24 Apr 2012, 08:58
ޕެރިސް (އޭޕްރީލް24): ފަރަންސޭސި ރިޔާސީ ރޭހުގެ ފުރަތަމަބުރުގައި އެއްވެސް ކެންޑިޑޭޓަކަށް އަޣުލަބިއްޔަތު ލިބިފައި ނުވާއިރު ސޯޝަލިސްޓް ކެންޑިޑޭޓް ފްރާންސްވާ ހޮލާންޑަށް ވުރެ ރައީސް ނިކޮލައި ސަރކޯޒީ އަށް ލިބވަޑައިގެންނެވި ވޯޓުގެ ނިސްބަތް ދަށްކަމުން މަޤާމު ގެއްލިވަޑައިގަތުމުގެ ބިރު ސަރކޯޒީ އަށް ބޮޑުވެއްޖެ ކަމަށް ރިޕޯޓްތައް ބުނަންފަށައިފި އެވެ.
ފުރަތަމަ ބުރުގައި ރައީސް ސަކޯޒީ އަށް ލިބުނީ ޚިޔާލު ހޯދުމުގެ ސަރވޭތަކުން ވެސް އޭނާ އަށް ލިބޭނެކަމަށް ލަފާކޮށްފައިވާ ނިސްބަތާ ދާދިއެއްވަރުގެ ވޯޓެވެ. އެއީ27.07 ޕަސެންޓްގެ ވޯޓެވެ. އަދި އިދިކޮޅު ސޯޝަލިސްޓް ކެންޑިޑޭޓް ޕާޓީގެ ކެންޑިޑޭޓް ފްރަންސްވާ ހޮލާންޑަށް ވެސް ލިބުނީ ޚިޔާލު ހޯދުމުގެ ސަރވޭތަކުން ވެސް އޭނާ އަށް ލިބޭނެކަމަށް ލަފާކޮށްފައިވާ ނިސްބަތާ ދާދިއެއްވަރުގެ ވޯޓެވެ. އެއީ28.56 ޕަސެންޓް ވޯޓެވެ.
މޭމަހުގެ 6 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ ރޭހުގެ ދެވަނަ ބުރުގައި ސަރކޯޒީ އަށް 45 ޕަސެންޓް ވޯޓު އަދި ހޮލާންޑަށް 54 ޕަސެންޓް ވޯޓު ލިބޭނެކަން ޚިޔާލު ހޯދުމުގެ ސަރވޭތަކުން ހާމަވެފައިވާ އިރު މިލަފާކުރުމާ އެއްގޮތަށް ދެވަނަބުރުގެ ނަތީޖާ ނުކުންނާނެ ކަމަށް ފަރަންސޭސި އިންތިޚާބުތަކާއި މުޖްތަމައުގެ ޙާލަތު ދިރާސާކުރައްވާ ހުރިހާ ފަރާތްތަކަކުން ދެކޭކަމަށް ޕެރިހުގައި އިއްޔެ ޝާއިޢުކޮށްފައިވާ މީޑިޔާ ރިޕޯޓްތައް ބުނެ އެވެ.
ދެވަނަބުރުގައި ސަރކޯޒީ އަށް ލިބޭނެކަން ޔަގީން ވަނީ ހައްދުފަހަނަޅާފައިވާ ވަތަނީ އަންހެން ކެންޑިޑޭޓް މޭރީ ލެޕެން އަށް ފުރަތަމަ ބުރުގައި ލިބުނު 18.12 ޕަސެންޓްގެ ވޯޓާ ގާތްގަނޑަކަށް 90 ޕަސެންޓެވެ. ލެޕެން އަށް ވޯޓުދިން ވަތަނީ ހައްދުފަހަނަޅާފައިވާ އެންމެންގެ ވޯޓު ސަރކޯޒީއަށް ލިބުނުނަމަވެސް އިންތިޚާބު ކާމިޔާބު ކުރެއްވޭވަރަށް ސަރކޯޒީ އަށް ވޯޓު ލިބިވަޑައިނުގަންނަވާނެ ކަމަށް މުޙައްލިލުން ދެކެ އެވެ.
އިންތިޚާބުގެ ފުރަތަމަބުރުގެ ނަތީޖާގައި ބަލިވެވަޑައިގަތުމަށް ފަހު ސަކޯޒީ ވިދާޅުވީ އޭނާގެ ނާކާމިޔާބީ ގުޅިފައިވަނީ ފަރަންސޭސި އިޤްތިސާދަށް ކުރިމަތިވެފައިވާ ހީނަރުކަން ކަމަށް ދެކެވަޑައިގަންނަވާ ކަމުގައެވެ. އިޤްތިސާދީ ތަތިތައް ތަޙައްމަލްކުރާ އިރު ރައްޔިތުންގެ ވޯޓު ބެހިގެންދާނެ ކަމަށް އެއްބަސްވެ ވަޑައިގަންނަވާ ކަމަށް ސަރކޯޒީ ވިދާޅުވި އެވެ.
މިއާޚިލާފަށް ހޮލާންޑް ވަނީ ދެވަނަބުރު ކާމިޔާބުވާނެ ކަމުގެ ޔަގީންކަން އެބައޮތްކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފަ އެވެ. ހޮލާންޑް ވިދާޅުވީ ފަރަންސޭސި ރިޔާސަތާ އެންމެ ގާތުގައި މިހާރު ހުންނެވީ އޭނާ ކަމަށާއި ދެވަނަބުރު ކާމިޔާބުވާނެ ކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އެބައޮތް ކަމުގަ އެވެ.
ފަރަންސޭސި އިޤްތިސާދަށް ކުރިމަތިވެފައިވާ ހީނަރުކަމުގެ ޒިންމާ ގިނަބަޔަކު އަޅުވަނީ ސަރކޯޒީގެ ބޮލުގަ އެވެ. އިޤްތިސާދު ރަނގަނޅު ކުރުމަށް އޭނާ ގެންގުޅުއް ވަނީ ކާމިޔާބު ސިޔާސަތުތަކެއް ނޫންކަމަށް އިޤްތިސާދީ ތަޖްރިބާކާރުން ވެސް ދެކެއެވެ. (ނޫސްއެޖެންސީތައް)