25 Apr 2023, 21:11
ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް (އެޗްއައިސީޑީޕީ)ގެ ދަށުން ކުރިއަށް ގެންދާ ތިން މަޝްރޫޢެއް ހިންގުމަށް ހިލޭ އެހީގެ ގޮތުގައި ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން ދިވެހި ސަރުކާރަށް 2.73 މިލިއަން ރުފިޔާ ހަދިޔާކޮށްފިއެވެ.
މި ފައިސާ ބޭނުން ކުރެވިގެންދާނީ ގދ. ގައްދޫގައި "ސްޕޯޓްސް ކޮމްޕްލެކްސް" ޤާއިމުކުރުމުގެ މަސައްކަތް ފެށުމަށާއި، ގދ. ތިނަދޫ އަބޫބަކުރު ސްކޫލާއި ލ. ގަން ޅައްދޫ ސްކޫލް އަދި، ހއ އަތޮޅު ތަޢުލީމީ މަރުކަޒުގައި އިންކްލޫސިވް އެޑިއުކޭޝަން ސަޕޯޓް (އައިއީއެސް) ޔުނިޓްތަކުގެ މަސައްކަތް އަވަސް ކުރުމަށެވެ.
މީގެ އިތުރުން ތ. ވޭމަންޑޫގައި 100 މަގުބައްތި ހަރުކުރުމުގެ މަސައްކަތުގެ އެންމެ ފަހުގެ މަރުހަލާ ނިންމުމަށް ވެސް މި ފައިސާ ބޭނުންކުރެވޭނެއެވެ.
ގދ. ގައްދޫގައި "ސްޕޯޓްސް ކޮމްޕްލެކްސް" ޤާއިމުކުރުމުގެ މަޝްރޫޢުގެ އަމާޒަކީ ރައްޔިތުންނަށް އެކަށީގެންވާ އަދި ދެމެހެއްޓެނިވި ގޮތުގައި މުނިފޫހިފިލުވުމާއި ކުޅިވަރާއި ތަމުރީނާއި ދުޅަހެޔޮކަމުގެ ވަސީލަތްތައް ޤާއިމްވެފައިވާ ބައިނަލްއަޤްވާމީ ފެންވަރުގެ މަލްޓި ޕާޕަސް ސްޕޯޓްސް ކޮމްޕްލެކްސްއެއް ބިނާކޮށްދިނުމެވެ. އަދި، އެ ތަނުގެ ސަބަބުން ޒުވާނުން ބާރުވެރިކުރުވައި މުޖުތަމައުގެ ކުރިއެރުމަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.
މި މަޝްރޫއަށް އިންޑިއާއިން ދީފައިވާ ހިލޭ އެހީ 6.5 މިލިއަން ރުފިޔާއަށް އަރައެވެ.
އަބޫބަކުރު ސްކޫލް، ޅައްދޫ ސްކޫލް އަދި ހއ އަތޮޅު ތަޢުލީމީ މަރުކަޒުގައި އިންކްލޫސިވް އެޑިއުކޭޝަން ސަޕޯޓް ޔުނިޓްތައް ހަރުދަނާކުރުމުގެ މަޝްރޫޢުގެ އަމާޒަކީ އައިއީއެސް ޔުނިޓްތަކުގެ ކެޕޭސިޓީ އާއި އިންފްރާސްޓްރަކްޗާ ތަރައްގީކުރުމާއި ކިޔަވައިދިނުމާއި އުނގެނުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމެވެ.
މި މަޝްރޫޢުގެ ޖުމްލަ އަގަކީ 4.64 މިލިއަން ރުފިޔާއެވެ.

އެޗްއައިސީޑީޕީގެ ދަށުން ކުރިއަށް ގެންދާ ތިން މަޝްރޫޢު ހިންގުމަށް ހިލޭ އެހީގެ ގޮތުގައި ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން ދިވެހި ސަރުކާރަށް 2.73 މިލިއަން ރުފިޔާ ހަދިޔާކޮށްފި -- ފޮޓޯ/ އިންޑިއަން ހައި ކޮމިޝަން
ތ. ވޭމަންޑޫގައި 100 މަގުބައްތި ހަރުކުރުމުގެ މަޝްރޫޢުގެ ދަށުން ކަރަންޓު ބޭނުންކުރާ މިންވަރު ކުޑަކޮށް، މެއިންޓެނެންސް ޚަރަދު ވެސް ކުޑަކޮށް، ރަށުގެ މަގުބައްތި ޖެހުމުގެ ރަނގަޅު ނިޒާމެއް ޤާއިމުކޮށްދޭނެއެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަރައްޤީގެ 18 މަޝްރޫޢެއް ހިންގުމަށް އެހީތެރިވުމުގެ ގޮތުން އިންޑިއާއިން ވަނީ 106 މިލިއަން ރުފިޔާގެ ހިލޭ އެހީ ދީފައެވެ.
އެގޮތުން މި 46 ހިލޭ އެހީގެ މަޝްރޫއުގެ ތެރެއިން ޖުމްލަ 21 މަޝްރޫއެއް ނިންމައި އިފްތިތާހުކޮށް، އިތުރު ފަސް ޕްރޮޖެކްޓެއް އިފްތިތާޙު ކުރުމަށް ތައްޔާރީތައް ވަމުން އަންނަ އިރު އޭގެ ތެރޭގައި އައްޑޫގެ އިކޯ ޓޫރިޒަމް ޒޯންތަކާއި، ހއ. ހޯރަފުށީގައި ޤާއިމްކުރެވުނު ފެން ބަންދު ކުރާ ޕްލާންޓް އަދި ތ. ވޭމަންޑޫ މަގުބައްތި ޖެހުމުގެ މަޝްރޫއު ހިމެނެއެވެ.
ހައި އިމްޕެކްޓް ޕްރޮޖެކްޓްތަކަކީ އިންޑިއާއާއި ރާއްޖެއާ ދެމެދު އޮންނަ ހަރުދަނާ ތަރައްޤީގެ ގުޅުމުގެ މުހިންމު ބައެކެވެ. މި މަޝްރޫޢުތަކަކީ ރަށްރަށުގެ މުޖުތަމަޢުތަކުގެ ބޭނުންތަކަށް އަމާޒުކޮށްގެން ހިންގާ މަޝްރޫޢުތަކެކެވެ.