25 Apr 2023, 22:50
އެންމެ މަތީ ފަންތީގެ ދަތުރުތަކަށް ޚާއްސަ، ދުނިޔޭގެ ފުރަތަމަ ލަގްޒަރީ އެއާލައިނުގެ ޚިދުމަތް ފެށުމަށް ތައްޔާރުވަމުންދާ ބިއޯންޑް އެއަރލައިނުން ކެބިން ކުރޫން ނެގުމަށް މާދަމާ އޯޕަންޑޭއެއް ބޭއްވުމަށް ނިންމައިފިއެވެ.
ބިއޯންޑް އެއާލައިނުން ކެބިން ކުރޫ އޯޕަންޑޭ ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނު 09:00 – 15:00 އަށް އެސްޓީއޯ ޓްރޭޑް ސެންޓަރުގެ ހަތަރުވަނަ ފަންގިފިލާގައެވެ.
ބިއޯންޑް އެއާލައިނުން ވަނީ ކެބިން ކުރޫގެ ވަޒީފާއަށް ޝައުގުވެރިކަން ހުންނަ ޒުވާނުނަށް މި އޯޕަންޑޭއަށް އައުމަށް ދައުވަތު އަރުވާފައެވެ.
ބިއޯންޑް އެއާލައިނަކީ ރާއްޖޭގެ މަޝްހޫރު ވިޔަފާރި ކުންފުނި ސިމްޑީ ކުންފުންޏާއި، އަދި އެ ކުންފުންޏާ އެކު މަސައްކަތްކުރަމުންދާ ޔޫއޭއީގެ އަރަބެސްކް ގުޅިގެން އުފައްދާފައިވާ އެއާލައިނެކެވެ. އަރަބެސްކް ކުންފުންޏަކީ، އޭވިއޭޝަން ދާއިރާގެ ގިނަ ތަޖުރިބާތަކެއް ހުރި އިންވެސްޓުމެންޓް ކުންފުންޏެކެވެ.

އަރަބެސްކްއާ އެކު ރާއްޖޭގެ ސިމްޑީ ކުންފުނިން ޗުއްޓީ ދަތުރުތަކަށް އަލަށް ތައާރަފުކުރާ ހާއްސަ ލަގްޒަރީ އެއާލައިނާ އެކު، 200 އެއްހާ ވަޒީފާ އުފެދޭނެ ކަމަށް މީގެ ކުރިން ބިއޯންޑް ސިމްޑީ އޮޕަރޭޝަންސްގެ ސީއީއޯ ޓީރޯ ޓަސްކިލާ ވަނީ ވިދާޅުވެފައެވެ.
ދިގު ދަތުރުތަކަށް ހާއްސަކޮށް އޮޕަރޭޓްކުރުމަށް ތައްޔާރުވަމުން އަންނަ އެ އެއާލައިނުން ޔޫރަޕާއި އޭޝިއާ އާއި އޮސްޓްރޭލިއާ އަދި އެފްރިކާ ބައްރުގެ ގިނަ ގައުމުތަކަކަށް ދަތުރު ކުރާނެ ކަމަށް ބިއޯންޑް އިން ބުނެއެވެ. މި އެއާލައިނުން ޖުމްލަ 60 މަންޒިލަކަށް ދަތުރުކުރާނެއެވެ.