އޮންލައިންކޮށް ޓީޗިން ކޯސްތައް ހިންގުމަށް ދޫކޮށްނުލެވޭނެ ކަމަށާއި އިއްޔެ ހައިކޯޓުން ނެރުނު ވަގުތީ އަމުރު އިސްތިއުނާފް ކުރާނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ)އިން ބުނެފިއެވެ.

އޮންލައިންކޮށް ޓީޗިން ކޯސްތައް ހިންގުން މަނާވާ ގޮތަށް އެމްކިއުއޭ އިން އެކުލަވައިލި "އީ-ލާނިން ގައިޑްލައިން"އަށް އަމަލުކުރުން ފަސްކުރުމުގެ ވަގުތީ އަމުރެއް ހައިކޯޓުން ނެރުނީ އިއްޔެއެވެ.

ހައިކޯޓުން އެ ގޮތަށް އަމުރުކުރީ، އެމްކިއުއޭގެ ގައިޑްލައިނަކީ ގާނޫނުއަސާސީން ގަވާއިދު ހެދުމަށް ދައުލަތުގެ އިދާރާތަކަށް ދީފައިވާ ބާރުގެ ބޭރުން، ގާނޫނުން މަންދުކޮލެޖު ހިންގާ މާލެ ހައި ޕްރައިވެޓް ލިމިޓެޑަށް ފަހިކޮށްދޭ ހައްގުތަކާއި މިނިވަންކަމާއި ކަށަވަރުކޮށްދޭ ގާނޫނުގެ ރައްކާތެރިކަން ނިގުޅައިގަންނަ ގޮތަށް ހަދައިފައިވާ ގައިޑްލައިނެއް ކަމަށް ބުނެ އެ ކުންފުނިން ހުށަހަޅައިފައިވާ މައްސަލައެއްގައެވެ.

އެމްކިއުއޭގެ ސީއީއޯ އަބްދުލްހަންނާން ވަހީދު މިއަދު "ސަން"އަށް ވިދާޅުވީ އޮންލައިންކޮށް ޓީޗިން ކޯސްތައް ހިންގަން ދޫކޮށްނުލެވޭނެ ކަމަށާއި މި މައްސަލަ އިސްތިއުނާފް ކުރާނެ ކަމަށެވެ.

"މި ހުކުމުގެ މުޅި އަސާސް ގޯސްކަމަށް އަޅުގަނޑުމެންނަށް ވިސްނެނީ،" ހަންނާނު ވިދާޅުވިއެވެ.

މާލެ ހައި ޕްރައިވެޓް ލިމިޓެޑުގެ ދައުވާގައި ބުނެފައިވަނީ އެމްކިއުއޭގެ ސިޓީއަކުން މަންދު ކޮލެޖުގައި ވާޗުއަލްކޮށް ކިޔަވައިދިނުމަށް ހުއްދަ ދީފައިވާ ކަމަށެވެ. ވަގުތީ އަމުރު ނެރުމުގެ އެއް އަސާސަކީ ވެސް އެއީއެވެ.

ހަންނާނު ވިދާޅުވީ 2016 ވަނަ އަހަރު އެމްކިއުއޭއިން ފޮނުވައިފައިވާ އެ ސިޓީއަކީ އުސޫލާ ޚިލާފަށް އޭރުގެ އެމްކިއުއޭގެ މެނޭޖްމަންޓުން ކޮށްފައިވާ ކަމެއް ކަމަށެވެ.

"2016ވަނަ އަހަރު ފޮނުވައިފައިވާ އެ ސިޓީ މިހާރު އަޅުގަނޑުމެން ވާނީ ބާތިލުކޮށްފައި ،" ހަންނާނު ވިދާޅުވިއެވެ.

ކުރީގައި ކޮންމެ ގޮތަކަށް ސިޓީ ފޮނުވައި ނިންމައިފައިވިޔަސް، މިހާރު އެމްކިއުއޭއިން ވަނީ ގާނޫނުގެ ދަށުން ގަވާއިދެއް ހަދައި، ސްޓޭންޑަޑްތަކެއް ތަންފީޒުކުރަން ފަށައިފައިކަމަށް އޭނާ ވިދާޅުވިއެވެ.

"ގަވާއިދެއް ގެނައީމަ ކުރީގެ އެއްޗެހި އެޕްލައިއެއް ނުވާނެ ދެއްތޯ،" ހަންނާނު ވިދާޅުވިއެވެ.

މީގެ އިތުރުން، ޓީޗިން ކޯސްތައް އޮންލައިންކޮށް ކުރިއަށް ނުގެންދެވޭ ގޮތަށް ނިންމީ އެޑިއުކޭޝަން މިނިސްޓްރީއާ ވެސް މަޝްވަރާކޮށްފައިކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިހާރު ޓީޗަރުންގެ މުސާރަ ވެސް ބޮޑުކޮށްފައިވާއިރު، އޮންލައިންކޮށް ހިންގާ ކޯސްތަކުން ޓީޗަރުންގެ ފެންވަރު ދަށްވުމުގެ ކަންބޮޑުވުން އޮތް ކަމަށް ހަންނާން ވިދާޅުވިއެވެ.

ހުރިހާ ކޯސްތަކެއް ވެސް އޮންލައިންކޮށް ހިންގުމުގެ ޑިމާންޑުތައް އަންނަން ފެށީ ކޮވިޑްގެ ދުވަސްވަރު ކަމަށް އޭނާ ވިދާޅުވިއެވެ. އޭރު އިތުރު ގޮތެއް ނެތުމުން އެ ގޮތަށް ކިޔަވައިދޭން މަޖުބޫރުވީ ކަމަށް ވެސް ހަންނާނު ވިދާޅުވިއެވެ.

"އެންމެންނަށް ވެސް އެނގޭ ކޮލިޓީއެއް ނުހުންނާނެކަން އޮންލައިންކޮށް ކިޔެވީމަ. އެ ގޮތަށް އާދަވީމަ އެ ދޫނުކުރަން މި އުޅެނީ. ކޮވިޑްގައި ލިބުނު ގެއްލުމެއް މިއީ،" ހަންނާނު ވިދާޅުވިއެވެ.

އިތުރަށް ހަންނާނު ވިދާޅުވީ، ބެޗްލާސް ޑިގްރީއާ ހަމައަށް ޓީޗިން އީލާނިން މެދުވެރިކޮށް ނުގެންދެވޭ ގޮތަށް އެޑިއުކޭޝަން މިނިސްޓްރީން ވެސް ނިންމައިފައިވާ ކަމަށެވެ. އަދި އެ ކަމުގެ ސަބަބުން ޓީޗަރުންގެ ފެންވަރު ދަށްވާނެކަމުގެ ކަންބޮޑުވުން އެ މިނިސްޓްރީގެ ވެސް އެބައޮތް ކަމަށް ވިދާޅުވިއެވެ.

ޑޮކްޓަރުކަމުގެ ކޯހާއި ޓީޗިން ކޯސްތައް ހިމެނޭހެން އަށް ކޯހެއް އޮންލައިންކޮށް ކުރިއަށް ނުގެންދެވޭނެ ކަމަށް އެމްކިއުއޭއިން މިދިޔަ އަހަރުގެ އޯގަސްޓު މަހު ކަނޑައެޅިއެވެ.

އެގޮތުން އޮންލައިންކޮށް ނުގެންދެވޭނެ ކޯސްތަކުގެ ތެރޭގައި ޑޮކްޓަރުކަމުގެ ކޯހާއި ޑެންޓިސްޓްރީ ކޯހާއި މަސައްކަތްކުރުމަށް ޚާއްސަ ލައިސެންސެއް ބޭނުންވާ ހެލްތު ސައިންސަސްއާ ގުޅޭ ކޯހާއި ނާސިން ކޯހާއި ޤުރުއާން އަދި ޤުރުއާނާ ގުޅުން ހުރި ދާއިރާތަކުގެ ކޯސް ހިމެނެއެވެ.