26 Apr 2023, 09:37
ދަރްމާ ކުންފުނިން ގެނެސްދޭ ސިދާތް މަލްހޯތްރާގެ ފިލްމު "ޔޮދާ" ރިލީޒްކުރަން ކުރިން ނިންމި ތާރީޚު ބަދަލުކޮށް މިއަހަރުގެ ސެޕްޓެމްބަރު މަހު ފިލްމު ރިލީޒްކުރަން ނިންމައިފިއެވެ.
ކުރިން މި އަހަރުގެ ޖުލައި މަހު ރިލީޒްކުރާގޮތަށް ނިންމި ފިލްމު ރިލީޒްކުރަން ނިންމާފައިވަނީ ސެޕްޓެމްބަރު މަހުގެ 15ވަނަ ދުވަހުއެވެ.
ސިދާތް ލީޑްރޯލް ކުޅޭ މި އެކްޝަން ތްރިލާއިން ސައުތް ސިނަމާގެ ބަތަލާ ރާޝީ ކަންނާ އަދި ބަތަލާ ދިޝާ ޕަޓާނީ ފެންނާނެއެވެ. މި ފިލްމަކީ މި ތިން ތަރިން އެކީގައި ފެންނާނެ ފުރަތަމަ ފިލްމުވެސްމެއެވެ.
ފިލްމު "ޔޮދާ"އަކީ ދަރްމާ ކުންފުނިން ގެނެސްދިން ފިލްމު "ޝޭރްޝާހް"ގެ ކާމިޔާބީއަށް ސިދާތް މިކުންފުންޏާއެކު ސޮއިކުރި ދެވަނަ އެކްޝަން ތްރިލާއެވެ. ސިދާތްއާއެކު ފިލްމުން ފެންނަ ރާޝީ ކަންނާ ދާދިފަހުން ވަނީ އެމޭޒަން ޕްރައިމްގެ ވެބް ސީރީސް "ފަރްޒީ"ގައިވެސް މުހިއްމު ރޯލެއް ކުޅެފައެވެ. މިފިލްމަކީ، ރާޝީ ކަންނާ ދަރްމާ ކުންފުންޏާއެކު ސޮއިކުރި ފުރަތަމަ ފިލްމަށްވެފައި މިކްރޫއިން ފުރުސަތު ލިބުމަކީ ވަރަށް އުފާވިކަމެއްކަމަށް ބަތަލާ ވަނީ ބުނެފައެވެ. "ޔޮދާ"ގައި ބަތަލާ ދިޝާ ޕަޓާނީ ކުޅޭ ރޯލާބެހޭ މައުލޫމާތު ވަނީ ސިއްރުކުރެވިފައެވެ. ނަމަވެސް ދިޝާ އަދި ރާޝީ ފެންނާނީ އެކްޝަން ރޯލްތަކުންކަމަށް ރިޕޯޓުތައް ބުނެއެވެ.
ދަރްމާ ކުންފުނީގެ ފަރާތުން ސާގަރް އަމްބްރޭ ޑައިރެކްޓްކުރާ މި ފިލްމުގެ ޕްރޮޑިއުސަރަކީ އެ ކުންފުނީގެ ކާމިޔާބު ގިނަ ފިލްމުތައް ގެނެސްދިން ޑައިރެކްޓަރު ޝަޝަންކް ހައިތަންއެވެ. އެމޭޒަން ޕްރައިމް ވީޑިއޯއާއި ގުޅިގެން ފިލްމު ޕްރޮޑިއުސްކުރާއިރު މި ފިލްމު ރިލީޒްކުރުމަށްފަހު ފިލްމުގެ ސެޓެލައިޓް ރައިޓްސް އެމޭޒަންއަށް ލިބޭނެއެވެ. ސިދާތް މަލްހޯތްރާ ބެލުންތެރިންނަށް އެންމެފަހުން ފެނިފައިވަނީ މިއަހަރު ޖެނުއަރީ މަހު ނެޓްފްލިކްސްގައި ރިލީޒްކުރި ފިލްމު "މިޝަން މަޖްނޫ"އިންނެވެ.