25 Apr 2023, 18:02
"ހަސަން ކުރުސީ" ގެ ނަމުގައި ހިންގާ ޓްވިޓާ އެކައުންޓުގެ މައްސަލަ ބަލަން ފުލުހުން ތަހުގީގު ފަށައިފިއެވެ.
"ހަސަން ކުރުސީ"ގެ ނަމުގައި ހިންގާ ޓްވީޓާ އެކައުންޓުގެ ސަބަބުން އެމަނިކުފާނަށް އިންތިހާއަށް ގެއްލުން ލިބެމުންދާ ކަމަށް ވިދާޅުވެ، އެއީ ކާކުތޯ ބަލައިދިނުމަށް އެދި ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ފުލުހުންނަށް ސިޓީ ފޮނުއްވީ މިމަހުގެ 17 ވަނަ ދުވަހުގައެވެ.
ރައީސް ނަޝީދު ހުށަހެޅުއްވި އެ މައްސަލައާބެހޭ ގޮތުން "ސަން" އިން ސުވުލުކުރުމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ "ހަސަން ކުރުސީ" ގެ ނަމުގައި ހިންގާ ޓްވިޓާ އެކައުންޓުގެ މައްސަލަ ބަލައިދިނުމަށް އެދި ނަޝީދު ހުށަހެޅުއްވި މައްސަލައިގެ ތަހުގީގު ފަށައިގެން ކުރިއަށްދާ ކަމަށެވެ.
"ހަސަން ކުރުސީ"ގެ ނަމުގައި ހިންގާ ޓްވިޓާ އެކައުންޓުގެ މައްސަލަ ބަލައިދިނުމަށް ހުށަހެޅި މައްސަލައިގެ ތަހުގީގު ފަށައިގެން މިހާރު ކުރިއަށް ދަނީ. އިތުރު މައުލޫމާތު މިވަގުތު ހާމަ ކުރެވެން ނެތް،" މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
އެ މައްސަލަ ބަލައިދިނުމަށް އެދި ފުލުސް ކޮމިޝަނަރު މުޙައްމަދު ހަމީދަށް ރައީސް ނަޝީދު ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ "ހަސަން ކުރުސީ"ގެ ނަމުގައި ހިންގަމުން އަންނަ ޓުވިޓާ އެކައުންޓަކީ އެމަނިކުފާނުގެ އެކައުންޓެއް ކަމަށް ބައެއް ފަރާތްތަކަށް ހީކުރެވި އެތައް އޮޅުންތަކެއް އަރާފައިވާ ކަމަށެވެ. އަދި އެ އެކައުންޓުގެ ސަބަބުން އެ މަނިކުފާނަށް އިންތިހާއަށް ގެއްލުން ލިބެމުންދާ ކަމަށް ސިޓީގައިވެއެވެ.
ރައީސް ނަޝީދު މީގެ ކުރިން ވެސް ވަނީ އޭނާ އަކީ "ހަސަން ކުރުސީ" ނޫން ކަމަށް ވިދާޅުވެފައިވެއެވެ. ނަމަވެސް އެ އެކައުންޓް ހިންގަމުންދަނީ އެމަނިކުފާނު ކަމަށް ގިނަ ގިނަ ބަޔަކު ތުހުމަތު ކުރެއެވެ.
ރައީސް ނަޝީދު ވިދާޅުވެފައިވާ ގޮތުގައި ހަސަން ކުރުސީއަކީ އެމަނިކުފާނު ލިޔާ ބައެއް ލިޔުންތަކުގެ ހަގީގީ، ޚިޔާލީ ޝަހުސިއްޔަތެކެވެ. އަދި ހަސަން ކުރުސީއަކީ އެމަނިކުފާނުގެ ތޮބިއްޔަތު ބަޔާން ނުކޮށްދޭ ޝަހުސިއްޔަތެއްކަން ދަންނަވަން އުނދަގޫ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.