25 Apr 2023, 12:01
އުމްރާގެ އަޅުކަން ފުރިހަމަ ކުރުމަށް ސައުދީ އަރަބިއްޔާއަށް ގޮސް އުޅުނު ދިވެއްސެއް މަރުވެއްޖެއެވެ.
މަރުވެފައިވަނީ ގއ. ކޮލަމާފުށީ, ގަސްދޮށުގެ މުޙައްމަދު ޒަކީ, 83, އެވެ. އޭނާއާ އެކު އޭނާގެ އަންހެނުންގެ އާއިލާގެ އިތުރު ފަސް މީހުން އުމްރާއަށް ދިޔައެވެ.
އަލްބުރޫޖް ޖަމާޢަތުގެ ޙަވާލުގައި އުމްރާއަށް ދިޔަ އެ މީހާ މަރުވެފައިވަނީ މައްކާ ގަޑިން ރޭ ދަންވަރު 12 ޖަހާކަންހާއިރު ކަމަށް އެ ޖަމާއަތުން ވަނީ ބުނެފައެވެ.
އޭނާ މަރުވެފައިވަނީ މަދީނާ ޒިޔާރަތުގައި 2 ދުވަސް ހޭދަކުރުމަށްފަހު އިތުރު ޢުމުރާއެއް ކުރުމަށް މަދީނާގެ މީޤާތު ޛުލް ޚުލައިފާއިން އިޙްރާމް ބަނދެގެން އައިސް މައްކާގެ ހޮޓަލަށް އައިތަނާހެން ކަމަށް އަލްބުރޫޖް ޖަމާޢަތުން ބުންޏެވެ.
ޖިއްދާގައި ހުންނަ ދިވެހި ކޮންސިއުލޭޓާއި މައްކާގައި ކިޔަވަން ތިބޭ ދިވެހި ދަރިވަރުންގެ އެހީތެރިކަމާއެކު މިއަދު މެންދުރު ނަމާދަށްފަހު އޭނާޖެ ޖަނާޒާ މައްކާގެ މަސްޖިދުލް ޙަރާމްގައި ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.