނަށް ވިސާ ދިނުމަށް ދެކޮޅު ހަދާފައެވެ. މިމައްސަލާގައި ރަޝިއާ ވަނީ އެމެރިކާއަށް ބަހުގެ ހަމަލާތަކެއް ދީފައެވެ.