25 Apr 2023, 00:23
ޗެލްސީގެ ކޯޗުކަމާ ހަވާލުވާނެތޯ ކުރާ ސުވާލަކީ ބޭކާރު ސުވާލެއް ކަމަށް މިވަގުތު ބާންލީގެ ކޯޗުކަމާ ހަވާލުވެ ހުރި ވިންސެންޓް ކޮމްޕެނީ ބުނެފިއެވެ.
ކޯޗިން ކެރިއަރު ފެށުމުގެ ކުރިން ކޮމްޕެނީ ވަނީ މެންޗެސްޓާ ސިޓީގެ ކެޕްޓަންގެ ގޮތުގައި އިނގިރޭސި ޕްރިމިއާ ލީގުގައި ކާމިޔާބީތަކެއް ހޯދައިފައެވެ. މިސީޒަނުގައި އިނގިރޭސި ދެވަނަ ޑިވިޝަންގައި ބާންލީއާއެކު ރަނގަޅު ނަތީޖާތަކެއް ހޯދަމުންދާ ކޮމްޕެނީއަށް ވަނީ "އީއެފްއެލް އެވޯޑްސް" ގައި އަހަރުގެ އެންމެ މޮޅު ކޯޗުގެ އެވޯޑު ވެސް ލިބިފައެވެ.
ރިޕޯޓުތައް ބުނާގޮތުގައި ޗެލްސީގެ ދާއިމީ ކޯޗަކަށް ގެންނަން ކޮމްޕެނީއާ ވަނީ މަޝްވަރާކޮށްފައެވެ. ނަމަވެސް އެކަމަށް ވިސްނަން ބޭނުންނުވާ ކަމަށް އޭނާ ވަނީ ބުނެފައެވެ.
"ތިއީ ބޭކާރު ސުވާލެއް. ތި ސުވާލުކޮށްގެން ނޫސްވެރިޔާއަށް ލިބޭނެ ފައިދާއެއް ވެސް ނެތް. ސީޒަން ފެށުމުގެ ކުރިން ވެސް، އެހެން ކަންކަމާ ނުވިސްނަން އަހަރެން ވާނީ ނިންމާފައި. އަހަރެން ދެކެނީ މިވަގުތު މަސައްކަތްކުރަމުންދާ ބަޔަކަށް އިހުތިރާމު ދޭން ޖެހޭނެ ކަމަށް. ފުރިހަމައަށް އެ މަސައްކަތްކުރާކަން ދައްކައިދޭން ޖެހޭނެ. އަހަރެން އެހެން އެއްވެސް ކަމަކާ ގުޅޭގޮތުން ވާހަކަދައްކާކަށް ބޭނުމެއް ނޫން،" 'ޓޯޯކްސްޕޯޓް' އިން ޗެލްސީއާ ގުޅޭގޮތުން ސުވާލުކުރުމުން ކޮމްޕެނީ ބުންޏެވެ.
ބޭންލީން މިހާރު ވަނީ އަންނަ ސީޒަނުގެ އިނގިރޭސި ޕްރިމިއާ ލީގުގެ ޖާގައެއް ކަށަވަރުކޮށްފައެވެ. އަދި އިތުރު އެއް މެޗު ކާމިޔާބުކުރުމުން އެޓީމަށް ޗެމްޕިއަންޝިޕްގެ ތަށި ވެސް ކަށަވަރުވާނެއެވެ.