ދައުލަތަށް ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރެއްވި މ. އޯޝަން ރީޑު, އާދަމް މޫސާ (ބުޗާގެ ދޮންމަނިކު) އަވަހާރަވެއްޖެއެވެ.

އާއިލާއާ އެކު އޮސްޓްރޭލިއާގައި ދިރިއުޅުއްވަމުން ގެންދެވި ބުޗާގޭ ދޮންމަނިކު އަވަހާރަވީ ރޭ ފަތިހު އެ ގައުމުގެ ބްރިސްބެންގައެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 91 އަހަރެވެ.

ސަރުކާރުގެ ހިދުމަތާ 1951 ވަނަ އަހަރު ގުޅިވަޑައިގަތް ދޮންމަނިކު ސަރުކާރުން ވަކިވެވަޑައިގަތީ 1998 ވަނަ އަހަރުއެވެ.

ބުޗާގޭ ދޮންމަނިކު ރަސްމިއްޔާތެއްގައި--

ފިލްމު ސެންސަރުބޯޑުގެ ކުރީގެ ޗެއާމަންކަން ގިނަ ދުވަސްތަކެއް ވަންދެން އަދާކުރެއްވި ދޮންމަނިކު ވަނީ ސަރުކާރަށް 40 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވާފައެވެ. އެއާ އެކު އޭނާއަށް ވަނީ ސަރުކާރުން ދެވަނަ ޕެންޝަން ވެސް ދެއްވާފައެވެ.

މަޙުކަމަތުލް އަމަންއާންމުގެ ކާތިބުކަމުން ސަރުކާރާ ގުޅިވަޑައިގަތް ދޮންމަނިކު ވަނީ ދާޚިލީ ވުޒާރާ އާއި ޕޯސްޓް އޮފީސް އަދި އޭރުގެ ކޮންޓްރޯލް އޮފް ކޮމިއުނިކިބަލް ޑިވިޝަންގައި އިސް މަގާމުތަކެއް އަދާކުރައްވާފައެވެ. އޭނާ ސަރުކާރުން ވަކިވެވަޑައިގަތްއިރު ހުންނެވީ ފިލްމު ސެންސަރު ބޯޑުގެ ޗެއާމަންކަމުގައެވެ.

ދޮންމަނިކަށް 22 ބޭފުޅުން ލިބިވަޑައިގަތްއިރު އޭނާ ވަނީ ތިން ކައިވެންޏެއް ކުރައްވާފައެވެ.