ސަންޝައިން ޕިކްޗާސް އިން އުފައްދާ ވިޕުލް އަމްރުތްލާލް ޕްރޮޑިއުސްކުރާ ފިލްމު "ދަ ކެރެލާ ސްޓޯރީ" ރިލީޒްކުރުން މިފެށޭ މެއި މަހުގެ 5ވަނަ ދުވަހަށް ތާވަލުކޮށްފިއެވެ.

އަދާ ޝަރްމާ ލީޑްރޯލް ކުޅޭ މިފިލްމަކީ، ބައިނަލް އަޤްވާމީ ސަމާލުކަން ހޯދާފައިވާ އައިއެސް.އައިއެސްއިން އިންޑިއާގެ ކެރެލާ ސްޓޭޓްގައި ހިންގިކަމަށް ބުނާ ހަރަކާތްތައް ދައްކުވައިދޭ ފިލްމެކެވެ.

މި ފިލްމުގައި މައިގަނޑުގޮތެއްގައި ދައްކުވައިދޭނީ ކެރެލާ ސްޓޭޓްއިން 32،000އާ ކައިރިކުރާ ޢަދަދަކަށް އަންހެނުންތަކެއް ކުއްލިގޮތަކަށް ގެއްލެން މެދުވެރިވި ސަބަބުތަކަށެވެ. މިހުރިހާ އަންހެނުންނަކީ ވެސް އިސްލާމްދީން ޤަބޫލުކޮށްފައިވާ ފަރާތްތަކަށްވެފައި އެމީހުން ގެއްލެން ދިމާވި ހާދިސާގެ ފަހަތުގައި ފޮރުވިފައިވާ ޓެރަރިޒަމްގެ ޢަމަލުތަކުގެ ހަގީގަތް ފިލްމުގައި ދައްކުވައިދޭނެއެވެ.

ހިއުމަން ޓްރެފިކިންގް މައްސަލަތަކަށް އާއްމުން ހޭލުންތެރިކުރުވުމުގެ މަގުސަދުވެސް މި ފިލްމު މެދުވެރިކޮށް ހާސިލުކުރަން ބޭނުންވާކަމަށް ފިލްމު ޑައިރެކްޓްކުރާ ކުންފުނިން ވަނީ ބުނެފައެވެ. މިދިޔަ އަހަރު ފަހުކޮޅު ފިލްމުގެ ޓީޒާ ރިލީޒްކުރުމާއެކު ގިނަ ބައެއްގެ ފާޑުކިއުންތައް ފިލްމު ގެނެސްދޭ ކުންފުންޏަށް ވަނީ ރައްދުވެފައެވެ. ނަމަވެސް ފިލްމުގެ ޕްރޮޑިއުސަރު ބުނެފައިވަނީ މި ފިލްމަކީ އިންޑިއާގައި ހިނގި ވަރަށް ނުރައްކާތެރި ހާދިސާއެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެއްކަމުގައެވެ.

ފިލްމު އުފައްދާ މީހެއްގެ ހައިސިއްޔަތުން މިއީ އިންޑިއާއަށް ނިސްބަތްވާ ކޮންމެ މީހަކަށްވެސް އެނގުން މުހިއްމު ވާހަކަތަކެއްކަމުގައި ދެކޭކަމަށް ޕްރޮޑިއުސަރު ވަނީ ބުނެފައެވެ. ފިލްމުގެ ލީޑް ރޯލް ކުޅޭ ބަތަލާ އަދާ ޝަރްމާއަކީ ހިންދީ ފިލްމުތަކުގެ އިތުރުން ބައެއް ތެލުގޫ ފިލްމުތަކުންވެސް ފެނިފައިވާ ބަތަލާއެކެވެ. ބިރުވެރި ފިލްމު 1920އިން ބޮލީވުޑަށް ތައާރަފްވި ބަތަލާ އެންމެ ފަހުން ފެނިފައިވަނީ ދާދިފަހުން ރިލީޒްވި ފިލްމު "ސެލްފީ"އިންނެވެ.