އޮންލައިންކޮށް ޓީޗިން ކޯސްތައް ހިންގުން މަނާވާ ގޮތަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިއުއޭ) އިން އެކުލަވައިލި "އީ-ލާނިން ގައިޑްލައިން"އަށް އަމަލުކުރުން ފަސްކުރުމުގެ ވަގުތީ އަމުރެއް ހައިކޯޓުން ނެރެފިއެވެ.

ހައިކޯޓުން އެ ގޮތަށް އަމުރުކުރީ، އެމްކިއުއޭގެ ގައިޑްލައިނަކީ ގާނޫނުއަސާސީން ގަވާއިދު ހެދުމަށް ދައުލަތުގެ އިދާރާތަކަށް ދީފައިވާ ބާރުގެ ބޭރުން، ގާނޫނުން މަންދުކޮލެޖު ހިންގާ މާލެ ހައި ޕްރައިވެޓް ލިމިޓެޑަށް ފަހިކޮށްދޭ ހައްގުތަކާއި މިނިވަންކަމާއި ކަށަވަރުކޮށްދޭ ގާނޫނުގެ ރައްކާތެރިކަން ނިގުޅައިގަންނަ ގޮތަށް ހަދައިފައިވާ ގައިޑްލައިނެއް ކަމަށް ބުނެ އެ ކުންފުނިން ހުށަހަޅައިފައިވާ މައްސަލައެއްގައެވެ. އެ މައްސަލައިގައި އެ ކުންފުނިން ވަނީ އެ ގައިޑްލައިން ބާތިލުކޮށްދިނުމަށް އެދިފައެވެ.

އެ ކުންފުނިން ކުރި ދައުވާގައި މަންދު ކޮލެޖުގެ ވާޗުއަލް ކެމްޕަސްގައި ޓީޗިން ދާއިރާގެ ކޯސްތަކުގައި އެންރޯލްވާން އެދޭ ދަރިވަރުންނަށް އެ ކަމުގެ ހުއްދަތައް ދެމުން ގެންދިއުމަށް އަމުރުކޮށްދިނުމަށް އެދިފައިވެއެެވެ. އަދި އެ ކޮލެޖުގެ އީ-ލާނިން މޮޑަލިޓީގައި ހިންގުމަށް މިހާތަނަށް ދީފައިވާ ހުއްދައެއް ބާތިލުނުވެ، އެ ކަން ކުރެވޭނެ ކަމަށް އަމުރުކޮށްދެއްވުމަށް ވެސް ވަނީ އެދިފައެވެ.

އެ ގޮތަށް ވަގުތީ އަމުރެއް ނުނެރެފިނަމަ، ވާނެ ގެއްލުންތައް ވަނީ އެ ކުންފުނިން ފާހަގަކޮށްފައެވެ. އެ ގޮތުން، މަންދު ކޮލެޖުގެ 40 އިންސައްތައަކީ ޓީޗިން ދާއިރާގެ ކޯސްތައް ކަމަށާއި އީލާނިން މޮޑަލިޓީގައި އެ ދާއިރާއަށް ދަރިވަރުން އެންރޯލް ނުކުރެވިއްޖެނަމަ ކޮލެޖުގެ އެންރޯލްމަންޓް ދަށްވާނެ ކަމަށް ބުނެފައިވެއެވެ. އަދި ފީސިބިލިޓީ ގެއްލި، އަނެއް 60 އިންސައްތަ ކުދިންގެ ކިޔެވުން ހުއްޓުމަކަށް އަންނާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.

ޓީޗިންގެ ޑިގްރީ އަދި މާސްޓާސް އަށް ކިޔަވާ ވަރަށް ގިނަ ދަރިވަރުންނަކީ މިހާރު ވެސް ސްކޫލްތަކުގައި ކިޔަވައިދޭ މީހުންނަށް ވުމާއެކު އޮންލައިންކޮށް ނުކިޔެވޭ ނަމަ، ރަށުން ބޭރަށް ދާން ޖެހި އެތައް ބައެއްގެ ކިޔެވުމަށް ހުރަސްއެޅޭނެ ކަމަށް ދައުވާގައި ވެއެވެ. އަދި އެތައް ބައެއްގެ ވަޒީފާ ވެސް މިކަމުގެ ސަބަބުން ގެއްލުމުގެ ބިރު އެބަ އޮތް ކަމަށް ވެސް ދައުވާގައިވެއެވެ.

ފަނޑިޔާރު މުހައްމަދު ފައިސަލާއި ފަނޑިޔާރު ފާތިމަތު ފަރުހީޒާ އަދި ފަނޑިޔާރު ހުޒައިފާ މުހައްމަދު ބައްލަވާ މި މައްސަލައިގައި އެދިފައިވާ ވަގުތީ އަމުރު މި ކަންކަމަށް ބަލައި ނެރުއްވީ ތިން ފަނޑިޔާރުންގެ ވެސް އިއްތިފާގުންނެވެ.

ޑޮކްޓަރުކަމުގެ ކޯހާއި ޓީޗިން ކޯސްތައް ހިމެނޭހެން އަށް ކޯހެއް އޮންލައިންކޮށް ކުރިއަށް ނުގެންދެވޭނެ ކަމަށް އެމްކިއުއޭއިން މިދިޔަ އަހަރުގެ އޯގަސްޓު މަހު ކަނޑައެޅިއެވެ.

އެގޮތުން އޮންލައިންކޮށް ނުގެންދެވޭނެ ކޯސްތަކުގެ ތެރޭގައި ޑޮކްޓަރުކަމުގެ ކޯހާއި ޑެންޓިސްޓްރީ ކޯހާއި މަސައްކަތްކުރުމަށް ހާއްސަ ލައިސެންސެއް ބޭނުންވާ ހެލްތު ސައިންސަސްއާ ގުޅޭ ކޯހާއި ނާސިން ކޯހާއި ގުރުއާން އަދި ގުރުއާނާ ގުޅުން ހުރި ދާއިރާތަކުގެ ކޯސް ހިމެނެއެވެ.