25 Apr 2023, 10:18
ސައުދީ އަރަބިއާގެ ކިންގް ކަޕް އޮފް ޗެމްޕިއަންސްގެ ސެމީ ފައިނަލުގައި އަލް ވޭދާ އަތުން ބަލިވެ، ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯގެ ކެޕްޓަން ކަމުގެ ދަށުން ކުޅެމުންދާ އަލް ނަސްރު ކަޓައިފިއެވެ.
ކިންގް ސައުދު ޔުނިވާސިޓީގެ އަލް އަވާލް ޕާކްގައި ރޭ ކުޅުނު ސެމީގެ މެޗުގައި އަލް ވޭދާ އަތުން އަލް ނަސްރު ބަލިވީ 1-0 ގެ ނަތީޖާއަކުންނެވެ.
އެ މެޗުގެ ކުރީކޮޅުގައި ދެ ޓީމަށް ވެސް ގޯލު ޖަހާނެ ފުރުސަތުތަކެއް ލިބިގެންދިޔައެވެ. އެގޮތުން އަލް ވޭދާގެ ވަލީދު ބަކްޝްވީން އާއި ފައިސަލް ފަޖްރަށް ލިބުނު ފުރުސަތު ބޭކާރުވެގެންދިޔަ އިރު، އަލް ނަސްރުގެ ޓަލިސްކާ ފޮނުވާލި ދެ ހަމަލާ ވެސް ގޯލާ އަމާޒުވެފައެއް ނުވެއެވެ.
އަލް ނަސްރުގެ ކެޕްޓަން ރޮނާލްޑޯއަށް ވެސް ދެ ފުރުސަތެއް ލިބިގެންދިޔައެވެ. މެޗުގެ ނުވަވަނަ މިނެޓުގައި ލުއިޒް ގުސްޓާވޯ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ބޭރުން ރޮނާލްޑޯ ފޮނުވާލި ހަމަލާ ގޯލާ އަމާޒުވެފައި ނުވާ އިރު، މެޗުގެ 11 ވަނަ މިނެޓުގައި ގިސްލައިން ކޮނާން ނަގައިދިން ހުރަހަކުން ރޮނާލްޑޯ ފޮނުވާލި ހަމަލާ، އަލް ވޭދާގެ މޮރޮކޯ ކީޕަރު މުނީރު މުހައްމެދީ ވަނީ މަތަކޮށްފައެވެ.
މެޗުގެ 23 ވަނަ މިނެޓުގައި އަލް ވޭދާ އިން ވަނީ ގޯލެއް ޖަހައި ލީޑު ހޯދައިފައެވެ. އޮސްކާ ޑުއާޓޭ ދިން ބޯޅައަކުން އަލް ވޭދާއަށް އެ ގޯލު ކާމިޔާބުކޮށްދިނީ އެޓީމުގެ ފްރާންސް ފޯވަޑް ޖޯން ޑޭވިޑް ބޫގުއެލްއެވެ. ޕެނަލްޓީ އޭރިއާ ތެރެއިން އޭނާ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލީ ބައިސިކަލް ކިކަކުންނެވެ.
މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ނަތީޖާ ހަމަހަމަކުރުމަށް އަލް ނަސްރުން މަސައްކަތްތަކެއްކޮށް، ފުރުސަތުތަކެއް ހޯދިއެވެ. އެގޮތުން އަލް ނަސްރުގެ ޓަލިސްކާ އާއި އަލީ އަލް ހަސަނަށް ލިބުނު ފުރުސަތު ފާހަގަކޮށްލެވެއެވެ. އެ ދެ ހަމަލާ ވެސް އަލް ވޭދާގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ.
މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅުގައި ވެސް އަލް ނަސްރުން އެޓޭކުތަކެއްކޮށް، އަލް ވޭދާގެ ގޯލަށް ނުރައްކާކުރިއެވެ. އެގޮތުން ރޮނާލްޑޯގެ ދެ ހަމަލާއެއް ފާހަގަކޮށްލެވުނެވެ. މެޗުގެ 46 ވަނަ މިނެޓުގައި އަބްދުއްރަހުމާން ގަރީބް ނަގައިދިން ހުރަހަކުން ރޮނާލްޑޯ ބޮލުން ފޮނުވާލި ހަމަލާ އަލް ވޭދާގެ ކީޕަރު މުނީރު މަތަކުރި އިރު، އޭގެ ދިހަ މިނެޓު ފަހުން ހިލޭ ޖެހުމަކުން ރޮނާލްޑޯ ފޮނުވާލި ހަމަލާ ގޯލާ އަމާޒުވެފައެއް ނުވެއެވެ.
މެޗުގެ 64 ވަނަ މިނެޓުގައި ވެސް އަލް ނަސްރަށް ނަތީޖާ ހަމަހަމަކުރުމަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ޓަލިސްކާ ދިން ބޯޅައަކުން އަލް ނަސްރުގެ އަލީ އަލް ހަސަން ފޮނުވާލި ހަމަލާއެއް ގޯލުގެ ރިތީ ކަނަކަށް އަމާޒުވާން ދަނިކޮށް، އަލް ވޭދާގެ ކީޕަރު މުނީރު ވަނީ އެ ބޯޅަ މަތަކޮށްފައެވެ.
ދެވަނަ ހާފުގެ ފަހުކޮޅު ވެސް އަލް ނަސްރުން ކުރިއަށްޖެހި، ގިނަ މަސައްކަތްތަކެއް ކުރިއެވެ. ނަމަވެސް އަލް ނަސްރުން ކުރި މަސައްކަތްތައް އަލް ވޭދާގެ ޑިފެންސް ލައިނުން ވަނީ ހުއްޓުވައިފައެވެ.
ކިންގް ކަޕްގެ ފައިނަލުގައި އަލް ވޭދާ ނުކުންނަން ޖެހޭނީ އަލް ހިލާލްއާ ދެކޮޅަށެވެ. އަލް ހިލާލުން ފައިނަލުގެ ޖާގައެއް ހޯދީ ސެމީގައި 1-0 ގެ ނަތީޖާއަކުން އަލް އިއްތިހާދު ބަލިކޮށްގެންނެވެ.
ސައުދީ ލީގުގައި އެންމެ ފަހުން ކުޅުނު ދެ މެޗުން ވެސް އަލް ނަސްރަށް މޮޅެއް ހޯދިފައެއް ނުވެއެވެ. ލީގުގައި އަލް ފެއިހާއާ ދެކޮޅަށް ކުޅުނު މެޗުން ގޯލެއް ނުޖެހި އެއްވަރުވި އިރު، އަލް ހިލާލްއާ ދެކޮޅަށް ކުޅުނު މެޗުން 2-0 ގެ ނަތީޖާއަކުން ވަނީ ބަލިވެފައެވެ.
ސައުދީ ޕްރޯ ލީގުގައި އަލް ނަސްރު އޮތީ ކުޅުނު 24 މެޗުން ލިބުނު 53 ޕޮއިންޓާއެކު ތާވަލުގެ ދެވަނައިގައެވެ. އެއްވަނައިގައި އޮތް އަލް އިއްތިހާދުން ވަނީ 23 މެޗުން 56 ޕޮއިންޓު ހޯދައިފައެވެ.