25 Apr 2023, 21:46
ދުބާއީގައި މިހާރު ކުރިއަށްދާ ބެޑްމިންޓަން އޭޝިއާ ޗެމްޕިއަންޝިޕްގެ ގަދަ 32 އިން ރާއްޖޭގެ ޒަޔާން ޒަކީ ޖާގަ ހޯދައިފިއެވެ.
އޭޝިއާ ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ފަސް ކުޅުންތެރިން ވާދަކުރެއެވެ. އެއީ ޒަޔާން ޒަކީގެ އިތުރުން ނިބާލް އަހުމަދާއި މުހައްމަދު އަޖުފާނާއި ފާތިމަތު ނަބާހާ އަދި އާނިމަތު ނަބީހާއެވެ.
ސިންގަލްސްގެ "ގްރޫޕު އޭ" ގައި ޒަޔާން މިއަދު ކުޅުނު ދެ މެޗު ވެސް އޭނާ ވަނީ ކާމިޔާބުކޮށްފައެވެ. އެ ދެ މެޗު ވެސް އޭނާ ގެންދިޔައީ ސީދާ ދެ ސެޓުންނެވެ. އެ ގްރޫޕުން ގަދަ 32 ގެ ޖާގަ ހޯދީ ޒަޔާނެވެ.
ގްރޫޕު ސްޓޭޖުގެ ފުރަތަމަ މެޗުގައި ބުރުނާއީގެ ކާ ކިޓް ކާން އަތުން ޒަޔާން މޮޅުވީ 8-21 އަދި 4-21 އިންނެވެ. އަދި ދެވަނަ މެޗުގައި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ މުހައްމަދު ފަލަމަރަޒީ އަތުން މޮޅުވީ 5-21 އަދި 5-21 އިންނެވެ.
ޒަޔާން ވަނީ ނަބާހާއާއެކު "ގްރޫޕު އޭ" ގެ މިކްސް ޑަބަލްސްގައި ވެސް ވާދަކޮށްފައެވެ. ނަމަވެސް އެ މެޗުގައި ރާއްޖޭގެ ޕެއާ ވަނީ ސްރީލަންކާގެ ޗަމަތު ޑިއާސް އާއި ނަތާޝާ ގުނަސޭކަރާ އަތުން ބަލިވެފައެވެ.
މިކްސް ޑަބަލްސްގެ އިތުރުން ޑަބަލްސް އިވެންޓުތަކުގައި ވެސް ރާއްޖޭގެ ކުޅުންތެރިން މިއަދު ވާދަކުރިއެވެ. ނަމަވެސް އެ އިވެންޓުތަކުން ގަދަ 32 އަށް ކޮލިފައިވެވޭ ގޮތް ވެފައެއް ނުވެއެވެ.
މިއަދުން ފެށިގެން މިމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ އޭޝިއާ ޗެމްޕިއަންޝިޕްގެ ގަދަ 32 ގައި ޒަޔާން ނުކުންނަން ޖެހޭނީ ޖޯޑަންގެ ކުޅުންތެރިޔަކާ ދެކޮޅަށެވެ. އެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާއެވެ.