މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބަށް ކެންޑިޑޭޓަކު ނުނެރެވިއްޖެ ނަމަ ޕީޕީއެމް އޮޔާ ދާނެ ކަމަށް މަރަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހީމް ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފް މިހެން ވިދާޅުވީ ޕީޕީއެމް އޮޔާ ދާނެތޯ ބައެއް މީހުން އޭނާއާ ކުރާ ސުވާލުތަކަށް ޖަވާބުދެއްވުމަށް ރޭ ކުރެއްވި ޓްވީޓުގައެވެ.

ޝަރީފް ވިދާޅުވީ އެއްވެސް ސަބަބަކާ ހުރެ ރިޔާސީ ކެންޑިޑޭޓަކު ނުނެރެވިއްޖެ ނަމަ ޕީޕީއެމް އޮޔާ ދާނެ ކަމަށެވެ. އަދި ވިދާޅުވީ މޯލްޑިވްސް ރިފޯމް މޫމެންޓް (އެމްއާރުއެމް) ހެން ކޮންމެވެސް ބޭފުޅެއްގެ ފަހަތުން އެނބުރޭ ކުޑަ ޕާޓީއަކަށް ޕީޕީއެމް ވާނެ ކަމަށެވެ.

އިދިކޮޅު ޕީޕީއެމްގެ އަސްލު ސައިޒް ދައްކާލުމަށް 'ކޮތަޅު'ގެ ނަމުގައި ޖަލްސާއެއް ބާއްވައި، އެ ޕާޓީން މެދުކަނޑާލާފައިވާ ސިޔާސީ ހަރަކާތްތައް ފެށުމަށް މިހާރު ވަނީ ތައްޔާރުވެފައެވެ.

އެ ޖަލްސާއަށް އިޝާރާތް ކުރައްވާ ޝަރީފް ވިދާޅުވެފައި ވަނީ 'ސައިޒް' ދައްކަން ބާއްވާ އެއްވެސް ޖަލްސާއެއްގެ ބޭނުމެއް ނޯންނާނެ ކަމަށާއި ޕީޕީއެމް ހަމަ ދާނީ އޮޔާ ކަމަށެވެ.

ވ. އާރަށް ކުއްޔަށް ދޫކޮށްގެން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލު ކުރައްވައި އަދި އެ ފައިސާ ލޯންޑާ ކުރެއްވިކަން އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީނުގެ މައްޗަށް ސާބިތުވާކަމަށް ކަނޑައަޅައި، 11 އަހަރުގެ ޖަލު ހުކުމެއް އެމަނިކުފާނުގެ މައްޗަށް ވަނީ އިއްވާފައެވެ. އަދި ހަމަސް ދުވަހުގެތެރޭ ފަސް މިލިޔަން ޑޮލަރު ދައުލަތަށް ދެއްކުމަށް ވެސް ވަނީ އަމުރުކޮށްފައެވެ.

އެހެންވެ، މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ޔާމީނަށް ކުރިމަތިލެވޭނެ ގާނޫނީ ހައިސިއްޔަތު މިވަގުތު ވަނީ ގެއްލިފައެވެ.

އިދިކޮޅު ކޯލިޝަން ހިންގުމާ ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުރަހީމް އަބްދުﷲ ވިދާޅުވެފައި ވަނީ ރައީސް ޔާމީނަށް އިންތިޚާބުގައި ވާދަ ކުރެވޭނެކަން ޔަގީން ކުރުމަށް ބޭރު ދުނިޔޭގައްޔާއި ރާއްޖޭގައި ވެސް ކުރަމުން އަންނަ ކަންކަމަށް ކުރިއެރުންތަކެއް ލިބި، އުއްމީދު އައު ވަމުން އަންނަ ކަމަށެވެ.

ރައީސް ޔާމީނަށް އިއްވި 11 އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފް މައްސަލަ ވަނީ މިމަހުގެ ހަތަރު ވަނަ ދުވަހުގައި ހައިކޯޓުން ބަލައިގެންފައެވެ. ނަމަވެސް އަދި މިއަދާ ހަމައަށް ވެސް، އަޑު އެހުންތައް ފަށާފައެއް ނުވެއެވެ.

ޕީޕީއެމުން ބުނަމުން އަންނަނީ އެ ޕާޓީގެ ޕޭލޭން 'އޭ ޓު ޒެޑާ' ހަމަ އަށް ވެސް ކެންޑިޑޭޓެއްގެ ގޮތުގައި ހުންނަވާނީ ރައީސް ޔާމީން ކަމަށެވެ. އަދި އިސްތިއުނާފް މަރުހަލާ ނުނިމުނަސް ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގައި އެމަނިކުފާނަށް އެއްވެސް ހުރަހެއް ނެތް ކަމަށް ބުނެފައިވެއެވެ.

ރައީސް ޔާމީންގެ ވަކީލުން ފާހަގަކޮށްފައިވާ ގޮތުގައި މިމަހުގެ ތެރޭގައި ހައިކޯޓުން މައްސަލަ ނިންމައި އެމަނިކުފާނު މިނިވަންވެވަޑައިގަންނަވާނެއެވެ.