ޗާގޯސް މައްސަލަ: މޮރިޝަސްގެ ނޫސްތަކުގައި ތުހުމަތުތަކެއް
ޗާގޯސް މައްސަލަ: މޮރިޝަސްގެ ނޫސްތަކުގައި ތުހުމަތުތަކެއް

ޗާގޯސް އައިލޭންޑްސްގެ މައްސަލައިގައި ރާއްޖެއިން ވަކާލާތު ކުރަމުން އައި ގޮތް ކުއްލިއަކަށް މޮރިޝަސްއާ އެއްކޮޅަށް ދިވެހި ސަރުކާރުން ބަދަލުކުރުމާ އެކު އެ ނިންމުމުގައި ގޮތް ނޭނގޭ މުއާމަލާތްތަކެއްގެ ހިނގައިފައިވާކަމުގެ ތުހުމަތު މޮރިޝަސްގެ ނޫސްތަކުގައި ކޮށްފިއެވެ.

ރާއްޖޭގެ ނިންމުން ބަދަލުކުރުމާ ގުޅިގެން މޮރިޝަސްގެ ބައެއް ނޫސްތަކުގައި ވަނީ އިދިކޮޅު ބައެއް މަޖިލިސް މެމްބަރުންގެ ބަސް ހިމަނައިގެން ރިޕޯޓުކޮށްފައެވެ.

އެ ރިޕޯޓުތަކުގައިވާ ގޮތުން މި ނިންމުމަކީ މި ވަގުތު ރާއްޖޭގެ ރައްޔިތުން ވެސް އެންމެ ބޮޑު ސަމާލުކަމެއް ދީފައިވާ މައްސަލައެވެ.

"އަޅުގަނޑުމެން ވަރަށް ބޮޑަށް ތުހުމަތުކުރަން މި ނިންމުން ބަދަލުކުރުމުގައި [މޮރިޝަސްއާ އެއްކޮޅަށް ރާއްޖެއިން އެރުމުގައި] ވަރަށް ބޮޑެތި އޮޅުވައިލުންތަކެއް ހުރިކަމަށް. މި ނިންމުން ސަރުކާރުން ނިންމި އިރު ހަމަގައިމު ވެސް މަޖިލީހުގައި ބަހުސްކުރެވިފައެއް ނުވޭ. މި ކަންވީ ރާއްޖޭގެ ގިނަ ރައްޔިތުންނަށް ބޮޑު ޝޮކަކަށް،" މޮރިޝަސްގެލެ ޑެފީމީޑިއާ ގްރޫޕަށް އިދިކޮޅު ޕީއެންސީގެ ޕީޖީ ލީޑަރު އާދަމް ޝަރީފް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވިއެވެ.

މި މައްސަލައިގައި ތުހުމަތު ކުރެވެނީ 500 މިލިއަން އެމެރިކާ ޑޮލަރުގެ ސިއްރު އެއްބަސްވުންތަކެއް ވެފައިވާކަމަށްކަން ވެސް އެ ނޫހުގައި ރިޕޯޓުކޮށްފައިވެއެވެ.

އަދި, އިދިކޮޅުގެ ޕާލިމަންޓަރީ ގްރޫޕާ ހަވާލާދީ ލިޔެފައިވާ ގޮތުގައި މިއީ ރާއްޖެއަށް 150 މޭލަށްވުރެ ބޮޑު ކަނޑާއި ވައިގެ އިތުރުން ކަނޑު އަޑީގެ ސަރަހައްދެއް ގެއްލޭނެ ކަމެކެވެ. މިއީ އަންނަ ހުކުރު ދުވަހު އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)ގައި ނިންމާނެ ނިންމުމަށް ވަރަށް ބޮޑަށް އަސަރުކުރާނެ ކަމެއްކަމަށް ވެސް ބުނެފައިވެއެވެ.

އެކަމަކު، ދިވެހި ސަރުކާރުން ވަނީ އެ ތުހުމަތުތައް ދޮގުކޮށްފައެވެ. ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދާ "ސަން"އިން ސުވާލުކޮށްލުމުން އޭނާ ވިދާޅުވީ ދައުރުވަމުން އައި ސިޓީއަކީ އަސްލެއް ނޫންކަމަށެވެ.

"އެއީ ފޭކެއް. އޭގެ ފޯމެޓު ވެސް ގޯސް. އަދި ވަރަށް ގިނަ ކަންކަން އެބަހުރި ގޯސްކޮށް،" މިއުވާން ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ ސަރުކާރުން ތަކުރާރުކޮށް ފާހަގަކުރާ ގޮތަށް ސަރުކާރުގެ ނިންމުން ބަދަލުކުރުމުގައި އެއްވެސް ގޮތް ނޭނގޭ ގުޅުމެއް ނުހިނގާކަމަށެވެ. އަދި، ތުހުމަތުތަކުގައި އެއްވެސް ބުރަދަނެއް ނެތްކަމަށެވެ.

ޗާގޯސް މައްސަލައާ ގުޅިގެން ސަރުކާރުން މޮރިޝަސްއަށް ފޮނުވި ސިޓީ ހާމަކުރަން ގޮވާލައި އިދިކޮޅުން ހުށަހެޅި ކުއްލި މައްސަލައެއް ވެސް އިއްޔެ ރައްޔިތުންގެ މަޖިލީހަށް ބަލައިގަތުމަށް ފާސްކޮށްފައިވެއެވެ.

މި މައްސަލައާ ގުޅިގެން މިދިޔަ އޮކްޓޯބަރު މަހު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ ޗާގޯސްގެ މައްސަލަ އާއި އެނޫންވެސް ޚާރިޖީ ދާއިރާއާ ގުޅޭ ކަމެއްގައި، ރާއްޖޭގެ ސިޔާދަތީ މިނިވަންކަމަށް ގެއްލުމެއް ލިބޭ ފަދަ ނިންމުމެއް މި ސަރުކާރަކުން މިހާތަނަށް ނިންމާފައި ނުވާނެ ކަމަށެވެ

މީގެ އިތުރުން ޗާގޯސްއާއި ދިވެހިރާއްޖެއާ ދެމެދުގައި ފުށުއަރާ މައްސަލަ ހައްލުކުރުމަށް މި ސަރުކާރުން މަސައްކަތް ކުރަމުން ދަނީ ބައިނަލްއަގުވާމީ ޓްރައިބިއުނަލެއްގައި ކަމަށާއި، ވަކި ސަރުކާރަކާ އެކީ މި ވާހަކަތައް ކުރިއަށް ނުގެންދާކަމަށް ރައީސް ވިދާޅުވެފައިވެއެވެ. އަދި މޮރިޝަސް ސަރުކާރުން އިޓްލޮސްއަށް ހުށަހަޅާފައި އޮތް މައްސަލައިގައިވެސް، މި ސަރުކާރުން އަންނަނީ ދިވެހިރާއްޖޭގެ އެންމެ މަތީ މަޞްލަޙަތު ޙިމާޔަތް ކުރަމުންކަމަށް ވެސް ރައީސް ވިދާޅުވެފައިވެއެވެ.

އެޓާނީ ޖެނެރަލް އޮފީހުން މީގެ ކުރިން ބުނެފައި ވަނީ، އެ މައްސަލައާ ގުޅުން ހުރި ކަމެއްގެ ގޮތުގައި މި ސަރުކާރުން ބަދަލު ގެނެސްފައި ވަނީ ޗާގޯސްގެ މިނިވަންކަމާމެދު ރާއްޖޭގެ ނިންމުން ކަމަށެވެ. އެގޮތުން ޗާގޯސް އިސްތިއުމާރުކޮށްގެން ތިބި ތިބުމާ ދެކޮޅަށް އދ.ގައި ރާއްޖެއިން ވޯޓު ދިނުމަށް ނިންމާފައިވާ ކަމަށް އެ އޮފީހުން ބުންޏެވެ. އަދި ރައީސްގެ ސިޓީފުޅުން އެންގެވި ކަމަކީ އެއީ ކަމަށް ވެސް އެ އޮފީހުން ބުނެފައިވެއެވެ.