ތަކުރާރުކޮށް ކުށްކުރަމުންދާ ޒުވާނަކު 92 ވަނަ ފަހަރަށް ހައްޔަރު ކުރުމުން 30 ދުވަހަށް ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން އަމުރު ކޮށްފިއެވެ.

މާލޭގައި ދިރިއުޅެމުންދާ ތ. ތިމަރަފުށްޓަށް ނިސްބަތްވާ އުމުރުން 33 އަހަރުގެ އެ ޒުވާނާ އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރީ ވައްކަމުގެ ތުހުމަތުގައި ހައްޔަރު ކުރުމަށްފަހުއެވެ.

އޭނާގެ ބަންދަށް 30 ދުވަސް އިތުރުކުރި ކޯޓު އަމުރުން އެނގޭ ގޮތުގައި މީގެ ކުރިން އޭނާ ވަނީ 91 ފަހަރު ހައްޔަރު ކޮށްފައެވެ. އެއީ އެކި ކުށްތަކުގެ ތުހުމަތުގައެވެ.

ކޮންމެ ދުވަހަކުހެން ވައްކަމާއި މަސްތުތާތަކެތީގެ މައްސަލަތަކުގައި މީހުން ހައްޔަރުކޮށް ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރެއެވެ. އޭގެ ތެރޭގައި ތަކުރާރުކޮށް ކުށް ކުރުމުގެ ތުހުމަތުގައި ހައްޔަރު ކުރާ މީހުން ތިބޭއިރު އެއްބަޔަކު އެ މީހުން ކުރާ ކުށަށް އިއުތުރާފް ވެސް ވެއެވެ.