ސްޕެނިޝް ލަލީގާގައި ގިރޯނާ އަތުން ބަލިވެ، ރެއާލް މެޑްރިޑުން ލީގު ހޯދުމަށް ކުރަމުންދާ މަސައްކަތަށް އުނދަގޫތަކެއް ކުރިމަތިވެއްޖެއެވެ.

ލީގު ތާވަލުގައި 31 މެޗުން 65 ޕޮއިންޓާއެކު ރެއާލް މިވަގުތު އޮތީ ދެވަނައިގައެވެ. އެއްވަނައިގައި އޮތް ބާސާއަށް 30 މެޗުން 76 ޕޮއިންޓް ލިބިފައިވާ އިރު، ތިންވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑަށް 30 މެޗުން ލިބިފައިވަނީ 60 ޕޮއިންޓެވެ.

ބާސާ އާއި ރެއާލާ ދެމެދު މިހާރު އޮތީ 11 ޕޮއިންޓުގެ ފަރަގެއް އޮތް އިރު، ރެއާލުން ވަނީ ބާސާއަށް ވުރެ އެއް މެޗު އިތުރަށް ވެސް ކުޅެފައެވެ.

ރަށުން ބޭރުގައި ރޭ ކުޅުނު މެޗުގައި ގިރޯނާ އަތުން ރެއާލް ބަލިވީ 4-2 ގެ ނަތީޖާއަކުންނެވެ. އެ މެޗަށް ރެއާލުން ނުކުތީ ބަދަލުތަކަކާއެކުއެވެ. އެގޮތުން އެންމެ ބޮޑު ބަދަލެއްގެ ގޮތުގައި ފާހަގަކޮށްލެވެނީ ރެއާލްގެ އެއް ނަމްބަރު ކީޕަރު ތިބައު ކޯޓުއާގެ ބަދަލުގައި ޔޫކްރެއިންގެ އެންދްރީ ލުނިންއަށް ފުރަތަމަ 11 އިން ފުރުސަތު ދިނުމެވެ. މި ސީޒަނުގައި ރެއާލުން އެންމެ ރަނގަޅު ކުޅުމެއް ދެއްކި އެއް ކުޅުންތެރިޔަކީ ވެސް ބެލްޖިއަމް ކީޕަރު ކޯޓުއާއެވެ.

ރޭ ކުޅުނު މެޗުގެ ފުރަތަމަ 25 މިނެޓުގެ ތެރޭގައި ގިރޯނާ އިން ވަނީ ދެ ގޯލުގެ ލީޑެއް ހޯދައިފައެވެ. މެޗުގެ 12 ވަނަ މިނެޓުގައި މިގެލް ގުޓިއަރޭޒް ނަގައިދިން ހުރަހަކުން ގިރޯނާގެ ފުރަތަމަ ގޯލު ވެލެންޓިން ކަސްޓެލަނޮސް ކާމިޔާބުކޮށްދިން އިރު، މެޗުގެ 24 ވަނަ މިނެޓުގައި އާނައު މާޓިނޭޒް ދިން ބޯޅައަކުން ގިރޯނާގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިނީ އެޓީމުގެ ފުރަތަމަ ގޯލު ވެސް ކާމިޔާބުކޮށްދިން ކަސްޓެލަނޮސްއެވެ.

ސްޕެނިޝް ލަލީގާގައި ރެއާލް ކޮޅަށް ގޯލު ޖެހުމަށްފަހު، ގިރޯނާގެ އާޖެންޓީނާ ފޯވަޑް ވެލެންޓިން ކަސްޓެލަނޮސް އުފާފާޅުކުރަނީ: މެޗުގައި ގިރޯނާ އިން ޖެހި ހަތަރު ގޯލު ވެސް ކާމިޔާބުކޮށްދިނީ ކަސްޓެލަނޮސް -- ފޮޓޯ/ ގެޓީ

ރެއާލުން މަސައްކަތްތަކެއްކޮށް، މެޗުގެ 34 ވަނަ މިނެޓުގައި ވަނީ ގޯލެއް ޖަހައި ފަރަގު ކުޑަކޮށްފައެވެ. މާކޯ އަސެންސިއޯ ނަގައިދިން ހުރަހަކުން ރެއާލަށް އެ ގޯލު ކާމިޔާބުކޮށްދިނީ އެޓީމުގެ ބްރެޒިލް ފޯވަޑް ވިނީސިއަސް ޖޫނިއާއެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން ގިރޯނާ ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފު ފެށިތާ މިނެޓެއްގެ ތެރޭ ގިރޯނާގެ ކަސްޓެލަނޮސް ވަނީ އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ. ގިރޯނާގެ ވެސް ތިންވަނަ ގޯލު ކަސްޓެލަނޮސް ކާމިޔާބުކުރީ ރެއާލްގެ ޑިފެންޑަރު ނާޗޯ ކައިރިން ނައްޓާލުމަށްފަހު، ޔޭން ކޫޓޯ ނަގައިދިން ހުރަހަކުންނެވެ.

މެޗުގެ 63 ވަނަ މިނެޓުގައި ގިރޯނާ އިން ވަނީ އެޓީމުގެ ހަތަރުވަނަ ގޯލު ކާމިޔާބުކޮށްފައެވެ. އެޓީމަށް އެ ހަތަރު ގޯލު ވެސް ކާމިޔާބުކޮށްދިނީ އާޖެންޓީނާ ފޯވަޑް ކަސްޓެލަނޮސްއެވެ. ގިރޯނާއަށް ހަތަރުވަނަ ގޯލު އޭނާ ކާމިޔާބުކުރީ ކޯނަރެއްގެ ތެރެއިން ލިބުނު ބޯޅައަކުންނެވެ.

މެޗުގައި ރެއާލަށް ދެވަނަ ގޯލެއް ކާމިޔާބުކުރެވުނީ މެޗު ނިމެން ފަސް މިނެޓަށް ވެފައިވަނިކޮށެވެ. ވިނީސިއަސް ދިން ބޯޅައަކުން ރެއާލަށް އެ ގޯލު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެވަނަ ހާފަށް ކުޅެން ނުކުތް ލޫކަސް ވަޒްކޭޒްއެވެ.