04 Aug 2010, 05:40
10:00
ސިޔާސީ ޕާޓީތަކަށް ސަރުކާރު ބަޖެޓުން ފައިސާގެ އެހީދެމުން އަންނަ ފަދައިން މަދަނީ ޖަމިއްޔާތަކަށް ވެސް ފައިސާގެ އެހީ ވެއްދެއްވޭނެ މަގު ތަނަވަސްކޮށްދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ ކްލަބް ޖަމިއްޔާތަކުގެ ގައުމީ ފޯރަމް ހުޅުއްވައިދެއްވުމަށް އިސްލާމިކް މިނިސްޓްރީގައި މިއަދު ހެނދުނު އޮތް ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުނެވެ. ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހަރަކާތްތެރިވަމުން އަންނަ ކްލަބް ޖަމްޢިއްޔާ ޖަމާޢަތްތަކުގެ ހިއްސާނެތި އަޅުގަނޑުމެން މިއުންމީދުކުރާ ބަދަލު، އަޅުގަނޑުމެންނަކަށް ނުގެނެވޭނެ ކަމަށެވެ. ވިސްނުމާއި އަމާޒާއި، ދެގޮތެއްނުވުމާއި ގިނަ ވަގުތު މަސައްކަތުގައި އުޅުމާއި މަސައްކަތުގެ ރަނގަޅު އަޚްލާގެއް އުފެއްދުމާ، މިހުރިހާ މަސައްކަތެއް ކުރެވިގެން ނޫނީ އަޅުގަނޑުމެން ދާން ބޭނުންވާ މަންޒިލަށް ދާން ހަގީގަތުގައި އުނދަގޫވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. އަދި ރާއްޖެ ކުރިއަށް ގެންދިޔުމުގައި، ރާއްޖޭގެ ޖަމްޢިއްޔާތަކަށް ބައިވެރިވެވޭނެ ގޮތްތަކާއި އެކަންކަމުގައި ބައިވެރިވެ ހަރަކާތްތެރިވާނެ އިންތިޒާމްތައް މިހާރަށްވުރެ ފުރިހަމަކުރުމަކީ، މިވަގުތު ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް ރައީސް ވިދާޅުވި އެވެ.
މިއަހަރުގެ ތެރޭގައި މިރާއްޖެ ދުވަހަކު ވެސް ނުދެކޭހާ ގިނަ ތަރައްޤީގެ މަޝްރޫޢުތައް ފަށައިގަނެވޭނެ ކަމަށާއި އަދި މިދިޔަ 50 އަހަރު ދުވަހު ހިންގުނު މަޝްރޫއުތަކުގެ ޖުމްލަ ފައިސާގެ އަދަދަށްވާ ވަރަށް މިއަހަރު މަޝްރޫޢުތައް ހިނގަން ފަށާނެ ކަމުގައި ވެސް ރައީސް ވިދާޅުވި އެވެ.
ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އޮފް ހޯމް އެފެއާޒް މުހަމަދު ޝިހާބު ވިދާޅުވީ ވޭތުވެދިޔަ ދެތިން ހަތަރު އަހަރު ދުވަހުގެތެރޭ ކޮންމެ އަހަރަކުވެސް ގާތްގަނޑަކަށް 150 ކްލަބް، ޖަމިއްޔާ، ޖަމާއަތް ރަޖިސްޓްރީ ކޮށްފައިވާ ކަމަށެވެ. އަދި މިހާރު ގާތްގަނޑަކަށް 1،100 އެއްހާ ޖަމިއްޔާ އުޅޭއިރު ގާނޫނާއި ގަވާއިދާ އެއްގޮތަށް ހިނގަނީ ގާތްގަނޑަކަށް 300 އެއްހާ ޖަމިއްޔާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ކޮންމެ އަހަރަކު ގާނޫނާއި ގަވާއިދާ ޚިލާފު ވެގެން އެތައް ޖަމިއްޔާ ތަކެއް އުވާލަން ޖެހޭ ކަމަށް ވެސް ޝިހާބު ވިދާޅުވި އެވެ.