އަލް މަޝްއަރް ޙައްޖު އެންޑް ޢުމްރާ ގްރޫޕްގެ ހަވާލުގައި ރަމަޟާން މަހު ޢުމްރާއަށް ދިޔަ މީހުން ނުގެންނަން ފްލައިޓް ޗާޓަރު ކުރި ކުންފުނިން ބުނި ނަމަވެސް އަދި މިހާތަނަށް އެފަދަ ނިންމުމެއް ނިންމި ކަމެއް އެނގިފައިނުވާ ކަމަށް އަލް މަޝްއަރް ގްރޫޕުން ބުނެފިއެވެ.

އަލް މަޝްއަރް ގްރޫޕްގެ ހަވާލުގައި ރަމަޟާން މަހު ޢުމްރާއަށް ދިޔަ މީހުން އަނބުރާ ގެނައުމަށް ފްލައިޓް ޗާޓަރު ކުރި ކުންފުންޏަށް ދައްކަންޖެހޭ ފައިސާ ނުދައްކާތީވެ، ޢުމްރާވެރިން ނުގެންނާނެ ކަމަށް ފްލައިޓް ޗާޓަރު ކުރި ޓްރެވަލް ޓު މޯލްޑިވްސްއިން ބުނެފައިވާކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

ބައެއް މީޑިއާތަކާ ހަވާލާދީ ޓްރެވަލް ޓު މޯލްޑިވްސްއިން ބުނެފައިވަނީ، މަޝްއަރް ގްރޫޕްގައި ޢުމްރާއަށް ދިޔަ 146 މީހުންގެ ޓިކެޓް ޚަރަދަށްވާ ފައިސާގެ ތެރެއިން 141،450 ޑޮލަރު އަދި މިހާތަނަށް ލިބިފައިނުވާ ކަމަށެވެ. މިގޮތުން ޢުމްރާ ކުންފުނިން ދިން ޗެކް ބައުންސް ވެފައިވާކަމަށްވެސް ޓްރެވަލް ޓު މޯލްޑިވްސްއިން ވަނީ ބުނެފައެވެ.

އެ ކުންފުނިން ބުނެފައިވަނީ، އަލް މަޝްއަރް ކުންފުނީގެ ހަވާލުގައި ޢުމްރާއަށް ދިޔަ މީހުންގެ ތެރެއިން އަށް މީހަކު މިރޭ ފަތިހު ފުރުމަށް ތާވަލްކޮށްފައި އޮތްއިރު، އަނެއް 138 މީހުން އަންނަ ބްރާސްފަތި ދުވަހު ރާއްޖެ ގެނައުމަށް ތާވަލްކޮށްފައިވާ ކަމަށެވެ. ނަމަވެސް އަދާ ހަމަޔަށް ވެސް ފައިސާ ދެއްކުމުގައި އިހުމާލުވެފައިވާތީވެ، މަޝްއަރް ގްރޫޕްގެ ހަވާލުގައި ޢުމްރާއަށްދިޔަ އެއްވެސް މީހަކު މިހާރު ނުގެންނަ ގޮތަށް ނިންމާފައިވާ ކަމަށް ބައެއް މީޑިއާތަކާ ހަވާލާދީ ޓްރެވަލް ޓު މޯލްޑިވްސްއިން ވަނީ ބުނެފައެވެ.

މި ކަމާއި ގުޅޭގޮތުން ސަން އާ ވާހަކަދައްކަވަމުން އަލް މަޝްއަރް ޙައްޖު އެންޑް ޢުމްރާ ގްރޫޕްގެ މެނޭޖިން ޑިރެކްޓަރު އަލީ ފާރިޝް ވިދާޅުވީ، ޢުމްރާއަށް ދިޔަ މީހުން ނުގެންނަން ފަދަ އެއްވެސް ވާހަކައެއް ފްލައިޓް ޗާޓަރު ކުރި ކުންފުނިން އަދި މިހާތަނަށް އަންގާފައިނުވާކަމަށެވެ. އަދި، އިސްލާމިކް މިނިސްޓްރީން ވެސް މިފަދަ ވާހަކައެއް ހިއްސާކޮށްފައިނުވާ ކަމަށް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

ނަމަވެސް މިކަމާއި ގުޅޭގޮތުން އިތުރު އެއްވެސް މައުލޫމާތެއް ފާރިޝް ވިދާޅެއް ނުވެއެވެ. މިކަމާއި ގުޅޭގޮތުން އިސްލާމިކް މިނިސްޓްރީގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފައެވެ.