ފިލްމު "ބޮބީ"އިން 1973ވަނަ އަހަރު ފިލްމީ ދާއިރާއަށް ތަޢާރަފްވި ބަތަލާ ޑިމްޕަލްގެ ފިލްމީ ކެރިއަރުގައި ސިއްކަ ޖެހުނީ ޢުމުރުން ވަރަށް ޅައިރު ކުރި ކައިވެނީގެ ސަބަބުންކަމަށް ބަތަލާމި ވަނީ ބުނެފައެވެ.

ހިންދީ ސިނަމާގެ ފުރަތަމަ ސުޕަ ސްޓާގެ ލަޤަބު ހޯދި ކުރީގެ އެކްޓަރު ރާޖޭޝް ކަންނާއާއި "ބޮބީ"ގެ ބަތަލާ ކައިވެނިކުރީ ފިލްމު ރިލީޒްވުމުގެވެސް ހަ މަސް ކުރިންނެވެ. އޭރު ޑިމްޕަލްގެ އުމުރުން އެންމެ 16 އަހަރެވެ. ޑިމްޕަލްގެ އުމުރަށްވުރެ ދެ ގުނަ ދޮށީ އެކްޓަރު ރާޖޭޝް ކަންނާއާ ކައިވެނިކުރުމަށްފަހު ފިލްމީ ކެރިއަރު ކުރިޔަށް ނުގެންދަން ބަތަލާ ނިންމި ނިންމުމާއެކު އޭރުގެ ގިނަ ޕްރޮޑިއުސަރުން މާޔޫސްކުރުވިއެވެ.

ސަބަބަކީ ފިލްމު "ބޮބީ"ގެ ކާމިޔާބީއަށްފަހު ޑިމްޕަލް ވެގެންދިޔައީ އޭރުގެ ގިނަ ޕްރޮޑިއުސަރުން ބޮޑު އަގެއް ދީފައިނަމަވެސް މަސައްކަތްކުރަން ބޭނުންވި ހަމައެކަނި ބަތަލާއަށްވުމެވެ.

ޑިމްޕަލްގެ ވިސްނުން ބަދަލުކޮށްލަން މަޖުބޫރުވީ ރާޖޭޝް ކަންނާއާއެކު ވޭތުކުރި ދުވަސްތަކުގައި ދެ މީހުންގެ ގުޅުން މާގިނަ ދުވަހު ދެމި ނޯންނާނެކަމުގެ އިހުސާސްކުރެވެން ފެށުމާއެކުއެވެ. ފިލްމީ މެގަޒިންއަކަށް ޑިމްޕަލް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ، ރާޖޭޝް ކަންނާއާއި ކައިވެނިކުރުމަށްފަހު އެކްޓަރުގެ ގެއަށް ވަދެވުނު ދުވަހު އެ ކައިވެނި އެހާ ގިނަ ދުވަހު ދެމިއޮންނާނެކަމާމެދު ހިތުގައި ސުވާލު އުފެދުނުކަމަށެވެ.

ކައިވެންޏަށްފަހު ފިލްމީ ކެރިއަރު ދޫކޮށްލަން ރާޖޭޝް ކަންނާ އޭރު އެދުނުކަމަށްވެސް ޑިމްޕަލްވަނީ މި އިންޓަވިއުގައި ބުނެފައެވެ. އޭރު ބައެއް ޕްރޮޑިއުސަރުން ވަރަށް ބޮޑު އަދަދެއްގެ ފައިސާ ދީފައި ޑިމްޕަލްއާއެކު ފިލްމު ކުޅެން ބޭނުންވިކަމަށާއި ނަމަވެސް އޭރު ލިބުނު އެފަދަ ފުރުސަތުތަކުގެ މުހިއްމުކަން ނުވިސްނޭކަމަށް ޑިމްޕަލްވަނީ ބުނެފައެވެ. ރާޖޭޝް ކަންނާއާއެކު ކުރެވުނު ކައިވެނީގައި މައްސަލަތައް ޖެހެން ފެށުމުން ޑިމްޕަލްވަނީ ކައިވެންޏަށް ލިބުނު ދެ އަންހެންކުދިންނާއެކު 1982ގައި އަމިއްލަ މައިންބަފައިންގެ ގެއަށް ބަދަލުވެފައެވެ. އަދި ހަމަ އެއަހަރު ބަތަލާވަނީ ފިލްމީ ދާއިރާއަށް އެނބުރި ނުކުމެފައެވެ.

ދެ ތަރިންގެ ދެމެދުގައި ޖެހުނު މައްސަލަތަކާއެކުވެސް ރާޖޭޝް ކަންނާ ދުނިޔެ ދޫކުރުމާ ހަމައަށްވެސް ޑިމްޕަލްހުރީ ރާޖޭޝް ކަންނާގެ އަންބެއްގެގޮތުގައެވެ. ދެމީހުން ދުރުވިނަމަވެސް ރާޖޭޝް ކަންނާގެ ދުނިޔޭގައި މުހިއްމު ހުރިހާ ވަގުތުތަކުގައިވެސް ޑިމްޕަލްގެ އެހީތެރިކަމާ އެއްބާރުލުން އެކްޓަރަށް ވަނީ ދީފައެވެ.

ކުރީގެ ފިލްމީ ބަތަލާއިންކަމަށްވާ ޓްވިންކަލް ކަންނާއާއި ރިންކީ ކަންނާގެ މަންމަ ޑިމްޕަލް ދާދިފަހުން ފެނިފައިވާ ފިލްމުތަކުގެތެރޭގައި، "އަ ތާޒްޑޭ"، "ބްރައްމަސްތުރާ"، "ޕަތާން"އަދި ފިލްމު "ތޫ ޖޫތީ މޭން މައްކާރު" ހިމެނެއެވެ. އެމޭޒަން ޕްރައިމްގެ ވެބް ސީރީސް "ތަންޑަވް"އިން 2021ވަނަ އަހަރު ފެނިފައިވާ ބަތަލާ އެންމެ އަވަހަށް ފެންނާނީ ޑިޒްނީ ހޮޓް ސްޓާއިން ރިލީޒްކުރުމަށް ތައްޔާރުވެފައިވާ ސީރީސް "ސާސް، ބަހޫ އޯރް ފްލެމިންގޯ"އިންނެވެ.