މިއަހަރު ތެރޭގައި ފުރުގާން މިސްކިތް ނިންމާ އެމިސްކިތުގެ ހިދުމަތް ދޭން ފެށޭވަރު ވާނެކަމަށް އިސްލާމިކް މިނިސްޓާ ޝެއިހް މުހައްމަދު ޝަހީމު އަލީ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

މިއަދު ހަވީރު މިނިސްޓާ ޝަހީމު ފުރުގާން މިސްކިތުގެ މަސައްކަތް ބައްލަވާލެއްވުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މިއަދު ވިދާޅުވީ ކޮންޓްރެކްޓަރު މަސައްކަތް ކުރަމުންދާ ރޭޓާ މެދު ހިތްހަމަޖެހޭ ކަމަށާއި މަސައްކަތް ނިމި މިއަހަރު ތެރޭ މަސައްކަތް ނިމޭ ވަރު ވާނޭ ކަމަށެވެ.

" މިހާރު މަސައްކަތް ދާ ސުޕީޑުން އަޅުގަޑަށް ލަފާކުރެވޭ މިއަހަރު ނިމެންވާއިރަށް މަސައްކަތް ނިމޭނެކަމަށް، މިހާތަނަށް މިމަސައްކަތް ލަސްވެފައިވާތީ އެކަމާ ވަރަށް ބޮޑަށް މާފައްއެދެން" ޝަހީމް ވިދާޅުވި އެވެ.

ފުރުގާން މިސްކިތުގެ މަސައްކަތްކުރާ މާރިސް ކޮންސްޓްރަކްޝަން އިން ބުނީ މިހާތަނަށް މަސައްކަތް ލަސްވެފައިވަނީ މަސައްކަތަށް ބޭނުންވާ ބައެއް ތަކެތި ނުލިބިގެން ކަމަށާއި ނަމަވެސް މިހާރު އެ ތަކެތި ލިބި މަސައްކަތް ވަރަށް ހަލުވި ކަމާއެކު ކުރިއަށް ދާކަމަށެވެ. އަދި މިއަހަރު ތެރޭގައި މިމަސައްކަތް ނިންމާލެވޭނެކަމަށް މާރިސް ކޮންސްޓްރަކްޝަން ބުނެ އެވެ.

ފުރުގާން މިސްކިތާ ބެހޭ ގޮތުން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފު ވިދާޅުވީ މިމަސައްކަތް އަވަސް ކުރުމަށް ޓަކައި ވަރަށް ގިނަ މަސައްކަތް ކޮއްފައިވާނެ ކަމަށެވެ.

"އަޅުގަނޑުގެ ދާއިރާގެ ރައްޔިތުނަށް މިމިސްކިތުގެ ހިދުމަތް ވީހާވެސް އަވަހަކަށް ފޯރު ކޮއްދިނުމަށް ޓަކައި ކަމާބެހޭ ފަރާތްތަކާ ވާހަކަ ދައްކައިގެން އެކަން އަވަސް ކުރުމުގެ މަސައްކަތް މިދަނީ ކުރަމުން" މަހުލޫފު ވިދާޅުވި އެވެ.

އިމާދުއަދީން ސުކޫލު ކައިރި ހުންނަ ފުރުގާން މިސްކިތް ހަދަން ފަށާފައިވަނީ 2007 ވަނަ އަހަރު އެވެ. އޭރު މިސްކިތް ހެދުމަށް ހަވާލު ކުރީ ވިމްލާ ކޮންސްޓްރަކްޝަނާ އެވެ. ނަމަވެސް އެދެވޭ ގޮތަށް މަސައްކަތް ކުރިއަށް ނުދާތީ މާރިސް ކޮންސްޓްރަކްޝަނާ ހަވާލުކުރީ 2011 ވަނަ އަހަރު އެވެ. މާރިސް ކޮންސްޓްރަކްޝަންގެ ކޮންޓުރެކްޓުގައި ބުނެފައިވަނީ މަސައްކަތް ނިންމަން ޖެހޭ ތާރީހަކީ މިއަހަރުގެ އޯގަސްޓް މަހުގެ ނިޔަލަށެވެ.