24 Apr 2012, 10:13
ފެބުރުއަރީ 7 ވަނަ ދުވަހު ވެރިކަން ބަދަލުވުމާ އެކު ރާއްޖެ އަށް ބޭރުގެ އެކި ފަރާތްތަކުގެ ލޯ އަމާޒުވި އެވެ. އެ ދުވަހުގެ ފަހުން ރާއްޖޭގެ މަސަރަހުން އެމުނުނު ބޮޅުތަކުން ބޭރުގެ އެކި ފަރާތްތަކަށް މާބޮޑަށް ކަޅި އެޅަން ފެށި އެވެ. ވެރިކަން ބަދަލުކޮށްލީ "ބަޣާވާތަކުން" ކަމަށް ބުނެ އެމްޑީޕީން އަޑު އުފުލުމުން ބޭރުގެ އެކި ޖަމްއިއްޔާ ޖަމާއަތްތަކުގެ ބަޔާންތައް އާންމުވާން ފެށި އެވެ. ރާއްޖެއާ މެދު ފުރަތަމަ ބަހެއް އިއްވި ޖަމާއަތްތަކުގެ ތެރޭގައި 54 ގައުމެއް ހިމެނޭ، ކޮމަންވެލްތް ހިމެނެ އެވެ. އެއަށް ފަހު އދ. އާއި އީޔޫ ފަދަ ޖަމާއަތްތަކުން ވެސް ބަސްކިޔެވެ.
ނަމަވެސް މިއަދާ ހަމައަށް ވެސް ރާއްޖޭގެ ހާލަތު އެންމެ ކައިރިން ބަލައި އެއް ޖަމާއަތަކީ ކޮމަންވެލްތުގެ މިނިސްޓްރީއަލް އެކްޝަން ގްރޫޕް، ސީމެގެވެ. މައްސަލަ ހައްލުކޮށް އެންމެންނަށް ވެސް އިންސާފު ހޯދައިދޭނެ ކަމުގެ ޓެގް ސީމެގަށް ލިބުނީ އެހެންވެގެން ކަމަށް ބެލެވިދާނެ އެވެ. އިނގިރޭސި ވިލާތުގެ އިސްނެގުމަށް އުފައްދާފައިވާ އެ ޖަމާއަތުން ރާއްޖެ އަށް އަވަސް އިންތިހާބެއް މި އަހަރު ނިމުމުގެ ކުރިން ބޭއްވުމަށް ވަކާލާތުކުރެ އެވެ. އިންކުއަރީ ކޮމިޝަން މިނިވަންކުރަން ސަރުކާރަށް ދިނީ ހަތަރު ހަފްތާ އެވެ. އިއްޔެ އަނެއްކާ ވެސް ސީމެގުން ވަނީ ކުރީގެ ގޮވާލުންތައް ތަކުރާރުކޮށް ބަސް ހަރުކޮށްފަ އެވެ. އެއާ އެކު ކޮމަންވެލްތާ ދެކޮޅުވެ، ދުޝްމަން ވުމުގެ އަޑުތައް ގަދަވެއްޖެ އެވެ.
"އަޅުގަނޑުމެން ކޮމަންވެލްތުގައި ވެސް ބައިވެރިވީ ހަގީގަތުގައި ވަރަށް ފަހުން. މީގެ ކުރީގައި އަޅުގަނޑުމެންނަކީ އެ ޖަމާއަތުގެ ބައިވެރިއެއް ނޫން. ދެން ކޮމަންވެލްތް ޖަމާއަތަކީ، ހަގީގަތުގައި މެންބަރު ގައުމުތަކުގެ ގާނޫނާއި ގާނޫނު އަސާސީއާ އެއްގޮތަށްތޯ ނޫނީ ހެޔޮވެރިކަމެއް ކުރޭތޯ، މިގޮތަށް ބަލަން އުފައްދާފައިވާ ޖަމާއަތެއް މިއީ. އެއްގައުމު އަނެއް ގައުމަށް އެހީތެރިވެ މިކަހަލަ ކަންތައްތައް ކުރަނީ. އެކަމަކު ކޮމަންވެލްތަކީ ހަގީގަތުގައި ގައުމު ބިނާކުރުމުގައި މާބޮޑަތި ހަރަދުތަކެއް ދޭ ބަޔެއް ނޫން. އެމީހުންނަކީ ގައުމުތަކުގެ ސަރުކާރުތަކަކަށް ޕުރެޝާކޮށް ގައުމުތަކުގެ ދާހިލީ ކަންކަމަށް ވަންނަ ބަޔެއް ނޫން އެއީ. މިފަހަރު ކޮމަންވެލްތުން މިކަމުގެ ތެރެއަށް ވަދެގެން މިއުޅޭ އުޅުން މިއީ ދިވެހިން ސުވާލުކުރަން ޖެހޭ ކަމެއް. އެހެންވީމާ އެއީ މިކަމުގައި ނާޖާއިޒު ކަމެއް ހިމެނޭ ކަމެއްކަން ދޭހަވާ ކަމެއް،" ރައީސްގެ ޕޮލިޓިކަލް އެޑްވައިޒާ އަޙްމަދު ތައުފީޤް ވިދާޅުވި އެވެ.
ކޮމަންވްލްތުން އިއްޔެ އާންމުކުރި ބަޔާނަކީ ކޮމިޝަނަށް އެއްބާރުލުން ނުދޭ ކަމަށާއި ސީމެގުން ބުނާ ކަންތައްތަކުގެ ތަފްސީލު އެ ޖަމާއަތުން ނުދޭ ކަމަށް ފޮރިން މިނިސްޓްރީން ބުނުމާ އެކު ރައްދުގައި ނެރުނު ބަޔާނެކެވެ. އެ ބަޔާނުގައި ބުނަނީ ކޮމިޝަން އެކުލަވާ ނުލަނީސް އެހީތެރިކަމެއް ނުދޭނެ ކަމަށެވެ.
އެއާ އެކު އަނދައަނދައި އޮތް އަލިފާނަށް އިތުރަށް ދަރު އެޅިއްޖެ އެވެ. ސަރުކާރާއި ސީމެގާ ދެމެދުގެ ބަހުގެ ހަމަލާތަކުގެ ސިލްސިލާއެއް ފެށުނީ ކަމަށް ބުނެވިދާނެ އެވެ. ރައްޔިތުންގެ މަޖިލީހުގައި ސަރުކާރު އިއްތިހާދުގެ މެންބަރުންގެ ވާހަކަތަކުން އެކަން ވަރަށް ރަނގަޅަށް ދޭހަވެ އެވެ. އެބޭފުޅުން ވަނީ ކޮމަންވެލްތުން ރާއްޖެ ވަކި ވުމަށް ގޮވާލާފަ އެވެ. ކޮމަންވެލްތަކީ އެއްވެސް އެއްޗެއް ނޫންކަމަށް އެބޭފުޅުންގެ ބަސްމަގު ވަނީ ގެންގުޅުއްވާފަ އެވެ.
"މިއީ ބަޣާވާތެއް ކަމަށް ނުބަލައި އީޔޫ ކޮމަންވެލްތް ކޮންމެ ޖަމާއަތެއް ކަމުގައި ވިޔަސް ރާއްޖޭގެ ދާހިލީ ކަންކަމުގެ ތެރެއަށް ވަނުމަކީ އަޅުގަނޑުމެން އެދޭކަމެއް ނޫން. އެބޭފުޅުން އެހެން ގޮތްގޮތުން ދޭ އެހީ އާއި ހުރިހާ އެއްޗަކަށް ތާއީދު ކުރަން، އުޅެންވެސް ބޭނުން، އެކަމަކު އަޅުގަނޑުމެން ގާނޫނުތަކާއި ގަވާއިދުތައް ފުނޑުފުނޑުކޮށްލާފައި އަވަސް އިންތިހާބެއް ބޭއްވޭކަށް ނެތް،" ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ސީމެގަކީ އިންސާފުން އަޑުއުފުލާ ބައެއް ނޫން ކަމަށް ބުނެ، އެ ޖަމާއަތުން ރާއްޖެ ވަކިވުމުގެ މައްސަލަ ފުރަތަމަ ފެންމަތި ކުރެއްވީ ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދެވެ.
ގެމަނަފުށީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދު އަޑުއުފުއްލެވީ މިހާރުން މިހާރަށް ކޮމަންވެލްތުން ރާއްޖެ ވަކިވުމަށެވެ. ސަރުކާރުން މިއަދުން މިއަދަށް ވެސް މެންބާޝިޕްއަނބުރާ ނެގުމަށެވެ. އޭނާ ގޮވާލެއްވީ ރައީސުލްޖުމްހޫރިއްޔާ އެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވުމަށެވެ. އޭނާގެ ނަޒަރުގައި ތަހުގީގު ނުކޮށް، ކޮމަންވެލްތުން ގޮތް ނިންމަ އެވެ.
މައްސަލަ ވަރަށް ސީރިއަސް ވެއްޖެ އެވެ. ދެކޮޅުން އަނދަނީ އަލިފާން ނޫންތޯ ސުވާލުކުރެވިދާނެ އެވެ. މައްސަލަ ހައްލުކުރަން ވަތް ކޮމަންވެލްތު ދާހިލީ މައްސަލައިގެ ތެރެއަށް ގެނބިގެން ހިނގައްޖެ އެވެ. އެމީހުން ވެސް މައްސަލައިގެ ޝިކާރައަކަށް ވެއްޖެ އެވެ. އެމްޑީޕީން ސީމެގުގެ ވާހަކަތަކަށް ތާއީދުކުރެ އެވެ. އެމީހުންގެ ބަސްމަގު ވެސް ހުންނަނީ ކޮމަންވެލްތާ އެއްގޮތަށެވެ. ކޮމަންވެލްތާއި ސީމެގްގެ ވާހަކަ މަޖިލީހުގެ ތަޅުމުގައި ހޫނުވުމާ އެކު އެމްޑީޕީން ރާއްޖެ އަށް އިންޒާރު ދޭން ފަށައިފި އެވެ. ކޮމަންވެލްތާ ދެކޮޅަށް އެއްޗިހި ކިޔުމަކީ ހަރުކަށި ދަތި ކުރުމުގެ ފިޔަވަޅުތަކަކާ ރާއްޖެ ކުރިމަތިލާން ޖެހިދާނެ ކަމެއް ކަމަށް ގޮވާއަޑު ގަދަވެއްޖެ އެވެ. ރައީސް މުހަންމަދު ނަޝީދު އިންޑިއާގައި ވެސް ވަނީ އެފަދަ އިޝާރާތެއް ކުރައްވައިފަ އެވެ.
"ސީމެގްގެ އަޑަކީ އެކަހެރި އަޑެއްނޫން، ސީމެގްގެ އެންމެ ފަހުގެ ބަޔާނުގައި ވެސް ބުނެފައި އެބައޮތް، ސީމެގަށް ތާއީދު ލިބެމުން ދަނީ އދ. އިން ވެސް އައިޕީޔޫން ވެސް އަދި ޔޫރަޕްގެ އިއްތިހާދުން ވެސް އިނގިރޭސި ވިލާތުން ވެސް ސީމެއްގްގެ އަދި ސާ ޑޮން މެކަނަންގެ މަސައްކަތަށް ތާއީދު ކުރަމޭ، ސީމެގުގެ އެ ގޮވާލުމަކީ އެކަހެރި ގޮވާލުމެއް ނޫން. ސީމެގްގެ ލަފަޔަށް ޖާގަ ނުދީފިއްޔާ ސީމެގުން އަމިއްލައަށް ވަކިވާން ނިންމައިފިއްޔާ، ކޮމަންވެލްތުން ސަސްޕެންޑްކޮށްފިއްޔާ އަޅުގަނޑުމެންގެ ވިޔަފާރިއަށް ދިވެހި ރައްޔިތުންނަށް ލިބޭ އާމްދަނީ އަށް އަސަރުކުރާނެ،" މެންބަރު އީވާ އަބްދުﷲ ވިދާޅުވި އެވެ.
އީވާ ވިދާޅުވި ގޮތަށް ސީމެގަގީ އެކަހެރި އަޑެއް ނޫނެވެ. ބާރުގަދަ ބަސްވިކޭ ޖަމާއަތެކެވެ. ދުނިޔޭގެ ބޮޑަތި ބާރުތަކުގައި ހިމެނޭ އިނގިރޭސިވިލާތުގެ މައުތްޕީސް އެކެވެ. އެހެންކަމުން ސަރުކާރުން ވެސް އަދި އިއްތިހާދުގެ ޕާޓީތަކުން ވެސް މަޖިލީހުގެ މެންބަރުން ވެސް ވާހަކަ ދެއްކޭނެ ގޮތެއް އުފެއްދުމުގެ މުހިންމުކަން މިވަނީ ބޮޑުވެފަ އެވެ. މައްސަލަ ހައްލުކުރަން މެދުވެރިއަކަށްވާ ކޮމަންވެލްތު ވެސް މައްސަލަ ހޫނު ކުރާ ނަމަ އެއީ މައްސަލަ އެކެވެ. މިއީ ޑައިލޮގެއް އުފައްދަންވީ ވަގުތެވެ. ހޫނު ބަހުގެ ހަމަލާތަކެއް ބަދަލުކޮށް ހަތުރުން އުފައްދަންވީ ވަގުތެއް ނޫނެވެ.