26 Apr 2023, 09:33
ފިލްމުތަކުން ކުޑަ ބްރޭކެއް ނެގުމަށްފަހު މިއަހަރުގެ ޖަނަވަރީ މަހު ތިއޭޓަރުތައް ފުލްވެގެންދިޔައީ އެކްޓަރު ޝާހްރުކް ޚާންގެ ވަރުގަދަ އެކްޝަން ފިލްމު "ޕަތާން"އާއެކުއެވެ.
ބޮކްސް އޮފީހުގައި ފިލްމަށް ލިބުނު އާމްދަނީ 1000ކްރޯޑް ރުޕީސްއަށްވުރެ މައްޗަށް ޖެހިލިއިރު ކުޑަ ދުވަސްކޮޅެއްގެތެރޭގައި އެންމެ ގިނަ އަދަދަކަށް ފައިސާ ލިބުނު ފިލްމުގެ ލަގަބު "ޕަތާން"ވަނީ ހޯދާފައެވެ.
ބެލުންތެރިންނަށް ލިބިގެންދާނެ އަނެއް ހައިރާންކުރުވަނިވި ޚަބަރަކީ މިފިލްމަށް މިހާބޮޑު އާމްދަނީއެއް ލިބުނުއިރު ބޮލީވުޑްގެ ކިންގް ޚާން މި ފިލްމު ކުޅެދިން އަގެވެ. ބޮލީވުޑްގެ އެންމެ އަގުބޮޑު ފިލްމީތަރި, ޔަޝްރާޖް ކުންފުނީގެ ސްޕައި ޔުނިވާސްއަށް މި ފިލްމު ކުޅެދީފައިވަނީ އެއްވެސް އަގަކާނުލައެވެ. އެހެންނަމަވެސް ފިލްމަށް ފައިދާގެ ގޮތުގައި ލިބުނު ޖުމްލަ އާމްދަނީއާއެކު އެންމެ ބޮޑު އާމްދަނީއެއް މި ފިލްމުން ލިބުނީ ޝާހްރުކް ޚާންއަށެވެ.
މީޑިއާ ރިޕޯޓުތަކުން ބުނެފައިވަނީ މި ފިލްމަށް އެއްބަސްވިއިރު ފިލްމަށް ލިބޭ ފައިދާގެ 60 އިންސައްތަ ހިއްސާ ޝާހްރުކަށް ލިބޭގޮތަށް މާކުރިން ދެ ފަރާތުން ވަނީ އެއްބަސްވެފައެވެ. މިގޮތަށް އެއްބަސްވުމަކީ ފަހަކަށްއައިސް ސިނަމާގެ ވިޔަފާރީގައި ވަރަށް އާއްމުކަމެކެވެ. ބައެއް ފިލްމީތަރިން ފިލްމަށް ވަކި އަގެއް ކިޔުމަށްފަހު ފައިދާގެގޮތުގައި ފިލްމަށް ލިބޭ ވިޔަފާރީގެ ވަކި ހިއްސާއެއް ހޯދާއިރު އަނެއްބައި ތަރިންނާ ޕްރޮޑިއުސަރުންނާ ދެމެދު އޮންނަ ގާތްކަމާއެކު ފިލްމު ހިލޭ ކުޅެދީފައިވެސް އެބަހުއްޓެވެ. މިއީ ފިލްމީ ތަރިންގެ ކެރިއަރުގައި ނަގާ ބޮޑު ރިސްކެއްކަމަށް ބައެއް ފަރާތްތަކުން ދުށްނަމަވެސް ޝާހްރުކް ޚާން މިފަހަރު ނެގި ރިސްކުން އެކްޓަރަށް 200 ކްރޯޑް ރުޕީސްގެ ފައިދާއެއް ވެފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.
ބަތަލާ ދިޕިކާ ޕަޑުކޯންއާއި ޖޯން އަބްރަހަމް މުހިއްމު ރޯލްއިން ފެނިގެންދިޔަ ވަރުގަދަ ތްރިލާ ފިލްމަކީ 270 ރުޕީސްގެ ބަޖެޓަކުން އުފެއްދި ފިލްމެއްކަމަށް ފިލްމީ ރިޕޯޓުތަކުން ވަނީ ބުނެފައެވެ. އެހެންނަމަވެސް ފިލްމަށް ހަމައެކަނި އިންޑިއާއިން 545 ކްރޯޑް ރުޕީސްގެ އާމްދަނީ ލިބިފައިވާއިރު ބޭރު ޤައުމުތަކުގައި ފިލްމު އަޅުވައިގެން ލިބުނު އާމްދަނީގެ އަދަދު396.02 ކްރޯޑް ރުޕީސްއަށް އަރައެވެ. މީގެއިތުރުން ޑިޖިޓަލް ޕްލެޓްފޯމްތަކަށް ފިލްމު ދެއްކުމުގެ ހުއްދައާއެކު މިފިލްމުގެ މިއުޒިކް ރައިޓްސްއާއެކު ލިބުނު ޖުމްލަ އާމްދަނީގެ އަދަދު 1050.3ކްރޯޑް ރުޕީސް (130މިލިއަން އެމެރިކާ ޑޮލަރު) އަށް ވަނީ އަރަފާއެވެ.
ފިލްމު "ޕަތާން"އަށް ލިބުނު ކާމިޔާބީއާއެކު ވައިއާރްއެފް ސްޕައި ޔުނިވާސްއިން ވަނީ "ޓައިގާ ވާސަސް ޕަތާން"ގެ ނަމުގައި ފިލްމެއް އުފައްދަން ނިންމާފައެވެ. ސަލްމާން ޚާންއާއި ޝާހްރުކް ޚާންގެ ކުރިމަތިލުންތަކެއް ފެންނާނެ މި ފިލްމު ރިލީޒްކުރަން ނިންމާފައިވަނީ 2025ވަނަ އަހަރުއެވެ.