25 Apr 2023, 10:17
ފިލްމު "ޖާނޭ ތޫ ޔާ ޖާނެނާ"އިން ބޮޑު މަގުބޫލުކަމެއް ހޯދި ބަތަލާ ޖެނީލިއާ ޑިސޫޒާ ފިލްމު ކުޅުމާ ދުރަށްދިޔައީ ފިރިމީހާގެ އެދުމަކަށް ނޫންކަމަށް ބަތަލާ ބުނެފިއެވެ.
ޖެނީލިއާއަކީ ދެހާހުގެ އަހަރުތަކުގެތެރޭގައި ހިންދީ ފިލްމުތަކުގެ އިތުރުން ސައުތް ސިނަމާގެ ފިލްމުތަކުން ވެސް ބެލުންތެރިންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދި ބަތަލާއެކެވެ. ފިލްމު "ތުޖޭ މެރީ ކަސަމް"އިން 2003ވަނަ އަހަރު ފިލްމީ ދާއިރާއަށް ނުކުތް ބަތަލާ ފިލްމު ކުޅުމާ ދުރަށްދާން ވިސްނީ އެކްޓަރު ރިތޭޝް ދޭޝްމުކްއާ ކައިވެނި ކުރުމަށްފަހުއެވެ.
ދިހަ އަހަރު ދުވަހުގެ މުއްދަތަކަށް ލޯބީގެގޮތުން ގުޅިގެން އުޅުމަށްފަހު ދެ ތަރިން ކައިވެނިކުރީ 2012ވަނަ އަހަރުގެ ފެބްރުއަރީ މަހުއެވެ.
އިންޑިއާގެ މިރްޗީ ޕްލަސްއިން ބަތަލާ ކަރީނާ ކަޕޫރު ގެނެސްދޭ ޑާބަރް ވިޓާ ޝޯވްގައި ވާހަކަދައްކަމުން ޖެނީލިއާ ބުނީ ކައިވެންޏަށްފަހު ފިލްމު ކުޅުމާ ދުރަށް ޖެހިލުމުގެ ނިންމުމަކީ އަމިއްލައަށް ބޭނުންވެގެން ނިންމި ނިންމުމެއް ކަމަށެވެ. އެ ދުވަސްވަރު ވަރަށް ގިނަ މީހުންނަށް ވިސްނިފައިއޮތީ ޖެނީލިއާ ފިލްމީ ކެރިއަރު ދޫކޮށްލީ ރިތޭޝްގެ އާއިލާގެ ޕްރެޝަރާއެކު ކަމަށްވެސް ބަތަލާ ބުނެފައިވެއެވެ. ސަބަބަކީ، ރިތޭޝްގެ އާއިލާއަކީ ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާ އާއިލާއަކަށް ވުމުންކަމަށްވެސް ޖެނީލިއާ ބުނެފައިވެއެވެ.
ނަމަވެސް ޖެނީލިއާއަށް ވިސްނުނުގޮތުގައި، ފިލްމީ ދާއިރާއަށް ބަތާލާ ދޭން ބޭނުންވިވަރަށް އޭރުވަނީ މަސައްކަތް ކޮށްދެވިފައި ކަމަށާއި އޭރު ބޭނުންވީ އާއިލާއާއެކު ވީހާވެސް ގިނަ ވަގުތު ހޭދަކުރުމަށްކަމަށް މި ޝޯވްގައި ޖެނީލިއާ ވަނީ ބުނެފައެވެ. ހާއްސަކޮށް ރިތޭޝްއާއި ދެމީހުން ލޯބީގެ ގޮތުން ގުޅިގެން އުޅުނުއިރު މަސައްކަތުގެގޮތުން ދެ މީހުން ގިނަ ވަގުތު ހޭދަކޮށްފައިވަނީ ވެސް ދުރުގައިކަމަށް ބަތަލާ ވަނީ ބުނެފައެވެ.
ކައިވެންޏަށްފަހު ދެ ކުދިން ލިބިފައިވާ މި ދެމަފިރިންނަކީ ބެލުންތެރިންގެ ލޯތްބާއި އިހްތިރާމް ހޯދާފައިވާ ސަޕޯޓަރުން ވަރަށް ލޯބިވާ އާއިލާއެކެވެ. ޖެނީލިއާ ދާދިފަހުން ފިލްމީ ދާއިރާއަށް އެނބުރި އައިސްފައިވާއިރު ފިލްމުކުޅުމަށް އެނބުރި އައީވެސް ރިތޭޝްގެ އެދުމުގެމަތިންކަމަށް ބަތަލާ ވަނީ ބުނެފައެވެ.
ފިލްމު "މަސްތީ"ގެ ބަތަލާ ފިލްމީ ދާއިރާއަށް އެނބުރި އައީވެސް ފިރިމީހާ ރިތޭޝް ޕްރޮޑިއުސްކުރި މަރާޓީ ފިލްމު "ވެދް"އިންނެވެ. މި ފިލްމުގެ އިތުރުން އިތުރު ހަތަރު ފިލްމެއްގެ މަސައްކަތް ކުރަމުންދާކަމަށް ވެސް ޖެނީލިއާ ވަނީ ބުނެފައެވެ.