އިދިކޮޅު ޕީޕީއެމުން އެ ޕާޓީގެ އޮފީސް ދޮރުމަތީ ހިންގާ ހަރަކާތާ ދެކޮޅަށް ފުލުހުންނަށް ފިޔަވަޅު އަޅަން ދަތިވާ މައިގަނޑު ސަބަބަކީ އެ ހަރަކާތުގައި ގާނޫނާ ޚިލާފު ކަންކަން ނުކުރުން ކަމަށާއި އެ ހަރަކާތްތަކާ ދެކޮޅަށް ފިޔަވަޅެއް ނޭޅޭނެ ކަމަށް އިދިކޮޅު ކޯލިޝަން ހިންގެވުމަށް އިސްކޮށް ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ސިޔާސީ ހަރަކާތްތަކުން އާންމުންނަށް ވާ އުނދަގުލާއި ތަކުލީފު ބޮޑުވެ އެންމެ ފަހުން ވާހަކަދެވެން ފެށީ މާލޭގައި އިދިކޮޅު ޕީޕީއެމުން ކުރަމުން އަންނަ އިހުތިޖާޖުތަކާ ގުޅިގެންނެވެ.

އެގޮތުން ކޮންމެ ރެޔަކުހެން ޕީޕީއެމުގެ ސަޕޯޓަރުން އާޓިފިޝަލް ބީޗު ކުރިމައްޗަށްވާހެން ހުންނަ އެ ޕާޓީގެ އޮފީސް ދޮރުމައްޗަށް އެއްވެ، ޖަލަށްލާފައިވާ އެ ޕާޓީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިނިވަން ކުރުމަށް ގޮވާލައި އަޑު އުފުލައެވެ.

އެހެންވެ، އެ ވަގުތުތަކާ ދިމާކޮށް އެ ސަރަހައްދު ބާރު ބޮޑުވެ، އުޅަނދު ދުއްވުމަށް ވެސް ދަތިވެއެވެ. އެ މަގުން ބަސް ދަތުރު ކުރާއިރު ވެސް ގިނަ އިރުތަކެއް ވަންދެން ނުދެވިފައި އޮންނަން ޖެހެއެވެ.

އެއާ އެކު ފުލުހުން ބުނީ އެ ކަން ނުހުއްޓުވެނީ ގާނޫނުތަކުގައިިވާ ފުށުއެރުންތަކުގެ ސަބަބުންކަމަށެވެ.

މި ކަމާ ގުޅިގެން އަބްދުއްރަހީމް މިރޭ "ސަން"އަށް ވިދާޅުވީ ފުލުހުންނަށް އެ ހަރަކާތް ހުއްޓުވެންވީ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.

އެއީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ތެރެއިން އާންމުންނަށް ދަތިނުވާހެން ޕާޓީ އޮފީސް ދޮރުމަތީ ހިންގާ ހަރަކާތެއް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި، ސިޔާސީ ޕާޓީތަކަކީ ސަރުކާރުން ޚަރަދުކުރާ ބައެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ސިޔާސީ ޕާޓީތަކަކީ ދައުލަތުން ޚަރަދުކޮށްގެން ހިންގާ މުއައްސަސާތަކެއް. އަޅުގަނޑުމެން މި ކުރާ ކަމަކީ އެއްވެސް ހާލެއްގައި ގާނޫނާ ޚިލާފު ކަމެއް ނޫން. މި ކަން މި ކުރަނީ ޕާޓީ އޮފީސް ކުރިމަތީ އެއްވެސް ބަޔަކަށް އުނދަގޫ ނުވާނެހެން،" އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ހަރަކާތް ހުއްޓުވުމަށް ފުލުހުންނަށް ދަތިވަނީ ވެސް ސަބަބުތަކަކާ ގުޅިގެންކަމަށެވެ. އަދި، އެންމެ މުހިންމު ކަމަކީ ގާނޫނާ ޚިލާފު އަމަލެއް ނުހިނގުން ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.

އެ ޕާޓީން މިހާރު އަންނަނީ ސިޔާސީ ހަރަކާތްތައް ވަރުގަދަކުރުމަށް ޓަކައި މަސައްކަތްކުރަމުންނެވެ. ހަ ރޯދަ ނިމުމަށްފަހު ރަސްމީކޮށް އަލުން ސިޔާސީ މަސައްކަތް ފަށާނެ ކަމަށް އޭނާ ވިދާޅުވިއެވެ.