26 Apr 2023, 09:27
ފްރެންޗް ފްރައިސް އާއި އެކި ކަހަލަ ތެލުލި އެއްޗެހި ކެއުމުގެ ސަބަބުން ޑިޕްރެޝަނަށް މަގުފަހިވާ ކަމަށް ދިރާއަކުން ދައްކައިފިއެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވެސް ލުއި ކާނާގެ ގޮތުގައި ތެލުލި އެކި ކަަހަލަ އެއްޗެހި ބޭނުން ކުރެއެވެ. މިއީ ހުރިހާ ސަރަހައްދެއްގައި ވެސް ކެއުމަށް މަގުބޫލު އެއްޗެއްސެވެ.
ޗައިނާގެ ހަންގްޒޫއަށް ނިސްބަތްވާ ރިސާޗު ޓީމަކުން ކުރިއަށް ގެންދިޔަ ދިރާސާއަކުން އެނގިގެން ދިޔައީ ތެލުލި އެއްޗެހި އާންމުކޮށް ކައި އުޅޭ ނަމަ އޭގެ ސަބަބުން އިންސާނާގެ ނަފްސާނީ ދުޅަހެޔޮ ކަމަށް ވެސް ގެއްލުން ވާ ކަމެވެ. ތެލުލި އެއްޗެހީގެ ތެރެއިން ވެސް އެންމެ ބޮޑު އަސަރެއް ކުރަނީ ފްރެންޗް ފްރައިސް ފަދަ އަލުވީގެ ބާވަތުން ކަމަށް މި ދިރާސާއިން ވަނީ ހާމަވެފައެވެ.
ސައިންސުވެރިން ކުރިއަށް ގެންދިޔަ ދިރާސާއަކީ 11 އަހަރު ތެރޭގައި 140،728 މީހުންގެ މައުލޫމާތަށް ބިނާކޮށް ކުރިއަށް ގެންދިޔަ ދިރާސާއެކެވެ. މި ދިރާސާއިން އެނގުނު އެއް ކަމަކީ ޒުވާނުންގެ ތެރޭގައި ތެލުލި އެއްޗެހި ކެއުމަށް މަގުބޫލު ކަމެއް އޮތް އިރު މި އަދަދު ގިނައީ ފިރިހެނުންގެ ތެރޭގައި ކަމެވެ.
ޕީއެންއޭއެސް ޖާނަލް އަށް ޝާއިއުކޮށްފައިވާ ދިރާސާއިން ބުނާގޮތުގައި ތެލުލި އެއްޗެހި ނުކައި އުޅޭ މީހުންނާ އަޅާ ބަލާއިރު އެ އާންމުކޮށް ކާ މީހުން ޑިޕްރެޝަން ހުރުމުގެ ފުރުސަތު ހަތް ޕަސެންޓުގައި އުޅޭއިރު އެންޒައިޓީ ހުރުން 12 ޕަސެންޓުގައި އެބަހުއްޓެވެ.
ޑިޕްރެޝަން ހުރުމުގެ ފުރުސަތު އެންމެ ބޮޑު ކަމަށް ފާހަގަކުރެވެނީ ޒުވާނުން މެދުގައި ކަމަށް ދިރާސާއިން ދައްކައެވެ.
ނަމަވެސް ނިއުޓްރީޝަންގެ ދާއިރާގެ މާހިރުން މިކަމާ ގުޅޭ ގޮތުން ބައެއް ކަހަލަ ހިޔާލު ތަފާތުވުންތައް އެބަހުއްޓެވެ. މިކަމާ ގުޅޭ މާހިރުން ބުނާގޮތުގައި ތެލުލި އެއްޗެހީގެ ސަބަބުން ޑިޕްރެޝަނަށް މަގުފަހި ވަނީ ކަމެއް ނުވަތަ ޑިޕްރެޝަންގެ ސަބަބުން މިފަދަ ކާއެއްޗެއްސާ ދިމާލަށް ދެވެނީ ކަމެއް އަދި ސާފު ނުވާ ކަމުގައެވެ. އެހެންވީމާ މި ދެކަމުގައި ގުޅުމެއް އޮތް ނަމަވެސް ސަބަބަކީ ކޮބައި ކަމެއް އަދި ސާފު ނުވާ ކަމަށް ބައެއް މާހިރުން ފާހަގަކުރެއެވެ.