ސްޕެއިންގެ ބާސެލޯނާގައި މިހާރު ކުރިއަށްދާ ދުނިޔޭގެ އެންމެ ބޮޑު އެއް ސީފުޑް ފެއާގައި ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ކުންފުނިތަކުން ބައިވެރިވެއްޖެއެވެ.

ބާސެލޯނާގައި މިއަދު ފެށި ގްލޯބަލް ސީފުޑް މާކެޓް ޕްލޭސްއަކީ ކަނޑުމަހުގެ ވިޔަފާރިކުރާ ކުންފުނިތަކާއި، ކަނޑުމަހުގެ ބާވަތްތައް ގަންނަ ކުންފުނިތައް އެއްތަނަކުން ބައްދަލުވެ، އާ އުފެއްދުންތައް އެއްބަޔަކު އަނެއްބަޔަކާއި ހިއްސާކޮށް ވިޔަފާރިތައް ކުރިއެރުވުމުގެ މަޤްސަދުގައި ބާއްވާ އެކްސްޕޯއެކެވެ.

މި ފަހަރުގެ އެކްސްޕޯގައި ރާއްޖޭގެ މަސްވެރިކަމާއި ބެހޭ ވުޒާރާގެ އިތުރުން ޤައުމީ މަސްކުންފުނި މިފްކޯ އާއި މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ އަމިއްލަ ބައެއް ކުންފުނިތަކުން ވަނީ ބައިވެރިވެފައެވެ.

މި ފެއާގައި ބައިވެރިވި ރާއްޖޭގެ ކުންފުނިތަކުން، ދިވެހި ކަނޑުމަސް އިސްތިހާރުކުރުމަށް މިފަހަރު ވެސް ބޭނުންކުރަނީ މިދިޔަ ފަހަރު ބޭނުންކުރި ހަތަރު ޝިޔާރެވެ. އެއީ ތިމާވެއްޓާއި ރައްޓެހި ގޮތަށް ކުރާ މަސްވެރިކަމާއި، ދޮށީގައި ފަހަރަކު މަހެއް ބާނާ މަސްވެރިކަމާއި، ތެލުގެ ހަރަދު ކުޑަ މަސްވެރިކަމުގެ އިތުރުން ހުރިހާ މަސްވެރިންނަށް ވެސް އެއްހަމައަކުން މަންފާ ލިބިދޭ ގޮތަށް ކުރާ މަސްވެރިކަމެވެ.

ބާސެލޯނާގައި ކުރިއަށްދާ ސީފުޑް އެކްސްޕޯގައި ބަހައްޓާފައިހުރި މިފްކޯގެ ސްޓޭންޑް--- ފޮޓޯ/މިފްކޯ

މި ފަހަރުގެ ފެއާގައި މިފްކޯއިން ވަނީ އެކުންފުނިން ވިއްކާ ދަޅުމަހާއި އިތުރު އުފެއްދުންތައް ފެއާއަށް ޒިޔާރަތްކުރާ ފަރާތްތަކަށް ދައްކާލުމަށް ބަހައްޓާފައެވެ. މީގެ އިތުރުން ފެއާއަށް ޒިޔާރަތްކުރާ މީހުނަށް މިފްކޯގެ އުފެއްދުންތައް ރަހަބަލައި ތަޖުރިބާކޮށްލުމުގެ ފުރުސަތު ދެމުންދާކަމަށް މިފްކޯއިން ބުނެއެވެ.

ބާސެލޯނާގައި މިއަދު ފެށި ގްލޯބަލް ސީފުޑް ފެއާ ގައި 160 ޤައުމަކުން މަސްވެރިކަމުގެ ވިޔަފާރީގައި ހަރަކާތްތެރިވާ ގިނަ އަދަދެއްގެ ކުންފުނިތަކުން ބައިވެރިވެއެވެ. މި ފެއާ ކުރިއަށްދާނީ މިމަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށެވެ.