ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބާރު ސްޕީޑުގައި ދުއްވައިފައިދިޔަ ދެ ސައިކަލެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

މި ހާދިސާގެ މައުލޫމާތު "ސަން"އާ ހިއްސާކުރަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މި ހާދިސާގައި ދެ މީހަކަށް އަނިޔާވެ ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަކަމަށެވެ.

ނަމަވެސް އަދި އެ މީހުންގެ ހާލަތާ ގުޅޭ މައުލޫމާތު ލިބިފައެއް ނުވެއެވެ.

ފުލުހުން ބުނީ އެ އެކްސިޑެންޓު ހިނގައިގެން އެ ކަމުގެ ރިޕޯޓު ފުލުހުންނަށް ލިބުނީ މިރޭ 10:15ހާއިރު ކަމަށެވެ. އެކްސިޑެންޓު ހިނގީ އެޗް ފަހެއް ޓަވަރު ކައިރީގައެވެ.

އެއާ އެކު އެ މައްސަލައާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުން އަންނަކަމަށް ފުލުހުން ބުންޏެވެ.

މީގެ ދެ ދުވަސް ކުރިން ވެސް ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިތިގަސްމަގުގައި އެމްޕީއެލް ފްލެޓުތައް ކައިރިން ކާރަކާއި ސައިކަލެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގިއެވެ.

ފާއިތުވި ރަމަޟާން މަހުގެ ތަފާސް ހިސާބުތަކަށް ބަލައިނަމަ ފުރަތަމަ 15ގެ ތެރޭ އެކަނި ވެސް މާލޭ ސަރަހައްދުގައި 170އަށްވުރެ ގިނަ އެކްސިޑެންޓު ހިނގިކަމަށް ފުލުހުން ބުންޏެވެ.

ނުރައްކާތެރި އެކްސިޑެންޓުތައް ހިނގުން އާންމުވެފައިވާއިރު ފުލުހުން އަންނަނީ ވެހިކަލް ކޮންޓްރޯލުކުރެވޭ ދުވެއްޔެއްގައި ދުއްވުމަށް އާންމުންނަށް އިލްތިމާސްކުރަމުންނެވެ. އަދި، ވެހިކަލް ދުއްވަން ބޭނުންކުރުމުގެ ކުރިން އެއްވެސް މެކޭނިކަލް މައްސަލައެއް ނެތްތޯ ޔަގީންކުރުމަށް ފަހު ބޭނުންކުރުމަށް ވެސް ފުލުހުން އިލްތިމާސްކުރެއެވެ.

ހަމައެހެންމެ، ޓްރެފިކް ގަވައިދުތަކާ އެއްގޮތަށް ދުއްވުމަށް ވެސް ފުލުހުން އަންނަނީ ނަސޭހަތްތެރިވަމުންނެވެ.