ވ. ކެޔޮދޫ މިސްކިތަށް ގެއްލުންދީ، އެ މިސްކިތުގައި ހުރި ޚަތިމުތަކުގެ ގަނޑުތައް ވީދާލި މީހާ ޝަރީއަތް ނިމެންދެން ބަންދުކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު "ސަން"އަށް ވިދާޅުވީ އެ އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރަން ކެޔޮދޫ މެޖިސްޓްރޭޓް ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ ހޯމަ ދުވަހުގެ ރޭ 11:50 ހާއިރު ފުލުހުންނަށް މައްސަލަ ރިޕޯޓްކުރުމުން 27 އަހަރުގެ ފިރިހެނަކު އެ ރޭ ހައްޔަރުކުރި ކަމަށެވެ.

މިއީ ކެޔޮދޫ މިސްކިތަށް ގެއްލުން ދިން ފުރަތަމަ ފަހަރެއް ނޫނެވެ. އެގޮތުން ހޮނިހިރު ދުވަހު ވަނީ ކެޔޮދޫ މިސްކިތުގައި ހުރި ޚަތިމުތައް ވީދާލައިފައެވެ. އަދި މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ވެސް އެ ފަދަ ކަމެއް ފެންމަތިވިއެވެ.

އެކަމަކު އޭރު ވެސް ޝައްކުވާ މީހަކު ނެތެވެ.

"ސަން"އާ ވާހަކަ ދައްކަވަމުން ކެޔޮދޫ ކައުންސިލްގެ ނައިބު ރައީސް އަހްމަދު ސަނީ އިބްރާހިމް ވިދާޅުވީ އޭނާ އަތުލައިގަތީ ރައްޔިތުން ނުކުމެ ކަމަށެވެ.

ކަން ހިނގިކޮށް ކިޔައިދެއްވަމުން ސަނީ ވިދާޅުވީ ހޯމަ ދުވަހުގެ ރޭ ވަގުތެއްގައި މިސްކިތް ކައިރީގައި އުޅޭ ޒުވާނަކު ބޭރަށް ނުކުތް ވަގުތު ބިއްލޫރިގަނޑެއް ތަޅައިގެންދިޔަ އަޑު އިވުނުކަމަށެވެ.

"އެ ވަގުތު އޭނާއަށް ފެނުނީ މީހަކު ނުކުމެގެން ދިޔަ ތަން މިސްކިތުން. ދެން އޭނާ ގޮސް މިސްކިތުން ނުކުތް މީހާ ގެނެސް ފުލުހުންނާ ހަވާލުކުރީ،" ސަނީ ވިދާޅުވިއެވެ.

ފަހުން ގޮސް ބެލިއިރު ފެނުނީ، މިސްކިތުގައި ނަމާދުކުރަން ބޭނުންކުރާ ގޮނޑިއަކުން ޖަހައި ބިއްލޫރިގަނޑު ތަޅައިލައިފައި ވަނިކޮށްނެވެ.

ކައުންސިލްގެ ނައިބު ރައީސް ވިދާޅުވީ އެ ޒުވާނާއަކީ ކުރިން ވަރަށް ރަނގަޅަށް އުޅެމުން އައި މީހެއް ކަމަށެވެ. އެހެން ނަމަވެސް، މި ފަހުން އޭނާގެ އުޅުމަށް ބަދަލުތަކެއް އައިސްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ފަހުން ވަރަށް ބޮޑަށް ލޯ ވެސް އަނދިރިވާން ފެށީ. ދައްކަނީ ހަމަޖެހޭ ވާހަކައެއް ނޫން. ދީން ދެކެ ވަރަށް ރުޅި އަންނަ ކަހަލަ ވާހަކަތަކެއް ދައްކަނީ،" ސަނީ ވިދާޅުވިއެވެ.

މި ކަން ހިނގުމާއެކު ރައްޔިތު އެންމެން ނުކުމެ ހަމަނުޖެހުމަކަށް މަގުފަހިވާ ހިސާބަށް ކަންތައް ގޮސްފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އަދި އޭނާއަށް ހަމަލާދޭން ވެސް ބައެއް މީހުން މަސައްކަތްކުރާތީ ފުލުހުންގެ ހިމާޔަތުގައި ވ. ފެލިދުއަށް އެ ރޭ ގެންގޮސްފައިވާކަމަށް ވިދާޅުވިއެވެ.