ލަންޑަން (26 އެޕްރީލް 2023): އިނގިރޭސިވިލާތުގައި ހައި ހޫނުކަމުގައި އުޅެން ޖެހިފައިވާ ނިކަމެތި ފަގީރުންގެ އަދަދު އާދަޔާ ޚިލާފަށް ގިނަވަމުންދާކަމަށް އެގައުމުގެ އެހީދޭ ޖަމްއިއްޔާތަކުން ހާމަކޮށްފިއެވެ.

އެޖަމްއިއްޔާތަކާ ހަވާލާދީ އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނާގޮތުން އިނގިރޭސިވިލާތުގައި އަމިއްލައަށް މަސައްކަތްކޮށްގެން ބަނޑުފުރާނަ މުއްތި ނުކުރެވޭ ވަރުގެ ނިކަމެތި ހާލުގައި އުޅޭމީހުންގެ އަދަދު މިހާރު ވަނީ 760,000އަށް އަރާފައެވެ. މީގެ ދެއަހަރު ކުރިން މިއަދަދު އުޅެނީ ފަސްލައްކައިން ދަށުގައެވެ.

އިނގިރޭސިވިލާތުގައި ފަގީރުންނަށް ހިލޭ ކާބޯތަކެތި ފޯރުކޮށްދޭ ޗެރިޓީތަކުގެ ތެރޭގައި ހިމެނޭ ބޮޑު ޖަމްއިއްޔާއެއް ކަމަށްވާ "ދަ ޓްރުސެލް ޓްރަސްޓް" ބުނާގޮތުން ޗެރިޓީތަކުން ހިންގާ ފުޑްބޭންކްތަކުން ކާބޯތަކެތި ހޯދާ މީހުންގެ ނިސްބަތް ފާއިތުވި ދެއަހަރު ތެރޭގައިވަނީ އޭގެ ކުރިއާ އަޅާބަލާއިރު 38 އިންސައްތައަށް މައްޗަށް ޖެހިފައެވެ.

ފުޑް ބޭންކްތަކުން ކާބޯތަކެތި ހޯދާ މީހުންގެ ތެރޭގައި ހިމެނެނީ ބަނޑުފުރާނަ މުއްތި ކުރެވޭވަރުގެ އާމްދަނީ ނުލިބޭމީހުންނާއި ވަޒީފާ ނެތްމީހުންނާއި މަސައްކަތް ނުކުރެވޭވަރުގެ ބަލިމީހުންނާއި ނުކުޅެދޭ މީހުންނާއި ޔަތީމުންނާއި އުމުރުން ދުވަސްވެފައިވާ އަޅާލާނެ ފަރާތެއްނެތް މީހުންނެވެ.

އިނގިރޭސިވިލާތުގެ ދަ ޓްރުސެލް ޓްރަސްޓް ޖަމްއިއްޔާއިން ފަގީރުންނަށް އެހީގެ ގޮތުގައި ދޭ ޕެކެޖްތައް ދައްކާލަނީ

މިފަހަކަށް އައިސް އިނގިރޭސިވިލާތުގައި ތަކެތީގެ އަގުބޮޑުވުމުން މެދުފަންތީގެ އާއިލާތަކަށް ލިބޭ އާމްދަނީން ދިރިއުޅުމުގެ ޚަރަދުތައް ދެކޮޅެއް ނުޖެއްސެއެވެ. އެހެންކަމުން މިފަދަ އާއިލާތައްވެސް ގެންދަނީ ފުޑް ބޭންކްތަކުން ދޭ ހިލޭ ކާތޯތަކެތީގެ ޕާރުސަލްތައް ހޯދަމުންނެވެ.

އިނގިރޭސިވިލާތްފަދަ މުއްސަނދި އަދި ޑިމޮކްރެޓިކް ގައުމެއްގައި ފަގީރުންގެ އަދަދާއި ނިސްބަތް އާދަޔާ ޚިލާފަށް އިތުރުވަމުން ދާއިރު ހުޅަނގުގެ ސްޓައިލްގެ ޑިމޮކްރަސީނެތް ގައުމުތައް ކަމަށްވާ ޗައިނާ، ވިއެޓްނާމް އަދި ކެންބޯޑިއާ ފަދަ ގައުމުތަކުން ގެންދަނީ ފަގީރުންގެ އަދަދު މަދުކޮށް ފަގީރުންގެ ނިސްބަތް ކުޑަކުރުމުގައި އާދަޔާ ޚިލާފު ކާމިޔާބީތަކެއް ހޯދަމުންނެވެ.

އިނގިރޭސިވިލާތަށް އިގްތިސާދީ ބޮޑެތި މައްސަލަތަކެއް ކުރިމަތިވެފައިވާތާ މިހާރުވަނީ ތިން އަހަރުވެފައެވެ. އިނގިރޭސިވިލާތަށް އިގްތިސާދީ ހީނަރުކަން ކުރިމަތިވި ސަބަބުތަކުގެ ތެރޭގައި ޔޫރަޕްގެ އިއްތިހާދުން އެގައުމު ވަކިވުމާއި ކޮވިޑް-19ގެ ބަލިމަޑުކަމާއެކު ކުދި ވިޔަފާރިތައް އިނދަޖެހުމާއި ޔުކްރެއިން ހަނގުރާމައާ ގުޅިގެން ރަޝިއާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމުން ލިބުނު ބޮޑެތި ގެއްލުންތައް ހިމެނެއެވެ.

މިސަބަބުތަކާ ގުޅިގެން އިނގިރޭސިވިލާތުގައި ވަނީ އެކްސްޕޯޓް ދަށަށްގޮސް ގިނަ ކާރުޚާނާތަކެއް ބަންދުކުރަންޖެހި ވަޒީފާނެތް މީހުންގެ އަދަދު އާދަޔާ ޚިލާފަށް އިތުރުވެފައެވެ. ރަޝިއާއާއި ޔޫރަޕްގެ އިއްތިހާދުގެ މާކެޓް އިނގިރޭސީންނަށް ގެއްލިގެން ދިޔުމަކީ އެގައުމުގެ އިގްތިސާދަށް އެންމެބޮޑަށް އެނގުންވި ކަންތައްކަމަށް އިގްތިސާދީ މާހިރުން ވިދާޅުވެއެވެ.

އިނގިރޭސި ސަރުކާރުގެ ބަޔާންތައް ބުނާގޮތުން އެގައުމުގައި ކާބޯތަކެތީގެ އަގުތައް ފާއިތުވި ދެއަހަރު ތެރޭގައިވަނީ 19 އިންސައްތައަށް ބޮޑުވެފައެވެ. އަދި ތެލާއި ތެލުގެ ބާވަތްތަކުގެ އަގުތައްވެސްވަނީ އިންތިހާއަށް ބޮޑުވެފައެވެ. މިމުއްދަތުގައި މިއާ ގުޅޭ ވަރަށް އާމްދަނީ އިތުރުވެފައެއް ނުވެއެވެ. އެހެންކަމުން އިނގިރޭސި ފަގީރުންނާއި މެދުފަންތީގެ މީހުންނަށްވަނީ ދިރިއުޅުމުގެ ޚަރަދުތައް ދެކޮޅު ޖެއްސުން ވަރަށް ބޮޑުކަމަކަށް ވެފައެވެ. ފަގީރުކަން އިތުރުވަނީ މިކަމުގެ ސަބަބުންނެވެ.